2017 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކުލަބް (އޭ.ސީ.ސީއާރު.ސީ) އިން އިސްނަގައިގެން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރިމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ބާއްވައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ މެދުގައި ޓީމްތައް ބަހާލައިގެން 22 އެޕްރީލް 2017 ވަނަ ދުވަހު ވިލިމާލޭގައި ކުރިއަށް ގެންދެވުނު މި ސްޕޯޓްސް ފެސްޓިވަލްގައި އޭސީސީގެ ފިރިހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތަކާއި، އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔައެވެ. މުބާރާތުގައި އަންހެން 3 ޓީމް އަދި ފިރިހެން 4 ޓީމް ބައިވެރިވެފައިވެއެވެ.
އޭސީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ “ޓީމް ބްލޫ” އިންނެވެ. އަދި ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ “ފަތްމިނި” ޓީމުންނެވެ.
އޭސީސީއާރުސީގެ ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވި މުވައްޒަފުންގެ މެދުގައި ގުރުއަތެއްނަގައި، ގުރުއަތުން ހޮވުނުފަރާތަށް އަގުހުރި އިނާމެއް ވަނީ ދީފައެވެ. މި ސްޕޯޓްސް ފެސްޓިވަލް ނިންމާލާފައިވަނީ ހަވީރު ބޭއްވި ބާބެކިޔު އަކުންނެވެ.