އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ ގެ ނިމުން ފާހަގަ ކޮށްފި

12 May 2017

ދިވެހި މުޖްތަމަޢަކީ އިސްލާމީ ރިވެތި ސިފަތަކާއެކު ތަރައްޤީކޮށް ކޮރަޕްޝަނާ ފަސާދައަށް އެއްވެސް ފުރުސަތެއްނުދޭ ނަޒާހަތެރި ބަޔަކު ދިރިއުޅޭ މުޖްތަމަޢަކަށް ހެދުމަށް ދައުލަތުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި މަތިކުރެވިފައިވާ ފަރާތަކަށް ގޮވާލައި އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ރަސްމީ އިޤްރާރު މަހާސިންތާގެ ހުރިހާ ބައިވެރިން ފާސްކުރުމަށްފަހު “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” މިއަދު ހަވީރު ނިންމާލައިފިއެވެ.
މި މޭ މަހުގެ 10 އިން 11 އަށް، ކުރިއަށްގެންދިޔަ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި، ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާ ގުޅޭގޮތުން ދައުލަތުގެ 10 މުއައްސަސާއަކުން ޖުމްލަ 11 ކަރުދާސް ހުށަހަޅާފައިވެއެވެ. މަހާސިންތާ ނިމިގެންގޮސްފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް މުއައްސަސާތަކުގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ގޮވާލާ އެކުލަވާލާފައިވާ ޤަރާރެއް ބައްދަލުވުމުގެ ބައިވެރިން ފާސްކުރުމަށް ފަހުގައެވެ.
އޭސީސީއާއި ދިވެހިރާއްޖެގޭ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި މި މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެވެ. ނިންމުމުގެ ރަސްމިއްޔާތުގައި، ޖަލްސާގެ ޝަރަފްވެރި މެހެމާނުގެ އިތުރުން، އޭސީސީގެ ފަރާތުން ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވަނީ އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއަރޒް)، އަލްފާޟިލާ ޙައްވާ ލަޠީފް އެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި، މަހާސިންތާގެ ބައިވެރިންނަށާއި، ސްޕޮންސަރުންނަށާއި، ކަރުދާސް ހުށަހެޅުއްވި ދައުލަތުގެ މުޢައްސަސާތަކަށާއި، އެކިގޮތްގޮތުން މަހާސިންތާގައި އެހީތެރިވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލަޔާއި، ލިޔުން ހަވާލުކުރައްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×