އައްޑޫ ސިޓީގެ މަރަދޫފޭދޫ އަދި މަރަދޫ ސްކޫލްތަކުގެ ބެލެނިވެރިންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 17 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގާ ޢިމާރާތުގައެވެ.
މިއީ، ޔޫއެންޑީޕީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ “އިންޓެގްރިޓީ ފެސްޓިވަލް” ޕްރޮޖެކްޓްގެ ދަށުން ބޭއްވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަޤްޞަދަކީ، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ބާރުއެޅުމާއި، ނަޒާހަތްތެރި ދަރިއެއްގެ ގޮތުގައި އެ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާ ގުޅޭގޮތުން މަޢުލޫމާތުދީ، އެކަންކަމަށް ބެލެނިވެރިން ހޭލުންތެރިކުރުވުމެވެ.
މި ޕްރޮގްރާމްގައި މަރަދޫފޭދޫ އަދި މަރަދޫ ސްކޫލްތަކުގެ ބެލެނިވެރިންގެ ތެރެއިން 19 ބެލެނިވެރިއަކު ބައިވެރިވެފައިވާއިރު، ހޭލުންތެރިކުރުވުމުގެ ސެޝަން ހުށަހަޅައިދީފައިވަނީ އޭސީސީގެ ރިސަރޗް އޮފިސަރ ނާޞިރާ އިޤުބާލު އެވެ.