2010 ވަނަ އަހަރު އޮކްޓޯބަރ ހާތާނގައި އެއްވެސް ކޯޓޭޝަނެއް ނުހޯދައި ނުވަތަ އިޢުލާނެއް ނުކޮށް، 14,500/- (ސާދަހާސް ފަސްސަތޭކަ) ރުފިޔާއަށް ބައު ޓޭންކެއް ގަނެގެން ގެނެސް ރ.މާކުރަތު އިންޖީނުގޭގައި ބަހައްޓާފައިކަމަށާއި، އެޓޭންކް ގެނައި ދުވަހުން ފެށިގެން އެއްވެސް ބޭނުމެއް ކޮށްފައި ނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
މިމައްސަލައާ ގުޅިގެން ރ.މާކުރަތު ކައުންސިލްގެ އިދާރާގައި ހުރި މިމައްސަލައާގުޅޭ ލިޔެކިޔުންތައް ފޮނުވައި ދިނުމަށް މިކޮމިޝަނުން ރ.މާކުރަތު ކައުންސިލްގެ އިދާރާގައި އެދުމުން، އެ އިދާރާގައި އޮތީ ފައިސާގެ ބިލެއް އެކަނިކަމަށް ރ.މާކުރަތު ކައުންސިލްގެ ރައީސް ޙަސަން އަޙްމަދު ސޮއިކޮށް މިކޮމިޝަނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވީނަމަވެސް، ކައުންސިލަރުން ފައިލްތަކުން އެކި ލިޔުންތައް ކަމާގުޅޭ މުވައްޒަފުންނަށް ނޭނގި ނަގާކަމާއި، އަދި އޭގެތެރެއިން ބައެއް ލިޔުން ލިބިފައިނުވާކަން އެނގޭތީއާއި، ރ.މާކުރަތަށް މިކޮމިޝަނުގެ ތަޙްޤީޤު ޓީމުން ގޮސް ބެލިބެލުމުން ތެޔޮއަޅާ ޓޭންކް ގަތުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ޕޭމަންޓް ވައުޗަރާއެކު އެޓޭޗްކުރެވި ފައިލްކޮށްފައިވަނިކޮށް ފެނިފައިވާތީއާއި، އަދި އެމަސައްކަތް ކުރުވާފައިވަނީ ތަފާތު ތިން ފަރާތަކުން އަގު ހޯދައިގެން ކަމަށްވާތީއާއި، އަގު ބަލާފައިވަނީ އެއިދާރާގެ ދެމުވައްޒަފެއްގެ ޙާޟިރުގައި ކަން އެނގޭތީ، ރ.މާކުރަތު ކައުންސިލްގެ ރައީސް ޙަސަން އަޙްމަދު، ކަމާބެހޭ މުވައްޒަފުންގެ ފަރާތުން ފުރިހަމަ މަޢުލޫމާތު ނުހޯދައި ވަކި ފަރާތެއްގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަށްޓަކައި، މިކޮމިޝަނަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީގަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު 2000/2: (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 20ވަނަ މާއްދާގެ (ހ)ގެ ދަށުން ރ. މާކުރަތު ކައުންސިލްގެ ރައީސް ޙަސަން އަޙްމަދު (އަސްރަފީގެ، ރ.މާކުރަތު)ގެ މައްޗަށް ދަޢުވާ ކުރުމަށް 26 ޑިސެމްބަރ 2012 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.