ގދ.ތިނަދޫގައި ބޭއްވި ކެބިނެޓްގެ ޖަލްސާ ބޭއްވުމަށް ތިނަދޫ އާބާދީމަރުކަޒުގެ ކުޑަދޮރުތަކުގެ ދޮރުފޮތި ފަހައި ހަރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާތީ، ގދ.ތިނަދޫ ކައުންސިލްގެ ނާއިބުރައީސް މުޙައްމަދު ޒާހިރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

27 Jan 2013

2011 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ގދ.ތިނަދޫގައި ބޭއްވި ކެބިނެޓްގެ ޖަލްސާ ބޭއްވުމަށް ތިނަދޫ އާބާދީމަރުކަޒުގެ ކުޑަދޮރުތަކުގެ ދޮރުފޮތި ފަހައި ހަރުކުރުމުގެ މަސައްކަތް އިޢުލާންނުކޮށް ގަވާއިދާ ޚިލާފަށް ކުރުވައި ފައިސާ ދީފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛

23 އޮގަސްޓް 2011 ގައި ގދ.ތިނަދޫގައި ބޭއްވި ކެބިނެޓް ޖަލްސާއާ ގުޅިގެން ގދ.ތިނަދޫ އާބާދީމަރުކަޒުގެ ކުޑަދޮރުތަކުގެ ދޮރުފޮތި ފަހައި ހަރުކުރުމުގެ މަސައްކަތަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިޢުލާނުކޮށްގެން ކުރުވަންޖެހޭ މަސައްކަތަކަށް ވާއިރު، އެމަސައްކަތް ކުރުވާފައިވަނީ އިޢުލާންނުކޮށް ދެތަނަކުން ކޯޓޭޝަން ހޯދުމަށްފަހުގައިކަން އެނގެން އޮތުމާއި، މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ނުކުރީ އެމަސައްކަތް ކުރުވުމަށް ލިބުނީ ވަރަށްކުރު މުއްދަތެއް ކަމުގައި ވާތީކަމަށް ގދ.ތިނަދޫ ކައުންސިލްގެ ނާއިބުރައީސް މުޙައްމަދު ޒާހިރު ބުނެފައިވާއިރު، އެ ޙާލަތަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 15 (ދައުލަތުގެ ޕްރޮކިއުމަންޓް) ގެ 33 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ޙާލަތެއް މެދުވެރިވެގެން ސިންގަލްސޯސް ޕްރޮކިއުމަންޓް ބޭނުން ކުރެވޭނެފަދަ ޙާލަތެއް ކަމުގައި ނުބެލެވޭތީއާއި، އަދި އެމަސައްކަތް ކުރުމަށް ރައީސްއޮފީހުގެ ފަރާތުން ކޮންފަރމޭޝަނެއް ލިބުނީ މަސައްކަތް ކުރުމުގެ 2 ދުވަސްކުރިން ކަމަށް މުޙައްމަދު ޒާހިރު ބުނެފައިވާއިރު އެމަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ކަނޑައެޅިގެން އަންގާފައިނުވާތީއާއި، އެމަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތުގެ އެއްބައި މަސައްކަތް ކުރުވާފައިވަނީ ކޯޓޭޝަން ހުށަހެޅި އެހެން ފަރާތަކާ ޙަވާލުކޮށްގެންކަން އެނގެން އޮތުމާއި، އަދި މަސައްކަތް ކުރުމަށް ކޯޓޭޝަން ހޯދާފައިވަނީވެސް ހަމައެކަނި އެ ދެފަރާތުންކަން އެނގެން އޮތުމާއެކު، އެ މަސައްކަތަށް ކޯޓޭޝަން ހުށަހަޅާފައިވަނީ ޚާއްޞަ ރޭވުމެއްގެ ދަށުން ގުޅިގެންކަމަށް ބެލެވޭތީއާއި،ތިނަދޫ ކައުންސިލްގެ އިދާރާގެ ފަރާތުން މިމަސައްކަތް ކުރުވާފައިވަނީ ތިނަދޫ ކައުންސިލްގެ ނާއިބުރައީސް މުޙައްމަދު ޒާހިރުކަން އެނގޭތީއާއި، މިކަން މިގޮތަށް މުޙައްމަދު ޒާހިރު ކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް ބެލެވޭތީ،ގދ.ތިނަދޫ ކައުންސިލްގެ ނާއިބުރައީސް ގދ.ތިނަދޫ “ކޯންފްލެކް” މުޙައްމަދު ޒާހިރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް 27 ޑިސެމްބަރ 2012 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×