އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާބެހޭ ތަފްސީލީ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް އާންމުކޮށްފިއެވެ. މިފޮތް އާންމުކޮށްފައިވަނީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 23 އެޕްރިލް 2018 ވީ ހޯމަ ދުވަހު، ކޮމިޝަނުގައި ބޭއްވި، ޚާއްޞަ ޖަލްސާގައެވެ. މިފޮތް ނެރެދެއްވީ ކޮމިޝަނުގެ މެންބަރ އަލްފާޟިލާ އާމިނަތު މިންނާއެވެ.
މިއަތްމަތީ ފޮތުގައި ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުމަށާއި، ނަޒާހަތްތެރި ޖީލެއް ބިނާކުރުމުގެ ގޮތުން ހިންގާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމާއި، އަދި އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމާއި، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން އޭސީސީއިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްތަކާބެހޭ ތަފްސީލްތައް ވަނީ ހިމަނާފައެވެ. މި ފޮތުގައި ހިމެނޭ ތަމްރީނު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޭސީސީއަށް ހުށަހެޅުމުން އެ ޕްރޮގްރާމްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ގެންގޮސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިފޮތް މިހާރު އޭސީސީގެ ވެބްސައިޓުގައިވަނީ ޝާއިޢުކުރެވިފައެވެ.