ޖަމާލުއްދީން ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާ ބެހޭ މަޢުލޫމާތު ދީފި

30 Apr 2018

ޖަމާލުއްދީން ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި ޙަރަކާތް ކުރިއަށް ގެންދިޔައީ 24 އޭޕްރީލް 2018 ގައި ސްކޫލުގެ ގޯތިތެރޭގައެވެ. ސްކޫލުގެ ހެނދުނުގެ ދަންފަޅިއާއި މެންދުރު ފަހުގެ ދަންފަޅީގައި ކުރިއަށް ގެންދިޔަ ދެ އެސެމްބްލީގައި، ގްރޭޑް 2 އިން 10 އާ ދެމެދުގެ ގާތްގަނޑަކަށް 1650 ދަރިވަރުންނާއި މުދައްރިސުން އަދި ސްކޫލްގެ ނާޒިރާއި، އެހެނިހެން އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާ، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާ، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާ، އެކަމުގެ މުހިއްމުކަމާ، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް ޢާއްމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާ، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި އެސެމްބްލީ ގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކެވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކަމާ ބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×