ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން ބިނާކުރުމުގައި މުދައްރިސުންގެ ދައުރު’ ޕްރޮގްރާމް ކ.ހިންމަފުށީ ސްކޫލްގައި ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 24 ޖޫން 2018 ގައި، ކ. ހިންމަފުށީ ސްކޫލްގައެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންނާއި ސްކޫލްގެ ދައުރާބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.
ކ.ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް، ލީޑިންގ ޓީޗަރުން، ސްކޫލްގެ އެޑްމިނިސްޓްރޭޓަރ، މުދައްރިސުން އަދި ސްކޫލްގެ އެހެނިހެން މުވައްޒަފުންނާއެކު ޖުމްލަ 16 ބައިވެރިންނަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.
މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ކ.ހިންމަފުށީ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ހިންގުމަށް ކ.ހިންމަފުއްޓަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ހިންމަފުށީ ސްކޫލުންނެވެ.