އޭސީސީއިން މިއަހަރުގެ 2 ވަނަ ކުއާޓަރގައި 124 މައްސަލަ ރަޖިސްޓަރ ކޮށްފި

28 Aug 2018

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ 124 މައްސަލަ ރަޖިސްޓަރ ކޮށްފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 404 މައްސަލަ ވަނީ ރަޖސްޓްރީ ކުރެވިފައެވެ. މީގެތެރެއިން 124 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލައެވެ. 2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 152 މައްސަލައެވެ.

ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 110 މައްސަލައެވެ. 2017 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 99 މައްސަލައެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް ކޮމިޝަނުން ދަނީ ފޮނުވަމުންނެވެ. އެގޮތުން، މިއަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި 8 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 6 މައްސަލައެވެ.

މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 16 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2017 ވަނަ އަހަރުގެ އެމުއްދަތުގައި 26 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×