މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާތީއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާކުރުމަށް ނިންމައިފި

13 Feb 2013

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް ޑަބަލްކެބް ޕިކަޕެއް ގަތުމަށް ހެދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ގެންގޮސްފައިނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛

2006 ވަނަ އަހަރު އެމް.ޕީ.އޭ އަށް ޑަބަލްކެބް ޕިކަޕެއް ހޯދުމަށް ކުރެވުނު ނަންބަރު 113-F/I-2007/65 (30 އޮކްޓޯބަރ 2007) އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރި ފަރާތާއި އެމް.ޕީ.އޭ އާ ދެމެދު ވެވުނު އެއްބަސްވުމުގައި، އެމް.ޕީ.އޭ އަށް 2000 (ދެހާސް) ކިލޯ ބަރުދަން އުފުލޭ ޑަބަލްކެބް ޕިކަޕެއް ފޯރުކޮށްދޭން ވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، އެމް.ޕީ.އޭ އަށް ފޯރުކޮށްދިން ޑަބަލްކެބް ޕިކަޕަކީ 1250 (އެއްހާސް ދުއިސައްތަ ފަންސާސް) ކިލޯ ބަރުދަން އުފުލޭ ޕިކަޕެއްކަން ތަޙުޤީޤަށް ސާބިތުވާތީއާއި،

އެ ޕިކަޕާ ޙަވާލުވެފައިވަނީ އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ ޙުސައިން ޙިލްމީ ބުނެގެންކަމަށް އެމް.ޕީ.އޭ ގެ އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ ގްރޭޑް 03 މުޙައްމަދު އައިމަން ޑެލިވަރީ ނޯޓުގައި ލިޔެ ސޮއިކޮށްފައިވާތީއާއި، ޙުސައިން ޙިލްމީ މި ކޮމިޝަނަށް ދިން ބަޔާނުގައި ޕިކަޕާ ހަވާލުވުމަށް މުޙައްމަދު އައިމަންއަށް އަންގާފައިވާނެކަމަށް އެއްބަސްވެފައިވާތީ އާއި، އެމް.ޕީ.އޭ ގެ ގުޑްސް ރިސީވްޑް ނޯޓުގައި އެމް.ޕީ.އޭ ގެ މުވައްޒަފަކު މި ޕިކަޕަކީ އެމް.ޕީ.އޭ އިން ބޭނުންވެގެން އެދުނު ޕިކަޕެއް ނޫންކަން ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވާތީއާއި، އެ ޕިކަޕްގެ އަގު އަދާކުރިއިރު ވެހިކަލުން އުފުލޭ ބަރުދަނަށް އައިސްފައިވާ ބަދަލަށް ބަލައި އަގު ދަށްކޮށްފައިނުވާތީއާއި، އެ ފައިސާ ދޫކުރި ޕޭމަންޓް ވައުޗަރގައި ހުއްދަދިނުމަށް ސޮއިކޮށްފައިވަނީ އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ ޙުސައިން ޙިލްމީ އާއި އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ޙުސައިން ނަޢީމް ކަމަށްވާތީ، އެއީ އެފަރާތްތަކުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެވޭތީއާއި، އެފަރާތްތަކުގެ އެ ޢަމަލަކީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާކަމެއް ކަމަށްވާތީ، މއ.ފަހިވިލާ/ ކ.މާލެ ޙުސައިން ޙިލްމީ އާއި، ކ.މާލެ/ މ.އެމަތިސްޓް ޙުސައިން ނަޢީމް ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި ކުށުގެ ދަޢުވާކުރުމަށް 09 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.
އެމް.ޕީ.އޭ އަށް ފޯރުކޮށްދިން ޕިކަޕް އެމް.ޕީ.އޭ އަށް ބަލައިގެންފައިވަނީ އެމް.ޕީ.އޭ އިން އެ ޕިކަޕް 02 ވަނަ ފަހަރަށް އިންސްޕެކްޓްކުރި އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ތަޢުފީޤް އާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ޙުސައިން ނަޢީމް އަދި އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ރަޝީދު 20 މެއި 2008 ވަނަ ދުވަހު ކަމަށް ބަޔާންކޮށް ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ރިޕޯޓަށް ބަލައިގެން ކަމުގައިވާތީއާއި، އެ އިވެލުއޭޝަން ރިޕޯޓުގައި އެ ފަރާތްތަކުން ބަލާފައިވަނީ ކޮންކޮން ކަންތައްތަކެއްކަން އެނގެން ނެތްއިރު، ފުރަތަމަ އިންސްޕެކްޝަން ރިޕޯޓުގައި ރަނގަޅުކުރަން ބުނެފައިވާ ކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށާއި، އެމް.ޕީ.އޭ އަށް އެ ޕިކަޕް ބަލައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް ބަޔާންކޮށްފައިވާތީ، ޙުސައިން ނަޢީމް އަދި އަޙްމަދު ތަޢުފީޤް އަކީ އިވެލުއޭޝަން ކޮމެޓީގައި ހިމެނުނު 02 ފަރާތް ކަމުގައިވެފައި، އެމް.ޕީ.އޭ އަށް ބޭނުންވާ ޕިކަޕަކީ 2000 (ދެހާސް) ކިލޯގެ ބަރުދަން އުފުލޭ ޕިކަޕަކަން އެ 02 ފަރާތަށް އެނގިތިބެ، 1250 (އެއްހާސް ދުއިސައްތަފަންސާސް) ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއް އެމް.ޕީ.އޭ އަށް ބަލައިގަތުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާތީ،
އެ ޢަމަލަކީ، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެފައިދާ ދައުލަތަށް ނުލިބޭގޮތަށް ޢަމަލު ކޮށްފައިވާ ކަމެއްކަމަށްވާތީއާއި، އަދި އެ ފަރާތްތަކުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެގޮތުން ކޮށްފައިވާ ކަމެއްކަމަށް ފާހަގަކުރެވިފައިވާތީ، އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ 1250 (އެއްހާސް ދުއިސައްތަ ފަންސާސް) ކިލޯގެ ޑަބަލްކެބް ޕިކަޕް އެމް.ޕީ.އޭ އަށް ބަލައިގެންފައިވަނީ އެ އިންސްޕެކްޝަން ރިޕޯޓަށް ބަލައިގެން ކަމުގައިވާތީ، އެ ޕިކަޕް އިންސްޕެކްޓް ކުރި އެސިސްޓެންޓް ޑިރެކްޓަރ ކ.މާލެ/ހ.ހާޖަރާގެ އަޙްމަދު ތަޢުފީޤް އާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ކ.މާލެ/މ.އެމަތިސްޓް ޙުސައިން ނަޢީމް އަދި އެސިސްޓެންޓް ޑިރެކްޓަރ ކ.މާލެ/މއ.އަސްޓްރޮއިޑްސް އިބްރާހީމް ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި ކުށުގެ ދަޢުވާކުރުމަށް 09 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.
އެމް.ޕީ.އޭ ގެ ފަރާތުން ޕިކަޕާ ޙަވާލުވެފައިވަނީ އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ އަންގައިގެންކަމަށް އެސިސްޓެންޓް ޕްރޮކިޔުމެންޓް އޮފިސަރ ގރ-3 މުޙައްމަދު އައިމަން ބުނެފައިވީނަމަވެސް، އޭނާއަކީ އެމް.ޕީ.އޭ ޕްރޮކިޔުމެންޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށްވެފައި އެއްބަސްވެފައިވަނީ 2000 (ދެހާސް) ކިލޯގެ ބަރުދަން އުފުލޭ ޕިކަޕަކަށް ވެފައި، 1250 (އެއްހާސް ދުއިސައްތަ ފަންސާސް) ކިލޯގެ ބަރުދަން އުފުލޭ ޕިކަޕެއް ފޯރުކޮށްދިނުމުން އެ ޕިކަޕް މުޙައްމަދު އައިމަން ބަލައިގެންފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށްވާތީއާއި، ‘ވައުޗަރު ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ގަވާއިދު- 2006’ ގެ 8.28 ގައިވާ ގޮތުން ސަރުކާރުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، އެގްރިމެންޓާއި ޚިލާފަށް ކޮށްފައިވާ މަސައްކަތާއި ވިއްކާފައިވާ ތަކެތި ބަލައިގަނެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެސިސްޓެންޓް ޕްރޮކިޔުމެންޓް އޮފިސަރ ގރ-3 މުޙައްމަދު އައިމަން، އެދުވަސްވަރު އެމް.ޕީ.އޭގެ ފައިނޭންސް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ޑިރެކްޓަރ ޙުސައިން ޙިލްމީ އެ ޕިކަޕާ ހަވާލުވާން އެންގި ކަމުގައިވީނަމަވެސް، އެމް.ޕީ.އޭ އަށް ގަންނަން އެދުނު ޕިކަޕް ނޫން ޕިކަޕަކާ މުޙައްމަދު އައިމަން ޙަވާލުވީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށްވާތީއާއި، އެ ޢަމަލަކީ، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެފައިދާ ދައުލަތަށް ނުލިބޭގޮތަށް ޢަމަލު ކޮށްފައިވާ ކަމެއްކަމަށްވާތީ، އެސިސްޓެންޓް ޕްރޮކިޔުމެންޓް އޮފިސަރ ގރ-3 ސ.ފޭދޫ/ ވާރުގެ މުޙައްމަދު އައިމަންގެ މައްޗަށް ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރި ކުށުގެ ދަޢުވާކުރުމަށް 09 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×