މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި ޢަބްދުއްސަމީޢު ޙަސަންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

13 Feb 2013

2012 ވަނަ އަހަރަށް ކިޔަވާކުދިންނަށް ބޭނުންވާ ފޮތްތައް ޗާޕްކުރުވުމަށްފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެފޮތްތައް އެކި ރަށްރަށަށް ބެހުމަށްޓަކައި ޕާރުސަލްކުރުމުގެ މަސައްކަތަކީ 25,000.00 (ފަންސަވީސްހާސް) ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތެއް ނަމަވެސް، އެފޮތްތައް ޕާރުސަލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ހަމައެކަނި އެމިނިސްޓްރީގެ ނޯޓިސްބޯޑުގައި ކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
2012 ވަނަ އަހަރަށް ސްކޫލްކުދިންނަށް ބޭނުންވާ ފޮތްތައް ދޫކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހޯދުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިމަސައްކަތާ ގުޅިގެން ކޮށްފައިވާ އިޢުލާނު އާންމުކޮށްފައި ނުވާކަމާއި، މިމަސައްކަތް ކުރުވާފައިވަނީ މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ދެވިގެންކަމަށް ނުބެލެވޭކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމައެކަނި ނޯޓިސް ބޯޑުގައި އިޢުލާނު ޝާއިޢުކުރަނީ 25,000.00 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ދަށުގެ މަސައްކަތްތައް ކުރުވުމަށްކަން މިނިސްޓްރީގެ ލިޔުންތަކުން އެނގޭކަމާއި، މިމަސައްކަތާ ގުޅިގެން ކޮށްފައިވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޯޓިސްބޯޑު އިޢުލާނުގެ ކުރިން 25,000.00 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ އަގުބޮޑު އެއްވެސް މަސައްކަތެއް ނޯޓިސް ބޯޑުގައި އިޢުލާނުކޮށްގެން ކުރުވާފައި ނުވާކަން އެނގޭކަމާއި، މިމަސައްކަތާ ގުޅިގެން ނޯޓިސްބޯޑު ކޮށްފައިވާ އިޢުލާނުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރުމުގެ އިތުރުން، އެގްރީމަންޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ޢަބްދުއްސަމީޢު ޙަސަން ކަމާއި، މިމަސައްކަތް ކުރުމަށް އިޢުލާނު ކުރި ދުވަހުން ފެށިގެން މިމަސައްކަތުގެ އެގްރިމެންޓް ހެދި ދުވަހާ ދެމެދު ހޭދަވެފައިވާ މުއްދަތަށް ބަލާއިރު އެ މުއްދަތަކީ ގެޒެޓްގައި އިޢުލާނު ޖަހައިގެންވެސް މިމަސައްކަތް ޙަވާލުކުރުމަށް އެކަށީގެންވާ މުއްދަތެއްކަން ފާހަގަކުރެވެއެވެ. އަދި މިމަސައްކަތް ޙަވާލުކުރި ފަރާތުގެ އަންހެނުންގެ ޙިއްސާ އޮންނަ ކުންފުންޏެއްގެ ޙިއްސާދާރެއްގެ ގޮތުގައި 11 މެއި 2003ން 16 ފެބްރުއަރީ 2006ށް ޢަބްދުއްސަމީޢު ޙަސަން ހުރިކަންވެސް ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.
އެހެންކަމުން، 2012 ވަނަ އަހަރަށް ސްކޫލްކުދިންނަށް ބޭނުންވާ ފޮތްތައް ދޫކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހޯދުމުގައި މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިޢުލާނުކުރުމުގެ ބަދަލުގައި ހަމައެކަނި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި އިޢުލާނު ބަހައްޓައިގެން މިމަސައްކަތް ކުރުވާފައި އޮތްއޮތުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރޮކިއުމެންޓް ސެކްޝަނާ އިސްކޮށް ޙަވާލުވެ ހުރި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް މއ.އިސްޕަންޖުގޭ ޢަބްދުއްސަމީޢު ޙަސަން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން އެނގޭތީ، މއ.އިސްޕަންޖުގޭ ޢަބްދުއްސަމީޢު ޙަސަންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް 02 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×