މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ސ.ފޭދޫ ޗަބޭލީގެ ނޫރުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

13 Feb 2013

ސ.ފޭދޫ ޞިއްޙީ މަރުކަޒުގައި މެނޭޖަރުގެ މަޤާމު ނޯންނައިރު، އަދި 2012 ވަނަ އަހަރުގެ ބަޖެޓްގައި މެނޭޖަރެއްގެ މުސާރަ ހިމަނާފައިނުވާއިރު، 08 ފެބްރުއަރީ 2012 ގައި ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަނުން ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓަކަށް ހުރި ފަރާތަށް ޕްރޮމޯޝަންދީ މެނޭޖަރަކަށް ހަމަޖައްސާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިއިރު؛
ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މަޤާމުގައި ހުރި މުވައްޒަފު މެނޭޖަރެއްގެ މަޤާމަށް ބަދަލުކޮށްފައިވަނީ ކޮން އުޞޫލަކުންކަން ލިޔެކިޔުމުން އެނގެން ނެތްކަމާއި، ސ.ފޭދޫ ޞިއްޙީމަރުކަޒުގެ މެނޭޖަރގެ މަޤާމަށް އެމުވައްޒަފު ހަމަޖައްސައި އޭނާއާ ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ހިންގުން ޙަވާލުކުރުމާ ގުޅޭގޮތުން ސަދަން ހެލްތް ސާރވިސަސް ކޯޕަރޭޝަންގެ ބޯޑުގައި މަޝްވަރާކޮށްފައިނުވާކަމާއި، އަދި ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމުގައި ހުރި މުވައްޒަފަށް ޕްރޮމޯޝަނެއް ދިނުމަށް ނިންމި ނިންމުމަކީ ސަދަން ހެލްތު ސަރވިސް ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ނޫރުﷲ ސަޢީދު އަމިއްލައަށް ނިންމި ނިންމުމެއްކަމަށް އޭނާ ބުނެފައިވާތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނޫގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން ސ.ފޭދޫ ޗަބޭލީގެ ނޫރުﷲ ސަޢީދު ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށާއި، ނޫރުﷲ ސަޢީދުގެ މިޢަމަލުގެ ސަބަބުން ލެބޯޓްރީ ޓެކްނޮލޮޖިސްޓް މަޤާމުގައި ލިބެންޖެހޭ މުސާރައަށްވުރެ އިތުރަށް 2012 ފެބްރުއަރީން 2012 މެއިމަހުގެ ނިޔަލަށް 10,639.18 (ދިހަހާސް ހަސަތޭކަ ތިރީސް ނުވަރުފިޔާ އަށާރަ ލާރި) ރުފިޔާ މެނޭޖަރެއްގެ މަޤާމަށް ބަދަލުކުރި މުވައްޒަފަށް ދީފައިވާތީ، ދައުލަތުން އިތުރަށް ދީފައިވާ ފައިސާ ނޫރުﷲ ސަޢީދުގެ އަތުން ހޯދުމަށް ނޫރުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމަށް 09 ޖެނުއަރީ 2013 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.
މީގެއިތުރުން، ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމުގައި ހުރި މުވައްޒަފު މެނޭޖަރުގެ މަޤާމަށް ބަދަލުކޮށްފައިވަނީ، ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ސ.ފޭދޫ ޗަބޭލީގެ ނޫރުﷲ ސަޢީދު ގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކަމަށްވާތީ، ސ.ފޭދޫ ޞިއްޙީމަރުކަޒުގެ މެނޭޖަރެއްގެ މަޤާމަށް ބަދަލުކުރި މުވައްޒަފު، އޭނާ ކުރިން ހުރި މަޤާމުކަމުގައިވާ ސ.ފޭދޫ ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމަށް (ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމުގައި އޭނާއަށް ލިބެމުން އައި މުސާރައާއި އިނާޔަތްތަކާއެކު) ބަދަލުކުރުމަށް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑަށް ވާނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×