1ވަނަ ދަރަޖައިގެ ވެބްސައިޓުގެ މަޤާމު 3ވަނަ ފަހަރަށް އޭސީސީއަށް

18 Oct 2018

ދައުލަތުގެ އިދާރާތަކުން މަޢުލޫމާތު ހާމަކުރާ މިންވަރު ބަލައި އެންމެ ރަނގަޅަށް މަޢުލޫމާތު ހާމަކޮށްފައިވާ ވެބްސައިޓުގެ ގޮތުގައި 1ވަނަ ދަރަޖައިގެ މަޤާމު 3ވަނަ ފަހަރަށް އޭސީސީއަށް ލިބިއްޖެއެވެ.

1ވަނަ ދަރަޖައިގެ މަޤާމު ތިންވަނަ ފަހަރަށް އޭސީސީއަށް ލބިފައި މިވަނީ، 2018ވަނަ އަހަރުގެ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 17 އޮކްޓޫބަރު 2018 ވީ ބުދަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފުލާގައެވެ. މި ޙަފުލާގައި އޭސީސީގެ ފަރާތުން ދަރަޖައިގެ ސެޓްފިކެޓާ ޙަވާލުވެވަޑައިގަތީ އޭސީސީގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު އެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަ ކުރެވެނީ، ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައިވާ މިންގަނޑަށް، އެ އިދާރާއެއްގެ ވެބްސައިޓުގައި މަޢުލޫމާތު ހާމަކޮށްފައިވާ މިންވަރަށް ބަލައިގެންނެވެ. އޭގެއިތުރުން، އެ އިދާރާއަކުން ހާމަކުރާ މަޢުލޫމާތު އާކޮށް ތާޒާކުރަމުންދިއުމާއި، ނޯޓިސް ބޯޑުގައި މަޢުލޫމާތު އާންމުކޮށް ތާޒާކުރަމުން ދިއުމާއި، އިދާރާތަކުގެ ޔައުމިއްޔާ ލިޔެބަލަހައްޓާފައިވާ ގޮތުގެ މައްޗަށް ބަލާފައިވެއެވެ.

2016 ، 2017 ވަނަ އަހަރުގައިވެސް 1ވަނަ ދަރަޖަ އޭސީސީއަށް ލިބިފައިވާއިރު، 2018 ވަނަ އަހަރުގައި 1ވަނަ ދަރަޖަ އޭސީސީއަށް ލިބިފައިވަނީ 92.31 އިންސައްތަ މާކްސްއާއެކު އެންމެ މަތީން މާކްސް ހޯދައިގެންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×