އިޖުތިމާޢީ ގޮތުން ދުނިޔެއަށް ދިމާވެފައިވާ އެންމެބޮޑު ވަބާއަކީ “ކޮރަޕްޝަން” ކަމަށް އޭސީސީގެ ނާއިބުރައީސް ވިދާޅުވެއްޖެ

11 Dec 2018

އިޖުތިމާޢީ ގޮތުން ދުނިޔެއަށް ދިމާވެފައިވާ އެންމެބޮޑު ވަބާއަކީ ކޮރަޕްޝަންކަމަށް އޭސީސީގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއައްވިޒު ރަޝީދު މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާގައި އޭސީސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 10 ޑިސެންބަރު 2018 ވަނަ ދުވަހުގެ ރޭގައެވެ. މުޢައްވިޒު ރަޝީދުގެ ވާހަކަފުޅުގައި، ބައިނަލްއަޤުވާމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކޮރަޕްޝަނުގެ ސަބަބުން މުޅި ދުނިޔެއިން ގެއްލިގެންދާ ފައިސާ މިންވަރު ހާމަކޮށްދެއްވިއެވެ. އަދި، ފަހަކަށް އައިސް، ދުނިޔޭގައި ހިންގާ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކޮރަޕްޝަނުގެ ޢަމަލުތައް ކަމަށްވެސް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ރަސްމީ ސިފައެއްގައި މަސައްކަތް ފެށިގެން ގޮސްފައިވަނީ 1991 ވަނަ އަހަރުގައި ކަމަށާއި، މިއަދާއި ހަމައަށް ބަލާއިރު ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ރަނގަޅު ނޫންކަމަށާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އޭސީސީން ކުރަމުންދާ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށާއި، އެފަދަ ބޮޑު މަސައްކަތެއް އޭސީސީއަށް އެކަނި ނުކުރެވޭނެކަމަށާއި، ޤައުމުގެ ހުރިހާ ދާއިރާތަކުން މި މަސައްކަތުގައި އޭސީސީއަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރެވިއެވެ. އޭގެއިތުރުން، ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ވިދާޅުވެފައިވާ މުހިންމުކަންކަމަށް އަލިއަޅުވާލަމުން ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމެއް ޤާއިމްކުރުމަށް ހަމަހަމަކަމާއެކު އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެގޮތެއްގެ މަތީން ދެފުށްފެންނަ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާތީ އެކަން ފާހަގަކުރެއްވިއެވެ.

އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަން ނައްތާލުމަށް ޤާނޫނީ އިމުގެތެރެއިން ސަރުކާރުން ކުރަމުންދާ ހުރިހާ މަސައްކަތަކަށް އޭސީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށާއި، މީހުން ބަދަލުވިޔަސް ސިސްޓަމް ބަދަލުނުވާނަމަ ކޮރަޕްޝަނުގެ ޢަމަލުތައް ނުހުއްޓުވޭނެކަމަށް ވިދާޅުވިއެވެ. އެކަން ތަފްޞީލްކޮށް ވިދާޅުވަމުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ބޮޑެތި ޢަމަލުތައް ހިނގާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތޭރޭގައި ކަމަށްވާއިރު، އެކަންކަމަށް މަގުފަހިކޮށްދީފައިވަނީ ދައުލަތުގެ ތެރެއިން ގަވާއިދުތަކާއި، އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި، އޭސީސީން މިހާތަނަސް ބެލި އެންމެ ބޮޑު މައްސަލަ ކަމުގައިވާ އެމް.އެމް.ޕީ.އާރު.ސީ ގެ ތަޙުޤީޤުން ފާހަގަކުރެވުނު ބައެއް ކަންތައްތަކާ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ދީފައިވެއެވެ.

އޭސީސީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ދިމާވެފައިވާ ޙާލަތަށް ބަލައި، އޭސީސީ ހަރުދަނާކުރަންޖެހޭކަމަށް ޤަބޫލުކުރާ ކަމަށާއި، އެއީ، އޭސީސީގެ މެނޭޖްމަންޓަށް ނުވަތަ ހިންގުމަށް ނުވަތަ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސްގެންވިޔަސް އެކަން ކުރަންޖެހޭކަމަށާއި، އެކަންކަން ނުކޮށް ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެކަމަށް ޤަބޫލުނުކުރާކަމަށް ވިދާޅުވިއެވެ. އޭސީސީއަށް ދިމާވި ތަފާޓު ގޮންޖެހުންތަކާއެކު އޭސީސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ކަންތައްތައް އައު ސަރުކާރުގެ އިސްލާހީ އެޖެންޑާގައި ހިމެނިފައިވުމަކީ ޤައުމުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި އޭސީސީގެ އަމިއްލަ އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި، އެފަދަ ޤައުމީ ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމަށް އިލްތިމާސްކުރެވިއެވެ.

އޭސީސީ އުފެދިގެން މިއަދާއި ހަމައަށް 10 އަހަރު ވެގެންދިޔައިރު، ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި، ޤާނޫނީގޮތުންނާއި، ބަޖެޓާއި، ވަޞީލަތްތަކުގެ އިތުރުން، މުވައްޒަފުންނަށް ޖެއްސުންކުރުމާއި، އިދާރާތަކުގައި މަސައްކަތް ކުރަންޖެހޭ ޙާލަތުގައި ދިމާވި ދަތިތައް ފާހަގަކުރެވޭކަމަށާއި، މުވައްޒަފުން މިހާރުވެސް މަސައްކަތްކުރާ އޮފީސް މާހައުލަކީ އެކަށީގެންވާ ތަނެއް ނޫންކަމަށާއި، މިހުރިހާ ގޮންޖެހުންތަކަކާއެކުގައިވެސް، ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގައި އޭސީސީން ހޯދާފައިވާ ކާމިޔާބީތަކަކީ ފާހަގަކޮށްލެވޭނެ ކަންކަން ކަމަށާއި، މި ކާމިޔާބީތަކުގެ ޙަޤީޤީ ޙައްޤުވެރިންނަކީ ކޮމިޝަނުގެ މުވައްޒަފުން ކަމަށާއި، އޭސީސީގެ މަސައްކަތުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދައްނަވާކަމަށް ވިދާޅުވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×