ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ނަފްސަށް އިސްލާމީ ޝަރީޢަތް ތަންފީޛުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ގޮވާލައްވައިފި.

11 Dec 2018

ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ނަފްސަށް އިސްލާމީ ޝަރީޢަތް ތަންފީޛުކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ގޮވާލައްވާފިއެވެ.

ޢާއިޝަތު ޚަލީލާ މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 10 ޑިސެންބަރު 2018 ވަނަ ދުވަހުގެ ރޭގައެވެ. ޢާއިޝަތު ޚަލީލާގެ ވާހަކަފުޅުގައި، ނަޒާހަތްތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، ހައްޤު ނޫން މުދާ ބޭނުންކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ނަޒާހަތްތެރި މުޖުތަމަޢުއެއް ބިނާކުރުމުގައި ފަރުދީ ޒިންމާއާއި އަމިއްލަ ނަފްސު އިޞްލާޙުކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

ބިމުގެ ޚަލީފާއިން ކަމުގައި އިންސާނުން ލައްވާފައިވަނީ ބިން އާރާސްތުކުރުމަށް ކަމަށާއި، ބިން މަތީގައި ފަސާދަކުރުމަށް ނޫން ކަމަށާއި، ހާއްސަކޮށް ބާޠިލް ގޮތުގައި މުދާތައް ކައި އުޅުމުގެ ގޯސްކަން ބަޔާންކޮށްދެއްވައި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ޢަމަލު ކުރެވެމުން މިދަނީ އެންމެ ރަނގަޅަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށް އެކަމުން ދުރުވެގަންނަން ޖެހޭނެ ކަމަށާއި، އަދި އެނގިހުރެ ހައްޤުނޫން ގޮތުގައި ހޯދާ މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް މުދާތަށް އެހެން މީހުނަށްދީ، އެ ފަސާދާގައި އެހެން މީހުން ބައިވެރި ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

ހައްޤު ނޫން ގޮތުގައި މުދާ ހޯދާ ފަރާތްތަކަށް ﷲ ސުބުޙާނަހޫ ވަތައާލާއާއި ރަސޫލާ صلى الله عليه وسلم ލައުނަތް ލައްވާފައިވާކަމަށާއި، އެ މީހެއްގެ މައްޗަށް ލައުނަތް ލެއްވިފައިވާ މީހަކީ ﷲގެ ރަޙުމަތުން ބޭރުވެފައިވާ މީހެއްކަމަށާއި، އޭގެ އެއް މިސާލަކީ، ޚައިބަރު ހަނގުރާމާގައި ޝަހީދުވި ފަރާތްތަކުގެ ކަންތައްތައް ބައްލަވާލެއްވިއިރު، ހަނގުރާމައިގެ މައިދާނުގައި، ޣަނީމާ މުދާ ނެގުމުގެ މަސައްކަތް ޙަވާލުވެފައިވާ ފަރާތެއް، ޣަނީމާ މުދާ ބެހުމުގެ ކުރިން، އެ މުދަލުގެ ތެރޭގައި ހިމެނޭ ސާލެއް ޙައްޤު ނޫން ގޮތުގައި ނަގައި ބޭނުންކުރުމުގެ ސަބަބުން، އޭނާ ވަނީ ޚައިބަރު ހަނގުރާމާގައި ހަނގުރާމާކޮށް ޝަހީދުވުމުގެ ބަދަލުގައި، މަރުވެ ނަރަކައަށް ގޮސްފައިކަމަށް ރަސޫލާ صلى الله عليه وسلم އެ ކަލޭގެފާނުގެ ސަހާބިންގެ އަރިހުގައި ދަންނަވާފައިވާކަމަށާއި، އެއީ އާދައިގެ ކުޑަކުޑަ ފޮތި ކޮޅެއް ނެގުމުގެ ސަބަބުން ކަމަށްވާއިރު، މީހުންގެ މުދަލުންނާއި، ދައުލަތުގެ ހަޒާނާއިން ނުޙައްޤު ގޮތުގައި މިލިއަނުން ރުފިޔާ ނަގާއިރު، އެ ފަދަ މީހުންނަށް ދެއްވާނެ އަޒާބު ވަޒަންނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުމަކީ ހަމައެކަނި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށާއި، ތިމާއަށް ޙައްޤު ނޫން އެއްޗެއް ނުހިފުމަށާއި، ތިމާއަށް ޙައްޤު ނޫން މުސާރައެއް ނުނެގުމަށާއި، ތިމާއަށް ޙައްޤުނޫން ވަޒީފާއަކަށް ނުދިއުމަށާއި، ތިމާއަށް ޙައްޤުނޫން ސެޓްފިކެޓެއް ޙާޞިލްނުކުރުމަށާއި އަދި ތިމާއަށް ޙައްޤުނޫން ޕްރޮޖެކްޓެއް ނުނެގުމަށް އަމިއްލައަށް އަޒުމު ކަނޑައެޅުމަށް އިލްތިމާޒްކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×