އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅުނު މައްސަލައާ ގުޅޭ

18 Feb 2013

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ 12 ބުރީގެ އިމާރާތުގެ މަސައްކަތް އިތުރު އެއްބަސްވުމެއްގެ ދަށުން އަލުން ޙަވާލުކުރަން މަސައްކަތްކުރާކަމަށާއި، އެމަސައްކަތް ޙަވާލުކުރަނީ އިތުރު 83 މިލިއަން ރުފިޔާ ދޭގޮތަށްކަމަށާއި، އެކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން، މިކޮމިޝަނުން ވަކިގޮތަކަށް އަންގަންދެން އައި.ޖީ.އެމް.އެޗްގެ 12 ބުރީގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން އިތުރު އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރުމަށް 06 ފެބްރުއަރީ 2013 ގައި މިނިސްޓްރީ އޮފް ހެލްތަށް އަންގައި، މިދެންނެވި މައްސަލައަކީ ރައްޔިތުންގެ މުޙިންމު އަސާސީ ޚިދުމަތެއް ދިނުމާ ގުޅުންހުރި މައްސަލައެއް ކަމުން، މިމައްސަލަ މިކޮމިޝަނުން ވަރަށް އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްފަހު، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާކަމަށް ނުބެލެވޭތީ، އައި.ޖީ.އެމް.އެޗްގެ 12 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވައިގެން ކުރިޔަށް ގެންދިއުމާމެދު މިކޮމިޝަނުގެ އިޢުތިރާޒެއް ނެތް ކަމަށް 13 ފެބްރުއަރީ 2013 ގައި މިނިސްޓްރީ އޮފް ހެލްތަށް އަންގާފައިވާނެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ 12 ބުރީގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުގެ ފަރާތުން ބެލިއިރު، 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލޭ ހެލްތު ސަރވިސް ކޯޕަރޭޝަންގެ ފަރާތުން އެގްރިމެންޓަށް އެޑެންޑަމްއެއް އިތުރުކޮށް، މަސައްކަތުގެ އަގަކަށް އެއްބަސްވެފައިވަނީ އޮރިޖިނަލް ކޮންޓްރެކްޓްގެ އަގުން އޭރު ނުނިމިހުރި މަސައްކަތުގެ އަގުކަމުގައިވާ 34,545,737.94 ރުފިޔާއާއި އަންފައިނަލައިޒް ވޭރިއޭޝަންގެ ގޮތުގައި 4,057,016.53 ރުފިޔާއެކު ޖުމްލަ 38,602,754.47 ރުފިޔާއަށްކަން ފާހަގަކުރެވުނެވެ. އެދުވަސްވަރު އެ ޢިމާރާތް ފަރުމާކޮށްފައިވަނީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކޮޓަރިތަކެއް ހެދުމަށްކަން ފާހަގަކުރެވުނެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އެ ޢިމާރާތް، މާބަނޑު އަންހެނުންނާއި ކުޑަކުދީންގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކާ، އިންޖިނިއަރުންގެ ޓީމަކުން ސާރވޭކޮށް ހެދުމަށްފަހު، އެ ޢިމާރާތުގެ އިންޓީރިއާއަށް ބޮޑެތި ބަދަލުތަކެއްގެނެސް، މިދެންނެވިފަދަ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރުމަށް ނިންމާފައިވެއެވެ. އަދި އޭގެ ސަބަބުން ވޭރިއޭޝަނާއެކު މަސައްކަތުގެ އަގު 68,802,506.62 ރުފިޔާއަށް، ކުރިން އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވެއެވެ. މަސައްކަތުގެ އަގަށް މިއައި ބަދަލާއި ގުޅިގެން އާންމުކޮށް ޓެންޑަރަށް ހުޅުވާނުލާ، އެމަސައްކަތް ކުރިން ޙަވާލުކޮށްފައިވާ ފަރާތާއި ޙަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވަނީ އެ ޢިމާރާތް ނިންމުމަށްޓަކާ އެފަރާތުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، އަދި ހޯދާފައިވާ ތަކެއްޗަށް ދައްކަންޖެހޭ ފައިސާ މިހާތަނަށް ސަރުކާރުން ދައްކާފައި ނުވުމާއި އަދި އަލުން އެމަސައްކަތް ޓެންޑަރަށް ހުޅުވާލައިފިނަމަ މަސައްކަތުގެ އަގު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ ބޮޑުވެގެން ދާނެތީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×