އެއްވެސް އުޞޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާ ކަމަށާއި، އަދި އެސަރަހައްދުގައި ހުރި ބައެއް ގެސްޓްހައުސްތަކުން ކުރިމަތީގައި އޮތް ހުސްބިން އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީގެން ފައިދާ ނަގަމުންދާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން)ގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޢަމަލުކުރަމުންދާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ބެލި ބެލުމުގައި ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ހުޅުމާލޭ ބީޗް ސަރަޙައްދުން ގޯތި ވިއްކާފައިވަނީ ހަތަރު “ފޭސް” އަކަށް ބަހާލައިގެންނެވެ. އެ ހަތަރު ފޭސްގެ ގޯތި ވިއްކުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާގޮތުން، ގޯއްޗަކީ، އެއްބަސްވުމުގެ ދަށުން ވިއްކާ ހުޅުމާލޭގެ ބިމުން ގެދޮރު އެޅުމަށާއި ދިރިއުޅުމަށްޓަކައި ދޫކުރާ އެއްވެސް ޢިމާރާތެއް ކޮށްފައިނުވާ ކަނޑައެޅޭ ވަކި މިނެއްގެ ގޯއްޗެވެ. ކަނޑައަޅާފައިވާ ގޯތީގެ މިނުން ބޭރުން އެއްވެސް ތަނަކީ ގޯތީގެ ބައެއްގެ ގޮތުގައި ނުވަތަ ގޯތި ގަންނަ ފަރާތުގެ ހައްގެއް އޮތް ނުވަތަ ބޭނުންކުރެވޭނެކަމަށް އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.
2. ހުޅުމާލެ އިރުމަތީފަރާތުގެ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް އުސޫލެއް ކަނޑައެޅުމަށާއި، ވިޔަފާރި ބޭނުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ އަތުން ކަނޑައަޅާ ކުއްޔެއް ނެގުމަށާއި، އެތަނުގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތައް ކަނޑައަޅައި އެކަމާ ގުޅުންހުރި ކަރުދާހެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި އެކިފަހަރުމަތިން މަޝްވަރާކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
3. ހުޅުމާލެ އިރުމަތީފަރާތު ބީޗް ސަރަޙައްދު ވަގުތީގޮތުން ކުއްޔަށްދިނުމުގެ އުސޫލެއް 2017 ވަނަ އަހަރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެކުލަވާލައި 26 އޮކްޓޫބަރު 2017 ގައި އެކޯޕަރޭޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ. އެ އުސޫލުގައިވާގޮތުން ބީޗް ފްރަންޓުގައި ހުއްދަދީފައިވާ ވިޔަފާރިއެއް ހިންގާ ފަރާތްތަކުގެ ތެރެއިން އެކަމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް އަކަފޫޓަކަށް 12 ރުފިޔާއަށް ބީޗް ސަރަޙައްދު ކުއްޔަށްދެވޭނެއެވެ. އަދި މިކަމަށް އެދި ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް އެ ކޯޕަރޭޝަނުގެ ނަންބަރު HDC(161)-M/IU/2017/148 (26 އޮކްޓޫބަރު 2017) އިޢުލާނުން ދީފައިވެއެވެ.
4. 28 ނޮވެންބަރު 2017 ގައި އާންމުކޮށްފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަންބަރު HDC(161)-M/IU/2017/159 އިޢުލާނުގައި، ހުޅުމާލެ ބީޗް ސަރަޙައްދު ބޭނުންކުރުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާފައިނުވާ ފަރާތްތަކުން، އެތަނުގައި ބަހައްޓާފައިހުރި ތަކެތި ނަގައި އެ ސަރަޙައްދު ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށާއި އެ މުއްދަތުގައި ތަން ހުސްނުކޮށްފިނަމަ އެ ކޯޕަރޭޝަނުގެ ފަރާތުން އެތަން ހުސްކުރާނެކަމަށް އަންގާފައިވެއެވެ.
5. 3ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެކަމަށް އެދި ބައެއް ފަރާތްތަކުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަން އެނގެއެވެ. އެހެންނަމަވެސް އެކަމާގުޅުންހުރި ގިނަ ޝަކުވާތަކެއް ލިބުމާ ގުޅިގެން އެ އުސޫލަށް ޢަމަލުނުކޮށް އެ އުސޫލު ކޯޕަރޭޝަނުގެ ވެބްސައިޓުން ނަގާފައިވާކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދީފައިވެއެވެ. 2017 ވަނަ އަހަރު އެޗް.ޑީ.ސީގެ ވެބްސައިޓްގައި ޝާއިޢުކުރި “ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ވަގުތީ ގޮތުން ކުށްޔަށް ދިނުމާ ބެހޭ އުޞޫލު” އަށް ޢަމަލުކުރަން ފަށާފައި ނުވަނީ އެ އުޞޫލު އަލުން މުރާޖަޢާކުރުމަށް އެ ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޯޑުން ނިންމާފައިވާތީކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދީފައިވެއެވެ.
6. ހުޅުމާލެ، ބީޗް ސަރަހައްދު ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާ ގޮތާ ގުޅިގެން ޢާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ ހުޅުމާލެ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމުގެ މައްސަލައާ ގުޅިގެން އެޗް.ޑީ.ސީން ކުރަން ނިންމާފައިވާ ކަންތަކާ ގުޅޭ ޕްރޮޕޯޒަލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 19 ޑިސެންބަރު 2018 ގައި ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާގޮތުން ކުރިން ބަޔާންކޮށްފައިވާ އުސޫލުތަކަށް އެޗް.ޑީ.ސީން ޢަމަލުކޮށްފައިނުވަނީ ވިޔަފާރިވެރީންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ.
7. މޫދުކުޅިވަރު ކުޅުމަށް ހުޅުމާލޭގެ އިރުމަތިފަރާތު ގޮނޑުދޮށް ސަރަޙައްދާއި، މޫދު ބޭނުންކުރުމުގެ އުޞޫލެއްވެސް 2018 ވަނަ އަހަރުގެ އެޕްރީލްމަހު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެކުލަވާލައި ޢާންމުކޮށްފައިވެއެވެ. އެހެންނަމަވެސް އެ އުޞޫލާ އެއްގޮތަށްވެސް ޢަމަލުކޮށްފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.
8. ހުޅުމާލޭ ބީޗް ސަރަޙައްދުގައި ވިޔަފާރިވެރިން މޭޒު ބަހައްޓައިގެން ޚިދުމަތް ދޭން ފެށި ދުވަސްވަރު އެކަން “ބޮޑު”ކަމެއްގެ ގޮތުގައި ބަލާފައިނުވަނީ އެގޮތަށް ޚިދުމަތްދޭން ފެށުމުން އެ ސަރަޙައްދު ސާފުވެ، ޢާންމުކޮށް މީހުން އުޅޭ ތަނަކަށް ބަދަލުވެ، އެ ސަރަޙައްދަށް ދިރުން ލިބުންފަދަ ފައިދާތައް ފާހަގަކުރެވުމުންކަމަށް އެޗް.ޑީ.ސީއަށް މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް އެ ސަރަޙައްދުގައި އެއްވެސްކަހަލަ ޢިމާރާތެއްކޮށް “ސްޓްރަކްޗަރ”އެއް ހަދައިފިނަމަ އެތަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ރޫޅާލާފައިވާނެކަމަށްވެސް އެޗް.ޑީ.ސީއަށް މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ.
9. މިކޮމިޝަންގެ ތަޙުޤީޤަށް އެޗް.ޑީ.ސީން މަޢުލޫމާތުދިން ގޮތުގައި، ހުޅުމާލޭ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް އެކުންފުނިން ޕްލޭނެއް ގެންގުޅޭ ކަމަށާއި، އެގޮތުން އެ ޕްލޭނާ އެއްގޮތަށް ޢަމަލުކުރުން ލަސްވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ ފެންހޮޅި އަޅަންޖެހެނީ ބީޗް ސަރަޙައްދުން ލާފައި ކަމަށްވެފައި، މިހާރު އެ ސަރަޙައްދު ތަރައްޤީކުރަން ފަށައިފިނަމަ، އެ ފެން ހޮޅި އެޅުމަށްޓަކައި ތަން ހުސްކުރަން ޖެހިދާނެކަމަށްޓަކައި، ފެން ހޮޅި އަޅައި ނިމުމުން އެ ސަރަޙައްދު ކޯޕަރޭޝަނުގެ ޕްލޭނާ އެއްގޮތަށް ތަރައްޤީކުރުމުގެ މަޤްޞަދުގައިކަމަށެވެ.
10. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަންބަރުHDC(161)-M/IU/2018/96 (24 ޑިސެންބަރު 2018) އިޢުލާނުން، ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށުގައި އެއްވެސް ޢިމާރާތެއް ހަދައި ނުވަތަ އެ ސަރަޙައްދު ވިޔަފާރި އުޞޫލުން ބޭނުންކުރާ ފަރާތްތަކުން 31 ޖަނަވަރީ 2019ގެ ނިޔަލަށް އެ ސަރަޙައްދު ހުސްކުރުމަށާއި، އެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ކުރަމުންދާ ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލުމަށާއި، އެގޮތަށް ހަދާފައިހުރި ތަންތަން ނެގުމަށް އަންގާފައިވެއެވެ. އަދި އެ މުއްދަތުގައި ތަން ހުސްނުކޮށްފިނަމަ ކޯޕަރޭޝަނުން އެތަން ހުސްކުރާނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
11. އެޢިއުލާނާ ގުޅިގެން ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމާއި، އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް 3 ފެބްރުއަރީ 2019ގައި އެކުލަވާލައިފައިވާކަމަށާއި ނަމަވެސް އެޕްލޭނަށް އަމަލުކުރަން ފެށުމުގެ ކުރިން، ސަރުކާރުގެ ލަފަޔާއެކު މިވަގުތު އޭގެތެރެއިން އެއްވެސް ފަރާތަކަށް ފިޔަވަޅު ނޭޅުމަށް އެކުންފުނިން ނިންމާފައިވާކަމަށް އެޗް.ޑީ.ސީން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ.
12. އަދި އެޗް.ޑީ.ސީގެ ނަންބަރު HDC(161)-M/IU/2018/96 (24 ޑިސެންބަރު 2018) އިޢުލާނާ އެއްގޮތަށް ޢަމަލުކުރި ފަރާތްތަކަށް ވަކި ޝަރުތުތަކާއެކު އެސަރަހައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދައެއް ދިނުމަށާއި، އެގޮތުން އެ ކޯޕަރޭޝަނުން ޤާއިމްކުރާ ފެނުގެ ވިއުގަ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗް.ޑީ.ސީން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ.
13. ހުޅުމާލޭ ބީޗް ސަރަޙައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެޗް.ޑީ.ސީން ބަލާނެ ޝަރުތުތަކުގެ ގޮތުގައި 6 ކަމެއް ހިމަނާފައިވެއެވެ.
• ގޮނޑި، މޭޒުފަދަ ހިފާ ގެންގުޅޭ ފަރުނީޗަރ، ބިމަށް ހަރުނުކޮށް ބެހެއްޓުން؛
• އެއްވެސް ޒާތެއްގެ ޢިމާރާތެއް ނުވަތަ ހިޔާގަނޑެއް ނުހެދުން؛
• ސަރުކާރުގެ އެއްވެސް އިދާރާއަކުން މަނާކޮށްފައިވާ ކަމެއް ނުކުރުން؛
• ގަސްގަހާގެހި އުފުރާ ނުވަތަ ކަނޑާ ނުހެދުން؛
• އެސަރަޙައްދުގައި ތިމާވެއްޓަށް ގެއްލުންވާނޭފަދަ ކަމެއް ނުކުރުން؛
• މިސަރަޙައްދުގައި ބަހައްޓާ ގޮނޑި މޭޒުފަދަ ފަރުނީޗަރުތަކަކީ ޢާންމުންނަށް އެއްވެސް ޝަރުޠަކާނުލައި ބޭނުންކުރެވޭނެ ތަކެތި ކަމުގައިވުން. މިއެވެ.
14. ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދުގައި ވިޔަފާރުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް އެ ކޯޕަރޭޝަނުން ދީފައި ނުވާނެކަމާއި، ނަމަވެސް އެ ކޯޕަރޭޝަނުގެ ހުއްދައާއި ނުލައި ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
15. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ނިންމާފައިވަނީ، އެ ކޯޕަރޭޝަނުން ޤާއިމްކުރާ ފެނުގެ ވިއުގަ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށެންދެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމަށްކަމަށް ވާއިރު، އެ ފެނުގަ ވިއުގަ ޤާއިމްކުރަނީ ކޮން ތާރީޚަކު ކަމެއް އެނގޭކަށް ނެތެވެ. އަދި އެކަން ފެށުމަށް ނަގާނެ މުއްދަތެއް ވެސް އެނގޭކަށް ނެތެވެ.
16. އެ ކޯޕަރޭޝަންގެ ނަންބަރު HDC(161)-M/IU/2018/96 އިޢުލާނުން ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށާއި ހޭޅިފަށް ހިމެނޭ ސަރަހައްދުގައި އެއްވެސް އިމާރާތެއް ހަދައި އަދި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރަމުންދާނަމަ، އެކަން 31 ޖަނަވަރީ 2019 ގެ ނިޔަލަށް އެ ސަރަހައްދު ހުސްކުރުމަށް އެންގުމުން، ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމާއި، އަދި އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަށާއި، އެންގުމާ އެއްގޮތަށް ޢަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ޒިންމާދާރުގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް ފާހަގަކުރެވެއެވެ.
17. ހުޅުމާލޭ ބީޗް ސަރަޙައްދު ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އެޗް.ޑީ.ސީން ބަލާނެ ޝަރުތުތަކުގެ ގޮތުގައި 6 ކަމެއް ހިމަނާފައިވާއިރު މިހާރުވެސް ގިނަތަންތަން ބޭނުންކުރަމުންގެންދަނީ އެޗް.ޑީ.ސީން ކަނޑައަޅާފައިވާ މި ޝަރުތުތަކާ ހިލާފަށްކަން ފާހަގަކުރެވޭއިރު އެކަންތަކާ ގުޅޭގޮތުން އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަޅާފައެއްނުވެއެވެ.
މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ޤާނޫނުނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މިކޮމިޝަންގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 20 މެއި 2019ގައި އެންގިފައިވާ އެންގުންތައް ތިރީގައި މިވަނީއެވެ.
1. ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫންކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެން ވާކަމާއި، އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗް.ޑީ.ސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުންކަމަށް ބެލެވިދާނެކަމާއި މިއީ ކޮރަޕްޝަނަށް މަގުފަހިވާކަމެކެވެ. އެހެންކަމުން އަލުން ހުއްދަ ދިނުމުގައިވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައިވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫންކަމާއި، އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށާއި، އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައެވެ.
2. އަދި ހުޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުޞޫލެއް އެކުލަވާލައި އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައެވެ. އަދި އެފަދަ އުޞޫލު އެކުލަވާލާއިރު، ބީޗް ސަރަޙައްދަކީ ޢާންމުން ބޭނުންކުރާ ތަނެއްކަމަށް ދެކި، ޢާންމުންނަށްވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އެޞޫލް އެކުލަވާލުމަށްވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައެވެ.
3. ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަމުންދަނީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ރެސްޓޯރަންޓް ވިޔަފާރިކުރުމަށް ކަން އެނގެއެވެ. ކޮމިޝަނަށް ލިބިފައިވާ ބައެއް ޝަކުވާ ތަކުގައި ބައެއް ގެސްޓްހައުސްތަކުން އެ ގެސްޓްހައުސްއެއްގެ ކުރިމަތީގައިވާ ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުޙުމަތުކޮށްފައިވާތީ، މިކަމަކީ ޤާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުވާތީ، މިކަންވެސް ބަލައި ފިޔަވަޅު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައެވެ.
4. ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ދިނުމުގައި، އެކަމަކީ ވަގުތީ ގޮތުން ކުށްޔަށް ދޭ ދިނުމެއް ކަމަށް ވީނަމަވެސް، މައްސަލައިގައި މިހާތަނަށް ކަންތައް ވެފައިވާގޮތަށް ބަލާއިރު، އަދިވެސް ބައެއް ފަރާތްތަކުން އެޗްޑީސީ އިން އެންމެފަހުން ޢަމަލުކުރަން ނިންމި އުސޫލުތަކަށް އަދިވެސް ބޯނުލަނބާކަން ފާހަގަކޮށްފައިވާއިރު، އެ ކޯޕަރޭޝަނުން މިކަމަށް އެކަށީގެންވާފަދަ ފިޔަވަޅުތަކެއް އަލާފައިވާކަމަށް ފާހަގަކުރެވިފައެއްނުވެއެވެ. އަދި ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ތުޙުމަތުކުރެވިދާނެކަމެއްކަމާއި، މިއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށްވާތީ، މިކަން ސީރިޔަސް މައްސަލައެއްގޮތުގައި ދެކި، ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ އެންގިފައެވެ.