އައިސީއޭސީ ގެ ކޮމިޝަނަރ ގެ އަރިހަށް އޭސީސީގެ ފަރާތުން ޒިޔާރަތްކޮށްފި

23 May 2019

ހޮންކޮންގ ގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) ގެ ކޮމިޝަނަރ މިސްޓަރ ސިމަން ޕޭ ގެ އަރިހަށް އޭސީސީގެ ފަރާތުން މިއަދު ޒިޔާރަތްކޮށްފިއެވެ. މި ޒިޔާރަތަކީ މިހާރު ހޮންކޮންގގައި ކުރިއަށްދާ 7 ވަނަ އައިސީއޭސީ ސިމްޕޯޒިއަމް “ފައިޓިންގ ކޮރަޕްޝަން – އަ ނިއު ޕާސްޕެކްޓިވް” ގައި ބައިވުމަށް އޭސީސީގެ ފަރާތުން ކުރަމުންދާ ދަތުރުގެ ހަވާސާގެ ތެރެއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ހޮންކޮންގެ އައިސީއޭސީ ގެ ފަރާތުން ރާއްޖޭގެ އޭސީސީގެ ފަންނީ މުވައްޒަފުން ތަމްރީނުކުރުމާބެހޭގޮތުންނާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ދެމުއައްސާގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އޭސީސީގެ އިންވެސްޓިގޭޓަރުން ތަމްރީނުކުރުމުގައި ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ހޮންކޮންގ ގެ އައިސީއޭސީ ގެ ފަރާތުން ދެއްވާނެކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ވަފްދުގެ އިސްބޭފުޅަކީ ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދެވެ. އައިއޭސީސީ ގެ ފަރާތުން ކޮމިޝަނަރ މިސްޓަރ ސިމަން ޕޭ ގެ އިތުރުން އައިއޭސީސީ ގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއްވަނީ ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×