ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓާ ގުޅޭގޮތުން އޭ.ސީ.ސީން ތަޙްޤީޤުކޮށްފައިވާ މައްސަލައާގުޅޭ،

02 Jun 2019

ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސަކަތް ޙަވާލުކުރި ކުންފުނިން ސިފްކޯއަށް ލިބެންޖެހޭ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް އަންގައިފިއެވެ.

އެގޮތުން، މި މައްސަލައިގައި އޭ.ސީ.ސީން ސިފްކޯއަށް އަންގާފައިވާ އެންގުމުގައިވަނީ، މި މަސައްކަތް ފުރަތަމަ ޙަވާލުކުރެވުނު ފްރައިވެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓަރމިނޭޝަން އެގްރީމެންޓްގެ ދަށުން، އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ 3 ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އަނބުރާ ލިބިފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމާ ގުޅޭގޮތުންނެވެ.

މިމައްސަލަ މިކޮމިޝަނުން ތަޙުޤީޤުކުރި ކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކައް ބަލާއިރު، ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ އެގްރީމެންޓުގެ ދަށުން ޕްރޮޖެކްޓުގެ ޖުމުލަ އަގަކީ 638,110,440.00 (ހަސަތޭކަ ތިރީސް އަށް މިލިއަން އެއްސަތޭކަ ދިހަހާސް
ހަތަރުސަތޭކަ ސާޅީސް) ރުފިޔާއެވެ. އެއްބަސްވުމުގައިވާގޮތުން އެ ފައިސާގެ ތެރެއިން %40 (ސާޅީސް އިންސައްތަ) ޑައުންޕޭމެންޓުގެ ގޮތުގައި ދައްކަންޖެހޭނެކަމަށާއި، އެ %40 (ސާޅީސް އިންސައްތަ) ގެ ތެރެއިން %16 ފައިސާ ހޯދާނީ ފްލެޓް ތަކުގައި ހަދާ ކޮމާޝަލް ލޮޓްތައް ވިއްކައިގެންކަމަށާއި، 26 އިންސައްތަ ފައިސާ ދައްކާނީ ގަވަރމެންޓް ސަބްސިޑީގެ ގޮތުގައި ކަމަށާއި، 4 އިންސައްތަ ފައިސާ ދައްކާނީ ސިފްކޯއިން 24 މަހަށް ބަހާލައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބާކީ ފައިސާ ސިފްކޯއިން މަސަކަތް ޙަވާލުވި ކުންފުޏަށް ދައްކާނީ އެންޑް ޔޫޒަރ ފައިނޭންސް އުސޫލުން ފްލެޓް ލިބޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށްފަހު ފިކްސްޑް އިންސްޓޯލްމެންޓެއްގެ ގޮތުގައި 30 އަހަރަށް ބަހާލައިގެންނެވެ.

މަސަކަތް ޙަވާލުކުރެވުނު އެއްބަސްވުމުގެ ދަށުން ސިފްކޯއިން 125,938,079.00 (ސަތޭކަ ފަންސަވީސް ހާސް ނުވަސަތޭކަ ތިރީސް އަށްހާސް ހަތްދިހަ ނުވައެއް) ރުފިޔާ މަސަކަތް ޙަވާލުވި ކުންފުޏަށް ދައްކާފައިވާކަން ފާހަގަކުރެވެއެވެ. އެއީ، ފްލެޓް ލިބޭ ފަރާތްތަކުން ދައްކާފައިވާ 10,635,175 (ދިހަ މިލިއަން ހަސަތޭކަ ތިރީސް ފަސްހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ދައްކާފައިވާ 115,302,079.00 (ސަތޭކަ ފަނަރަހާސް ތިންސަތޭކަ ދެހާސް ހަތްދިހަ ނުވައެއް) ރުފިޔާ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2014 ވަނަ އަހަރުގެ ބަޖެޓުން 70,302,905.00 (ހަތްދިހަ މިލިއަން ތިންސަތޭކަ ދެހާސްނުވަސަތޭކަ ފަހެއް) ރުފިޔާ އަދި 2015 ވަނަ އަހަރުގެ ބަޖެޓުން 45,000,000.00 (ސާޅީސްފަސް މިލިއަން ރުފިޔާ ) ސިފައިންނަށް 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވެއެވެ.

މަސައްކަތް ހަވާލުކުރެވުނު ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާތީ، އެ އެގްރީމެންޓް 27 ޖަނަވަރީ 2016 ގައި ބާތިލުކޮށް ޓާމިނޭޝަން އެގްރީމެންޓެއް ހަދާފައިވެއެވެ. އަދި އެ އެގްރީމެންޓް ބާތިލުކުރުމާއި ހަމައަށް އެކުންފުޏަށް ސިފްކޯއިން ދައްކާފައިވާ 125,938,079.00 (ސަތޭކަ ފަންސަވީސް ހާސް ނުވަސަތޭކަ ތިރީސް އަށްހާސް ހަތްދިހަ ނުވައެއް) ރުފިޔާގެ ތެރެއިން އެހާތަނަށް އެކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ 33,367,439.73 (ތިރީސް ތިން މިލިއަން ތިންސަތޭކަ ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް ތިނެއް) ރުފިޔާ އުނިކުރުމުން ބާކީވާ 92,570,639.70 (ނުވަދިހަ ދެމިލިއަން ފަސްސަތޭކަ ހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް) ރުފިޔާ ސިފްކޯއަށް އަނބުރާ ދެއްކުމަށް ތިން ޕޯސްޓް ޑޭޓެޑް ޗެކް މަސައްކަތް ޙަވާލުވި ކުންފުނިން ހުށަހަޅާފައިވެއެވެ.

އެހެންނަމަވެސް، އެ ތިން ޗެކްވެސް އެކައުންޓުގައި ފައިސާ ނެތުމުން ބައުންސް ވެފައިވާކަން ފާހަގަކުރެވެއެވެ. އެ ފައިސާ ހޯދުމަށް ސިފްކޯއިން މަސަކަތްތަކެއް ކޮށްފައިވާކަން ތަހުޤީޤަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ޗެކް ބައުންސްގެ މައްސަލަ ހުށަހެޅުމާއި، އެ ފައިސާ ހޯދުމަށް އެޓަރނީ ޖެނެރަލްއާއެކު މަޝްވަރާކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

މަސައްކަތް ޙަވާލުވި ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ 92,570,639.70 (ނުވަދިހަ ދެމިލިއަން ފަސްސަތޭކަ ހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް)ރުފިޔާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުޏާ ޙަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކާއި ގުޅިގެން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން ސެޓްއޮފް ކުރުމުގައި އިއުތިރާޒް ނުކުރާކަމަށް ބަޔާންކޮށް އެކުންފުނީގެ ފަރާތުން ސިޓީއެއް ސިފްކޯއަށް ފޮނުވާފައިވެއެވެ.

ސިފައިންނަށް އެޅުމަށް ހަމަޖެހިފައިވާ 300 ފްލެޓް އެޅުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމަށް ކޮށްފައިވާ އެގްރީމެންޓުގެ ދަށުން މި މަސައްކަތް ފުރަތަމަ ޙަވާލުކުރެވުނު ފްރައިވެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ ކުންފުންޏާއެކު ސިފްކޯއިން ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، ދެފަރާތުގެ ދެމެދުގައި ހަދާފައިވާ ޓަރމިނޭޝަން އެގްރީމެންޓްގެ ދަށުން، އެ ކުންފުނީގެ ފަރާތުން ސިފްކޯއަށް ހުށަހަޅާފައިވާ 3 ޕޯސްޓް ޑޭޓެޑް ޗެކް ބައުންސްވުމާ ގުޅިގެން ސިފްކޯއަށް ލިބެންޖެހޭ 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އަނބުރާ ލިބިފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް ވަނީ އެންގިފައެވެ.

އެގޮތުން، އެ ފައިސާ ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްވާނަމަ، 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ އުނި ކުރުމަށްފަހު، އެ ކުންފުންޏަށް ފައިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ އެންގިފައެވެ. ހަމައެއާއެކު، ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނަމަ، 92,570,639.27 (ނުވަދިހަދެމިލިއަން ފަސްސަތޭކަހަތްދިހަހާސް ހަސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ދޭއް ހަތެއް) ރުފިޔާ ހޯދުމަށް، ޝަރީޢަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް އޭ.ސީ.ސީން ސިފްކޯއަށް ވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×