އަމިއްލަ ފަރާތަކުން ހިންގާ ޑިއުޓީ ފްރީ ފިހާރަތަކުގެ ކުލީގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާ ނުދައްކާވާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ތަޙްޤީޤުކޮށް ބެލި ބެލުމުގައި ފާހަގަކުރެވުނު ކަންތައްތައް ތިރީގައި މިވަނީއެވެ.
މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އަމިއްލަ ފަރާތަކުން މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ހިންގި ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 06، 07 އަދި 08 ކުއްޔަށް ހިފުމާގުޅޭ އެއްބަސްވުންތަކާއި އެއްގޮތަށް އެފަރާތުން އެމް.އޭ.ސީ.އެލްއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، އެ ފައިސާ ދެއްކުމަށް ދެފަހަރެއްގެ މަތިން ލުއިގޮތްތަކެއް އެމް.އޭ.ސީ.އެލް އިން ހަމަޖައްސައިދީފައިވެއެވެ. އެންމެ ފުރަތަމަ ލުއިގޮތްތަކެއް ހަމަޖައްސަދީފައިވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ވިޔަފާރިތަކަށް އައި ހީނަރުކަމުގެ ސަބަބުން އެފިހާރަތަކުގެ ވިޔަފާރި ދަށްވެފައިވާތީ ސަރުކާރުން އެފަރާތްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ނިންމުމާ ގުޅިގެންކަން ލިޔުންތަކުން އެނގެއެވެ.
އަދި ދެވަނަ ފަހަރަށް ލުއިދީ، ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ޑިއުޓީ-ފްރީ ފިހާރަތަށް ހިންގާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެންކަން ލިޔުންތަކުން އެނގެއެވެ.
އެހެންނަމަވެސް، އެމް.އޭސީ.އެލްއިން ދީފައިވާ ޑިފަރމަންޓް ތާވަލްއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީވެ ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 07، 31 ޖުލައި 2010 ގެ ނިޔަލަށް ބަންދު ކުރުމަށް އަންގާފައިވެއެވެ. އަދި އެ ފިހާރައިގެ ބޭންކް ގެރެންޓީއަށްވާ ފައިސާ، އެހާތަނަށް ކުލީގެ ގޮތުގައި ނުދައްކާވާ ފައިސާއިން ކަނޑާ، ބާކީ ދައްކާނެގޮތުގެ ތާވަލެއް ހަދައި، އެ ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައިވާކަން ލިޔުންތަކުން އެނގެއެވެ. އޭގެ ފަހުންވެސް ނުދައްކާހުރި ފައިސާ ދެއްކުމަށް ޑިފަރމަންޓް ތާވަލްތައް ތައްޔާރުކޮށްފައިވާކަމަށާއި، އެ ތާވަލްތައް ތައްޔާރުކޮށްފައިވަނީ އެމް.އޭ.ސީ.އެލްގެ 75 ވަނަ ބޯޑު ބައްދަލުވުމުން ނިންމައިގެންކަން އެނގެއެވެ. މީގެއިތުރުން، އެ ފިހާރަތަކުގެ އެއްބަސްވުމާއި އަދި އޭގެ ފަހުން ހެދުނު ތާވަލާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އެ ފައިސާ ދެއްކުމަށްއެދި އެމް.އޭ.ސީއެލްއިން ގިނަ އަދަދެއްގެ ސިޓީއާއި އީމެއިލްތައް އެ ފިހާރަތައް ކުއްޔަށް ހިފާފައިވާ ކުންފުންޏަށް ފޮނުވާފައިވާކަމާއި، އެފަރާތާއެކު ބައްދަލުވުންތައް ބާއްވާފައިވާކަން ލިޔުންތަކުން އެނގެއެވެ. ހަމައެހެންމެ، އެމް.އޭ.ސީ.އެލްއަށް ފައިސާ ދައްކަންޖެހި ގަވާއިދާއެއްގޮތަށް ފައިސާ ދައްކާފައިނުވާ ބައެއް އެހެން ކުންފުނިތަކާމެދުވެސް ޢަމަލުކޮށްފައިވަނީ މި އުޞޫލުންކަން އެނގެއެވެ.
ހަމައެއާއެކު، މި ފިހާރަތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 429,831.25 (ހަތަރު ލައްކަ ނަވާވީސް ހާސް އަށްސަތޭކަ އެއްތިރީސް ޔޫ.އެސް ޑޮލަރު ފަންސަވީސް ސެންޓް) ދައްކާފައިނުވާކަން ލިޔުންތަކުން އެނގެންއޮތްއިރު، އެ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުލި ނުދައްކާ ލަސްވެފައިވާ ދުވަސްތަކަށް މި މައްސަލާގައި ޖޫރިމަނާ ފައިސާ ހިސާބުކުރެވުނު ތާރީޙް ކަމުގައިވާ 16 އޭޕްރީލް 2019ގެ ނިޔަލަށް ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 100.00 (ސަތޭކަ) އެމެރިކާ ޑޮލަރުގެ މަގުން ދައްކަންޖެހޭ ޖުމްލަ 3,237,100.00 (ތިން މިލިއަން ދެ ލައްކަ ތިރީސް ހަތްހާސް އެއްސަތޭކަ) އެމެރިކާ ޑޮލަރާއެކު، މުޅި ޖުމުލަ 3,666,931.25 (ތިން މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަ ހާސް ނުވަސަތޭކަ އެއްތިރީސް ޑޮލަރު ފަންސަވީސް ސެންޓް) އެމް.އޭ.ސީ.އެލްއަށް ލިބެންޖެހޭކަން ލިޔުންތަކުން އެނގޭތީ، އެ ފައިސާ ހޯދުމަށް އެމް.އޭ.ސީ.އެލްއަށް މި ކޮމިޝަނުން ވަނީ އަންގާފައެވެ. މިއީ، ދަޢުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާކަން އެނގެންއޮތްއިރު، މިއީ ދިވެހި ރުފިޔާއިން ނަމަ 56,544,079.88 (ފަންސާސް ހަ މިލިއަން ފައްސަތޭކަ ސާޅީސް ހަތަރު ހާސް ހަތްދިހަ ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) އެވެ.