ޒަލްދާން އޮއިލް ސަޕްލައިސްއިން ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މީހުން ދިރިއުޅޭ ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، އެބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާ ކަމަށާއި، ޒަލްދާން އޮއިލް ސަޕްލައިސްއަކީ ގއ.ވިލިނގިލި ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި އާއިލީ ގޮތުންނާއި ސިޔާސީ ގޮތުން ގުޅުން އޮތް ފަރާތެއް ކަމަށާއި، އެބިމާ ގުޅިގެން ބައެއް ކައުންސިލަރުން ރިޝްވަތުގެ ގޮތުގައި ޒަލްދާން އޮއިލް ސަޕްލައިސްއިން ފައިސާ ނަގާފައިވާ ކަމަށާއި، އަދި އެ ކައުންސިލަރުންގެ އަމިއްލަ މަސްލަހަތާއި ފައިދާއަށް އިއުލާން ކުރުމެއް ނެތި އެބިމުގެ މުއްދަތު އިތުރުކުރަން ރާވަމުންދާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ފާހަގަކުރެވުނު ގޮތުގައި؛
ޒަލްދާން އޮއިލް ސަޕްލައިސްއަށް 15 އަހަރު ދުވަހަށް 8 މެއި 2002 ގައި ކުއްޔަށް ދީފައިވާ މުއްދަތު 7 މެއި 2017 ގައި ހަމަވުމުން “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ، އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން 24 މެއި 2017 ގައި ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާކަން.
ކައުންސިލުގެ އެ ނިންމުމާ ގުޅިގެން ޒަލްދާން އޮއިލް ސަޕްލައިސްއިން ގއ.ވިލިނގިލި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެމައްސަލަ އެފަރާތުން އަނބުރާ ނަގާފައިވާތީ އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް 30 އޮކްޓޯބަރ 2017 ގައި ގއ.ވިލިނގިލި ކޯޓުން ހުކުމް ކޮށްފައިވާކަން.
އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށްކަން. އަދި، ޚާއްސަކޮށް ޒަލްދާން އޮއިލް ސަޕްލައިސްއަކީ “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގައި ބަޔާންކުރާ ގޮތަށް ތެލުގެ ވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހުއްދަ ދީފައިވާ ފަރާތެއް ނޫންކަން.
އެބިމުގެ ކުލީގެ ގޮތުގައި ޒަލްދާން އޮއިލް ސަޕްލައިސްއިން ދައްކަންޖެހޭ ފައިސާ ގއ.ވިލިނގިލި ކައުންސިލްގެ އިދާރާއަށް ދައްކާފައި ނުވާކަން.
އެބިމަކީ “ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަދެވިދާނެ އަދި ތެލުގެ ވިޔަފާރި ކުރެވިދާނެ ބިމެއް ނޫންކަން.
“ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާ ބެހޭ ގަވާއިދު” ގެ ދަށުން އެބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހުއްދަ ނުދެވޭނެތީ އެބިމުގެ މުއްދަތު ހަމަވުމުން އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާއިރު، އަދި އެބިން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވިތާ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، އަދި އެބިން ޒަލްދާން އޮއިލް ސަޕްލައިސްއިން ބޭނުންކުރަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމުގައިވާއިރުވެސް، އެބިން ގއ.ވިލިނގިލި ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ގެނެސްފައި ނުވާކަން.
މިދެންނެވި ކަންތައްތައް މިކޮމިޝަނަށް ފާހަގަކުރެވުމުން، އެބިން ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން އަތުލައި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށާއި، އެބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޒަލްދާން އޮއިލް ސަޕްލައިސްގެ އަތުން ހޯދުމަށް މިކޮމިޝަނުގެ ނަންބަރު: 123-C3/407/2019/6 (31 މާރިޗު 2019) އިސްލާހުކުރުމަށް އަންގާ އެންގުމުންނާއި، ނަންބަރު: 123-C3/407/2019/9 (15 ޖުލައި 2019) ސިޓީއިންނާއި، ނަންބަރު: 123-C3/407/2019/12 (30 ޖުލައި 2019) ސިޓީއިން ގއ.ވިލިނގިލި ކައުންސިލަށް ވާނީ ތަކުރާރުކޮށް އަންގާފައެވެ.
ނަމަވެސް، މިކޮމިޝަނުގެ އެންގުމާ ޚިލާފަށް އަދި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެބިން އިތުރު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ގއ.ވިލިނގިލި ކައުންސިލުން ނިންމާފައިވާތީ، މިކޮމިޝަނުން އަންގާ އެންގުމަކީ މިކޮމިޝަނުން މައްސަލަ ބަލާ ނިންމުމަށްފަހު ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އަންގާފައިވާ އެންގުމަކަށްވާއިރު، އެ އެންގުމަށް ޢަމަލުކުރުމަކީ އެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެއްމެހާ ފަރާތްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމާއި، އަދި އެ އެންގުމާ އެއްގޮތަށް ޢަމަލުނުކުރުމަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ކުށެއް ކަމާއި، އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކޮމިޝަނުން ބަލައި އެކަމުގައި ޝާމިލުވާ ކައުންސިލަރުންނާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ވާހަކަ ގއ.ވިލިނގިލި ކައުންސިލުގައި ވާނީ ތަކުރާރުކޮށް ދަންނަވާފައެވެ.
މީގެ އިތުރުން، މިކޮމިޝަނުގެ އެންގުމާއި އަދި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ގއ.ވިލިނގިލި ކައުންސިލުގެ ބައެއް ކައުންސިލަރުން ޢަމަލުކޮށްފައިވާތީ، އެ ކައުންސިލަރުންނާ މެދު ވީހާވެސް އަވަހަށް ފިޔަވަޅު އެޅުއްވުމަށް ކައުންސިލްތަކުގެ ބެލެނެވެރި ފަރާތްކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި މިކޮމިޝަނުގެ ނަންބަރު 123-C3/221/2019/11 (30 ޖުލައި 2019) ސިޓީއިން ވާނީ ދަންނަވާފައެވެ. އަދި ޒަލްދާން އޮއިލް ސަޕްލައިސްއިން ތެލުގެ ވިޔަފާރި ކުރަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމުގައިވާތީ، އެކަން ބައްލަވައި ޒަލްދާން އޮއިލް ސަޕްލައިސްއާ މެދު ފިޔަވަޅު އެޅުއްވުމަށް މިކޮމިޝަނުގެ ނަންބަރު 123-C3/171/2019/60 (13 މެއި 2019) ސިޓީއިން މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވާނީ ދަންނަވާފައެވެ.