ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އެމަރޖެންސީކޮށް 1 ޑަމްޕްޓްރަކް ގަތުމަށް ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެކުންފުންޏަކީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު މައްސަލަ އޭސީސީ އިން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ވެމްކޯއިން އެ ޑަމްޕްޓްރަކް ގަތުމުގެ މުޢާމަލާތުގެ ކަންކަން ކުރިއަށްގެންދިޔައިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ފަރާތުގެ މައްޗަށެވެ. އެގޮތުން، އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
- މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވެމްކޯގެ ބޭނުމަށް ކިއުބެކް އިންވެސްޓްމެންޓުން އެމަރޖެންސީކޮށް 01 ޑަމްޕްޓްރަކް ގަނެފައިވާއިރު، އެމަރޖެންސީ ފޯމުން ރިކުއެސްޓްކޮށްފައިވަނީ ކެޕްސް ލައިޓް ޚިދުމަތް ތަޢާރަފުކުރުމަށް 1 (އެކެއް) ޓަނުގެ ޑަމްޕްޓްރަކެއް ހޯދުމަށްކަމަށް ވީނަމަވެސް، އެ ފޯމުގެ ތިރީގައި އެއްޓަނުގެ ޑަމްޕްޓްރަކެއް ލިބެން ނެތުމުން 350 (ތިންސަތޭކަ ފަންސާސް) ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް އަތުލިޔުމުން ލިޔެފައިވެއެވެ. އަދި އެ އަތުލިޔުމުގެ ތިރީގައި ކޮށްފައިވާ ސޮޔަކީ އެ އެމަރޖެންސީ ފޯމު އޮތޮރައިޒްކޮށްފައިވާ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ސޮއިކަން އެފަރާތުގެ އިޢުތިރާފުންނާއި ފޮރެންސިކް ތަޙުލީލުން ތަޙުޤީޤަށް ޔަޤީންކުރެވިފައިވެއެވެ. މީގެއިތުރުން، އެ އަތުލިޔުމަކީ ވެމްކޯގެ ލޮޖިސްޓިކް އޮފިސަރގެ އަތުލިޔުންކަމާއި، އެގޮތަށް އަތުލިޔުމުން ލިޔެ، އެމަރޖެންސީ ފޯމަށް ބަދަލު ގެނެސްފައިވަނީ ކިއުބެކް އިންވެސްޓްމެންޓުން 350 ކިލޯގެ ޑަމްޕްޓްރަކް ވެމްކޯއަށް ގަނެ އެ ޑަމްޕްޓްރަކް ވެމްކޯއަށް ލިބުމުން ކިއުބެކް އިންވެސްޓްމެންޓަށް ފައިސާ ދެއްކުމުގެ މަރުޙަލާގައިކަން ކޮމިޝަނުގެ ތަހުޤީޤަށް ފާހަގަކުރެވިފައިވެއެވެ.
- އިސްވެ ދެންނެވުނު އެމަރޖެންސީ ފޯމު ތައްޔާރުކޮށްފައިވާ ތާރީޚުގައި ކިއުބެކް އިންވެސްޓްމެންޓުން އެއްޓަނުގެ އައު ޑަމްޕްޓްރަކަކަށް ކޯޓޭޝަން ހުށަހަޅާފައިވެއެވެ. ނަމަވެސް އޭގެ ފަހުގެ ތާރީޚެއްގައި ފުރަތަމަ ކޯޓޭޝަނާ އެއްއަގެއްގައި 350ކިލޯގެ ޑަމްޕްޓްރަކެއްގެ ރިވައިޒްޑް ކޯޓޭޝަނެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. އަދ އެ ޑަމްޕްޓްރަކްގެ ޖަޕާނުގެ އެކްސްޕޯޓަރާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުންނާއި އެ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރި ފަރާތުގެ ލިޔެކިޔުންތަކުންނާއި، އެ ފަރާތްތަކުގެ ބަހުންނާއި އަދި ޚަބީރުގެ ރަޢުޔުންވެސް އެ ޑަމްޕްޓްރަކަކީ އައު ޑަމްޕްޓްރަކެއް ނޫންކަމާއި، ބޭނުންކޮށްފައި އޮތް 350ކިލޯގެ ޑަމްޕްޓްރަކެއްކަން ތަޙްޤީޤަށް ވަނީ އެނގިފައެވެ.
- ނަމަވެސް، ވެމްކޯ އިން އެ ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމެންޓުން ގަނެފައިވަނީ އައު ޑަމްޕްޓްރަކެއްގޮތަށް އެއްބަސްވުން އެކުލަވާލައިގެންނެވެ. އަދި އެ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރުމަށްފަހު އެ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރި ފަރާތުގެ ގަރާޖުގައި ބާއްވައިގެން މަރާމާތުކުރުމަށްފަހު އެ ޑަމްޕްޓްރަކް އެމް ކޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ވިއްކާލާފައިވާކަން އެ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރި ފަރާތުގެ ލިޔެކިޔުންތަކުންނާއި އެ ފަރާތުގެ ބަހުން ހާމަވެއެވެ. އެގޮތުން، އެމް ކޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ޑަމްޕްޓްރަކް ވިއްކާލާފައިވަނީ ޑަމްޕްޓްރަކް ދިވެހިރާއްޖެއަށް އެތެރެކުރިތާ އެއްއަހަރަށްވުރެ ގިނަ ދުވަސްވީފަހުންނެވެ. އަދި އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީއަކީ ވެމްކޯއަށް އެ ޑަމްޕްޓްރަކް ވިއްކި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްކަމާއި، ކިއުބެކް އިންވެސްޓްމެންޓަކީ އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީ އަދި ވެމްކޯއަށް އެ ޑަމްޕްޓްރަކް ވިއްކި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަދުރުންގެ ވިޔަފާރިއެއްކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، ކިއުބެކް އިންވެސްޓްމެންޓު ހިންގުމުގެ ހުރިހާ މަސައްކަތެއްގައި އުޅެނީ އެމް ކޯ ހޯލްޑިންގސްގެ ކޮމްޕެނީ ސެކްރެޓަރީ އަދި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާކަން ފާހަގަކުރެވެއެވެ.
- ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓުން ޑަމްޕްޓްރަކް ގަތްއިރުވެސް އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އޮތީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާއޮތް ކުންފުނިކަމުގައިވާ އެމް ކޯ ހޯލްޑިންގސް ނަމުގައެވެ. އެގޮތުން، އެމް ކޯ ހޯލްޑިންގސްއިން އެ ޑަމްޕްޓްރަކްގެ އޯނަރޝިޕް 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު ކިއުބެކް އިންވެސްޓްމެންޓަށް ބަދަލުކުރެވުނުކަމަށް ކޮމިޝަނުގެ ތަހުޤީޤަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، އެ ޑަމްޕްޓްރަކް ވެމްކޯއަށް ވިއްކުމަށް ކިއުބެކް އިންވެސްޓްމެންޓާ ވެމްކޯއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމާއެކު އެއްކަރުދާސްކޮށްފައިވާ އެމް ކޯ ހޯލްޑިންގސް އިން އެ ޑަމްޕްޓްރަކްގެ އޯނަރޝިޕް ކިއުބެކް އިންވެސްޓްމެންޓަށް ބަދަލުކުރުމަށް ފޮނުވާފައިވާ ސިޓީއަކީ އެމް ކޯ ހޯލްޑިންގސްގައި އެއްވެސް އިރެއްގައި މަސައްކަތްނުކުރާ މުވައްޒަފެއްގެ ސޮއި ފޯޖުކޮށްގެން ހަދާފައިވާ ސައްޙަނޫން ސިޓީއެއްކަން ތަޙުޤީޤަށް ވަނީ ޔަޤީންކުރެވިފަވެއެވެ.
- އެހެންކަމުން، ކިއުބެކް އިންވެސްޓްމެންޓުން އެ ޑަމްޕްޓްރަކް ވެމްކޯއަށް ގަތްއިރުވެސް، ޑަމްޕްޓްރަކްގެ އޯނަރޝިޕް އޮތީ އެމް ކޯ ހޯލްޑިންގސްގެ ނަމުގައެވެ. އަދި އެމް ކޯ ހޯލްޑިންގސް އަކީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާއޮތް ކުންފުންޏަކަށްވާތީ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާއޮންނަ ކުންފުނިތަކުން ވެމްކޯއަށް މުދާގަތުން ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި މެނުއަލް ހުއްދައެއް ނުކުރެއެވެ. ވުމާއެކު، އެ ޑަމްޕްޓްރަކް ވެމްކޯއަށް ވިއްކުމުގައި ކިއުބެކް އިންވެސްޓުމެންޓުން ކުޅެފައިވަނީ ބްރޯކަރެއްގެ ރޯލުކަން ތަޙުޤީޤަށް ބެލެވެއެވެ. ހަމައެހެންމެ، އެއީ ބޭނުންކޮށްފައި އޮތް ޑަމްޕްޓްރަކަކަށް ވާއިރުވެސް، އެ ޑަމްޕްޓްރަކް ވެމްކޯއަށް ގަނެފައިވަނީ އައު ޑަމްޕްޓްރަކެއްގެ އަގުގައިކަމާއި، އެ ޑަމްޕްޓްރަކްގެ ފުލް ޕޭމަންޓަށްވާ ފައިސާ ވެމްކޯއިން ދޫކުރީ ކިއުބެކް އިންވެސްޓްމެންޓަށްކަން ފާހަގަކުރެވެއެވެ. އަދި އެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ޖަމާވުމުން އެ ފައިސާގެ ތެރެއިން %94 (ނުވަދިހަ ހަތަރު އިންސައްތައް) އަށްވާ ފައިސާ ކިއުބެކް އިންވެސްޓްމެންޓުން މޮންއަރކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ޓްރާންސްފަރކޮށްފައިވެއެވެ. އެގޮތުން، މޮންއަރކް ޕްރައިވެޓް ލިމިޓެޑަކީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާއޮންނަ ކުންފުނި އެމް ކޯ ހޯލްޑިންގސް ގެ ކޮމްޕެނީ ސެކްރެޓަރީ އަދި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވްގެ ހިއްސާއޮތް ކުންފުންޏެއްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް އެމް ކޯ ހޯލްޑިންގސް ގެ ކޮމްޕެނީ ސެކްރެޓަރީ އަދި ކިއުބެކް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓިވް އަކީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރއާ އެކީ ސައުންޑް ހައުސް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏެއްގެ ޙިއްސާދާރެކެވެ.
- މި މައްސަލައިގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި މާއްދާގައި، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެމުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމަކީ ކުށެއް ކަން ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް މިކުށުގެ ތުހުމަތުކުރެވިފައިވަނީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރެމެ، ދިވެހިރާއްޖޭގެ އިމްޕޯޓަރއެއް މެދުވެރިކޮށް ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ 350 ކިލޯގެ ޑަމްޕްޓްރަކަކީ އެތެރެކުރިއިރު ބޭނުންކޮށްފައި އޮތް ޑަމްޕްޓްރަކެއްކަން އެނގިހުރެ، ސައްޙަ ނޫން ސިޓީއެއް މެދުވެރިކޮށް ޑަމްޕްޓްރަކްގެ އޯނަރޝިޕް ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އާ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމަންޓަށް ބަދަލުކުރުމަށް ހުއްދަދީފައިވާތީއެވެ. އަދި އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އެމްކޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުގު ނަންމަތީ އޮށްވާ، ވެމްކޯގެ ބޭނުމަށް މި ޑަމްޕްޓްރަކް ކިއުބެކް އިންވެސްޓްމަންޓުން އައު ޑަމްޕްޓްރަކެއް ގޮތަށް ގަތުމަށް ނިންމާ، ޑަމްޕްޓްރަކް ގަތުމަށް ވެމްކޯ އާއި ކިއުބެކް އިންވެސްޓްމެންޓާ ދެމެދު އެކުލަވާލާފައިވާ ވެމްކޯގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާތީއެވެ. މީގެއިތުރުން، ޑަމްޕްޓްރަކަށްވާ ފައިސާ ހޯދުމަށް ކިއުބެކް އިންވެސްޓުމެންޓުން ހުށަހެޅި ކިއުބެކް އިންވެސްޓްމެންޓްގެ އިންވޮއިސްގައި ޑަމްޕްޓްރަކްގެ ފައިސާގެ ފުލް ޕޭމަންޓް ކިއުބެކް އިންވެސްޓްމެންޓަށް ދޫކުރުމަށް އަންގާ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް އެއީ އައު ޑަމްޕްޓްރަކެއް ނޫންކަން އެނގިހުރެ ގަސްދުގައި އޭރު ހުރި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޑަމްޕްޓްރަކްގެ ފައިސާ ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށް އެ ފައިސާއިން އާ ވިޔަފާރި ގުޅުން އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކިއުބެކް އިންވެސްޓްމެންޓަށާއި މޮންއަރކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފާއިދާއެއް ހޯދާދީފައިވާތީއެވެ.
- އެހެންކަމުން އެފަރާތުން މި ކުށުގެ ޢަމަލުކޮށްފައިވަނީ ނުހައްޤުން މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދާދިނުމަށްކަން ފެންނަން އޮތުމުން މިކަމަކީ ހުރި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް އެފަރާތުން ކުރިކަމެއްކަން މި މައްސަލައާ ގުޅިގެން ތަޙުޤީޤަށް ލިބިފައިވާ ޝަފަޢީ އަދި ކިތާބީ ހެކިން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 13/2008 ، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ ޒާތުގެ މައްސަލައެއް ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ޤާނޫން ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އެފަރާތުގެ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
- މީގެއިތުރުން، ޤާނޫނުނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މި މައްސަލާގައި ތިރީގައިވާ މިވާ ކަންތައްތައް އިޞްލާޙުކުރުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ވަނީ އަންގާފައެވެ.
1. މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް އެމަރޖެންސީކޮށް ގަނެފައިވަނީ އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެންކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ އެމަރޖެންސީކޮށް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާނަމަވެސް އެ މުދަލެއް ނުވަތަ ޚިދުމަތެއް އެ ހޯދަނީ އެކަށީގެންވާ އަގުގައިކަން ޔަޤީންކުރުމަށްޓަކއި އެއް ކޯޓޭޝަނަށްވުރެ ގިނަ ކޯޓޭޝަން ހޯދައިގެން އެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުން.
2. ދައުލަތުގެ ކުންފުނިތައް ފިޔަވާ ވެމްކޯގެ ޑިރެކްޓަރުންނާއި މެނޭޖިންގ ޑިރެކްޓަރ އާއި ބިޑު ކޮމިޓީގެ މެންބަރުންގެ ގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެމްކޯއަށް މުދާ އަދި ޚިދުމަތް ހޯދުމަކީ މަސްލަޙަތު ފުށުއަރާނެކަމަކަށްވާތީ އެފަދަ ފަރާތްތަކުން ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީ އަދި ޕްރޮކިއުމަންޓް މެނުއަލްއާ ޚިލާފުކަމެއްކަމާއި ނަމަވެސް މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކަކީ ވެމްކޯއަށް ގަތްއިރުވެސް ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ހިއްސާއޮތް ކުންފުންޏެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ޑަމްޕްޓަރަކެއްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ ވެމްކޯއަށް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާނަމަ އެ މުދަލެއް ނުވަތަ ޚިދުމަތަކީ ޕްރޮކިއުމަންޓް ޕޮލިސީ އާއި ޕްރޮކިއުމަންޓް މެނުއަލްގައި ބަޔާންކުރާފަދަ މަސްލަޙަތު ފުށުއަރާ ފަރާތަކުން ހޯދޭ މުދަލެއް ނުވަތަ ޚިދުމަތެއް ނޫންކަން ޔަޤީންކުރުން.
3. މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް ގަނެފައިވަނީ އެމަރޖެންސީކޮށް އެމަރޖެންސީ ރިކުއެސްޓް ފޯމެއް ފުރައިގެންކަން އެނގެން އޮންނައިރު އެ އެމަރޖެންސީ ފޯމުގައި ރިޢާޔަތްކޮށްފައިވާ ޕޮލިސީ ބައްދަލުވުމުގެ ޔައުމިއްޔާ ވެމްކޯގައި ނެތްކަމާއި އެ ޕޮލިސީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައްވެސް އެނގެން ވެމްކޯގައި ނެތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ މި ފަދަ ޕޮލިސީ ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތައް އެނގޭނެހެން ޕޮލިސީ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔެ އެ ބައްދަލުވުމާ ގުޅޭ ޔައުމިއްޔާތަކާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
4. އެމަރޖެންސީކޮށް މުދަލެއް ނުވަތަ ޚިދުމަތެއް ހޯދަނީ ޕޮލިސީ ބައްދަލުވުމަކުން ނިންމައިގެންކަމުވައިވާނަމަ އެބައްދަލުވުމެއްގެ ޔައުމިއްޔާ ނުވަތަ އެބައްދަލުވުމަކުން ނިންމުނު ނިންމުމާ ގުޅޭ ލިޔެކިޔުންތައް އެމަރޖެންސީ ފޯމާއެކު އެއްކަރުދާސްކޮށް ފައިލްކޮށް ބެލެހެއްޓުން
5. މިމައްސަލާގައި ހިމެނޭ ޑަމްޕްޓްރަކާ ގުޅޭ އެއްބަސްވުމާއެކު އެއްކަރުދާސްކޮށްފައިވާ، ޑަމްޕްޓްރަކްގެ ގުޑްސް ރިސީވްޑް ނޯޓު ގައި ވެމްކޯގެ ފަރާތުންނާއި ސަޕްލަޔަރުގެ ފަރާތުން ތާރީޚެއް ލިޔެ ސޮއިކޮށްފައިވާއިރު މި ތާރީޚަކީ އެ ފަރާތްތަކުން ގުޑްސް ރިސީވްޑް ނޯޓުގައި ސޮއިކުރި ތާރީޚުކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ ގުޑްސް ރިސީވްޑް ނޯޓުގައި ސޮއިކުރާ ފަރާތްތަކުން ސޮއިކުރާ ތާރީޚު ލިޔުނު ނަމަވެސް އެ ގުޑް ރިސީވްޑް ނޯޓުގައި ވެމްކޯއަށް މުދާ ލިބޭ ތާރީޚު އެނގެން އޮންނަ ފަދަ ގޮތަކަށް ގުޑްސް ރިސީވްޑް ނޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން.