ދިވެހިރާއްޖޭގެ އެސެޓް ޑިކްލެރޭޝަން ނިޒާމުގެ ދިރާސާ ރިޕޯޓް އޭސީސީއިން އާންމު ކޮށްފި

07 Sep 2019

ދައުލަތުގެ މަސްއޫލުވެރި މަޤާމުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވާ ފަރާތްތަކުގެ މިލްކިއްޔާތުގެ މަޢުލޫމާތު ހާމަކުރުމާ ގުޅޭ ނިޒާމު ނުވަތަ ދިވެހިރާއްޖޭގެ އެސެޓް ޑިކްލަރޭޝަން ސިސްޓަމާ ގުޅޭ ދިރާސާއެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށް އެ ދިރާސާގެ ރިޕޯޓު ހާމަކޮށްފިއެވެ. މި ރިޕޯޓް ޢާންމުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުންމީޑިއާއަށް މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ދިރާސާ ރިޕޯޓް ނެރެދެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޢައްވިޒް ރަޝީދުއެވެ.

މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ މި ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމާއި، މި ނިޒާމުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ ކޮމިޝަނުގެ ފަރާތުން ލަފަޔާއި އިރުޝާދު ދިނުމެވެ. ދިރާސާ ރިޕޯޓް ޢާންމުކުރުމަށްފަހު، މި ދިރާސާ ކުރެވުނު ގޮތާއި، ދިރާސާގެ ހޯދުންތައް އަދި ހުށަހަޅާ ލަފާތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. ކޮމިޝަނުގެ ފަރާތުން މި ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވީ އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލްފާޟިލާ ފާތިމަތު ނިޝާ ފަހްމީއެވެ.

މި ދިރާސާ ރިޕޯޓުގައި ދިރާސާގެ ހޯދުންތަކުގެ އަލީގައި އެސެޓް ޑިކްލެރޭޝަން ނިޒާމުގެ ޤާނޫނީ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކާއި، އެސެޓް ޑިކްލެރޭޝަން ނިޒާމުތަކުގައި ޢާންމުކޮށް ހިމެނޭ އުންސުރުތަކުގެ ތެރެއިން މި ނިޒާމް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތަކުގެ ލަފާ ވަރަށް ތަފްޞީލުކޮށް ހިމަނާފައިވާނެއެވެ.

ދިވެހިރާއްޖޭގެ އެސެޓް ޑިކްލެރޭޝަން ނިޒާމުގެ ދިރާސާ ރިޕޯޓް އޭސީސީގެ ވެބްސައިޓުގައި ވަނީ ޝާއިޢު ކުރެވިއެވެ.

ދިވެހިރާއްޖޭގެ އެސެޓް ޑިކްލެރޭޝަން ނިޒާމުގެ ދިރާސާ ރިޕޯޓް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×