ސ.ހިތަދޫގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 އޮކްޓޫބަރު 9 ވީ ބުދަ ދުވަހު އައްޑޫ ހައި ސްކޫލްގައެވެ.
2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
ސ.ހިތަދޫގެ އެކި މުއައްސަސާތަކުން ޖުމްލަ 30 މުއައްޒަފުން ބައިވެރިވި މި ސެޝަން ހުށަހަޅުއްވާދެއްވީ އޭސީސީ އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ‘ޓްރެއިނިންގ އޮފް ޓްރެއިނަރސް’ ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.