އަލިމަސް އުފާ ކާނިވާ ސަރަހައްދު މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ވަކިކުރުމަށް ކެބިނެޓުން ނިންމާފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުން އެ ސަރަޙައްދު ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާތީއާއި، އަދި އެއިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް، މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ އަލިމަސް އުފާ ކާނިވާ ސަރަހައްދުގެ ބިމުގެ މައްސަލާގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ދެބަސްވުން އުފެދިފައިވާއިރު، އަލިމަސް އުފާ ކާނިވާ ސަރަހައްދުގެ ބިމުގެ މައްސަލަ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާތީއާއި، މިމައްސަލާގައި ވަގުތީ އަމުރަކަށްވެސް ދައުލަތުން އެދިފައިވާތީ، މި މިމައްސަލައަކީ ޝަރުޢީ ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައެއްކަމަށްވާތީ، މިމައްސަލަ ކޯޓުން ނިންމާގޮތެއްގެމަތީން އަމަލުކުރުމަށް 10 ފެބްރުއަރީ 2013 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވާނީ އަންގާފައެވެ.
2. މި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި އަލިމަސް އުފާ ކާނިވާ ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިބަޔަކަށް ފައިދާ ހޯދައިދިނުމަށް ކަމުގައި ބުނެފައިވީނަމަވެސް، އެކަންތައް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލް އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL) 425-CB/1/2012/218 (27 ނޮވެމްބަރ 2012) އިޢުލާނާއި ބީލަން ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދާނެ ގޮތާއި، ބީލަން ހުށަހަޅާއިރު ބީލަމުގައި ހުންނަންވާނެ މަޢުލޫމާތުތަކާއި، ބީލަމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތަކާއި، ބީލަންތައް އިވެލުއޭޓް ކުރާނެ މިންގަނޑު ބަޔާންކޮށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ބީލަން ހުށަހެޅުމުގެ ދަޢުވަތާއި އެއްގޮތަށް ކަމަށްވާތީ، ބީލަންތައް އިވެލުއޭޓްކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް މިކޮމިޝަނުގެ ތަޙުޤީޤަށް ޘާބިތެއް ނުވެއެވެ.
3. ބީލަންތައް އިވެލުއޭޓްކުރިއިރު 13 ނަންބަރު ޕްލޮޓަށް އެންމެމަތިން އަގު ހުށަހަޅާފައިވާ ފަރާތަށް އެންމެމަތިން ޕޮއިންޓް ލިބިފައިވީނަމަވެސް، މި ޕްލޮޓްތައް ކުއްޔަށްދެނީ 10 އަހަރުގެ މުއްދަތަކަށް ކަމަށްވާތީއާއި، މުއްދަތުގެ އެންމެފަހު އަހަރު އެކަށީގެންނުވާ މިންވަރަށް މަހު ކުލި ބޮޑުކޮށް ހުށަހަޅާފައިވުމުން، ދައުލަތަށް ލިބޭނެ އާމްދަނީ ހިސާބުކޮށް ބެލޭނެ އެންމެ ރަގަޅު ގޮތަކީ ޕްރޮޖެކްޓުގެ މުއްދަތު ޑިސްކައުންޓްކޮށްގެން ނެޓް ޕްރެޒެންޓް ވެލިއު (އެން.ޕީ.ވީ) ބޭސިސްއަށް ހިސާބުކުރުންކަމަށްވާތީ، އެ އުޞޫލުން ހިސާބު ކުރިއިރު، ކެފޭ 13 އަށް މިހާރު އެންމެމަތީން ޕޮއިންޓް ލިބިފައިވާ ފަރާތަށްވުރެ، އެ ޕްލޮޓަށް ބީލަން ހުށަހަޅާފައިވާ 2 ވަނަ ފަރާތުން ހުށަހަޅާފައިވާ އަގަކީ ދައުލަތަށް 299,244/09ރ. (ދެލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ސާޅީސް ހަތަރެއް ރުފިޔާ ނުވައެއް ލާރި) ފައިދާހުރި ހުށަހެޅުމެއްކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، ކެފޭ 13 އަށް ބީލަން ހުށަހެޅި ފަރާތްތަކުން އަގު ހުށަހަޅާފައިވާ ގޮތަށާއި، ބީލަންތައް އިވެލުއޭޓްކޮށްފައިވާ އުޞޫލަށް ބަލާއިރު، އެއީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްކަމަށްނުވާތީ، އަލިމަސް އުފާ ކާނިވާ ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލް އިދާރާއިން ކުރި ނަންބަރު: (IUL) 425-CB/1/2012/218 (27 ނޮވެމްބަރ 2012) އިޢުލާނާ ގުޅިގެން، ކެފޭ 13 އަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކުރުމަށްފަހު، އަލުން ކެފޭ 13 ކުއްޔަށް ދިނުމަށް އިޢުލާންކުރެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވާނީ އަންގާފައެވެ.