ރިޝްވަތު ހިފައި، ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ، އެކަން ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި.

09 Dec 2019

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެއްވެސް މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާނަމަ، އެކަން އެނގޭ ކޮންމެ މީހަކު، އެކަން ސިއްރުނުކޮށް ކަމާގުޅޭ އިދާރާތަކަށް އެކަމެއްގެ މައުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. ރައިސުލްޖުމްހޫރިއްޔާ މި ގޮތަށް އެދިވަޑައިގެންނެވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރޭ ބިތުފަންގި ބުލެޓިންގެ ޚާއްޞަ އަދަދަށް ދެއްވި ޚިޠާބުގައެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހަކީ 09 ޑިސެންބަރު އެވެ.

އަދި ހަމައެއާއެކު ދައުލަތުގެ މުއައްސަސާއެއްގެ އެއްވެސް މުވައްޒަފެއް ޚިދުމަތް ހޯދުމަށް ނުވަތަ ޚިދުމަތް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ، އެކަން ހާމަކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މި ޚޠާބުގައި ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި، ޤާނޫނުލް ޢުޤޫބާތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުއްވުމަށް ނިންމަވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ވައްކަމާއި، ކޮރަޕްޝަނާއި، ރިޝްވަތާއި ފަސާދައާއި ދެކޮޅަށް ހުރިހާ ދިވެހި ރައްޔިތުން ފާޅުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×