ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި “ބަންޑާރަކަފަ” ނަމުގައި ހިނގައިލުމެއް ބާއްވައިފި

10 Dec 2019

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ފަރާތުން “ބަންޑާރަކަފަ” ނަމުގައި ހިނގައިލުމެއް ބާއްވައިފިއެވެ.

މި ހިނގައިލުން ބާއްވައިފައިވަނީ 2019 ޑިސެންބަރު 6 ވީ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި ހިނގައިލުމުގެ މަޤްޞަދަކީ ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކުން ދައުލަތުގެ މުވައްޒަފުން ދުރުހެލިވުމަށް ގޮވައިލައި، މުއައްސަސާ ތަކުގައި ދެފުށް ފެންނަ، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ވުމުގެ ނިޒާމެއް ޤާއިމްކުރުމަށް ބާރުއަޅައި، ނަޒާހަތްރެކަން އިސްކުރުމަށް ހިތްވަރުދީ އަޑު އުފުލުމެވެ.

“ބަންޑާރަ ކަފަ” ހިނގައިލުން ފެށުމުގެ ކުރިން، ހިނގައިލުމުގެ ބައިވެރިންނާ މުހާޠަބުކޮށް އޭ.ސީ.ސީގެ ރައީސް މަރްޔަމް ޝިއުނާ ވާހަކަފުޅު ދެއްކެވިއެވެ. މަރްޔަމް ޝިއުނާގެ ވާހަކަފުޅުގައި، ކޮރަޕްޝަނާ ދެކޮޅަށް މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ މީހަކަށް ވާންޖެހޭކަމަށާއި، ކޮރަޕްޝަނަކީ ޤައުމުގެ އިޤުތިޞާދު އިނދަ ޖައްސާލާ ވަބާއެއްކަން ދިރާސާތަކުން ޔަޤީންވާކަން ފާހަގަކޮށް، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ލިބިގެންދާ ގެއްލުންތަކަށް ތަފްޞީލްކޮށް އަލިއަޅުވާލެއްވިއެވެ. އިތުރައް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އޭ.ސީ.ސީން ފަހަތަށް ނުޖެހޭނެކަމަށާއި، ރައްޔިތުންގެ މުދަލުން އެންމެ ލޯލާރިއެއްގެ މިންވަރު ޚިޔާނާތްތެރިވި ނަމަވެސް އެފަރާތެއް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެކަމަށާއި، އޭ.ސީ.ސީން ނުފޫޒުތަކަށް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.

“ބަންޑާރަ ކަފަ” ހިނގައިލުމަކީ ކުރިއަށް އޮތް 5 އަހަރަށް އޭ.ސީ.ސީ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ބަންޑާރަ ކަފަ” ކެންޕޭނު ފެށުމުގެ ގޮތުން ބޭއްވި ޙަރަކާތެކެވެ. “ބަންޑާރަކަފަ” މި ބަހަކީ “އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުން” މި މުހާވަރާއިން ނަގައިފައިވާ ނަމެކެވެ. މި މުހާވަރާއިން ދޭހަކޮށްދެނީ ތިމާގެ ޒިންމާގައި ހުންނަ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވެ އަމިއްލަ މަންފާ ހޯދުމެވެ. 2 ކިލޯމީޓަރުގެ މި ހިނގައިލުމުގައި 32 މުއައްސަސާއަކުން 600 އަށްވުރެ ގިނަ މުވައްޒަފުންނާއި އާންމު ފަރުދުން ބައިވެރިވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×