މޯލްޑިވްސް މީޑިޔާ އިންސްޓްޓިއުޓް ޤާއިމްކުރުމަށްޓަކައި ކުއްޔަށް ހިފާފައިވާ ޢިމާރާތާ ގުޅޭ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އަލުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

15 Nov 2020

މި ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމް.އެމް.އައި) ހުޅުވުމަށްޓަކައި ހަދާނުނިމޭ ޢިމާރާތެއްގެ 02 ފްލޯރ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި 15 ނޮވެންބަރު 2020 ގައި، މި މައްސަލަ އަލުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެގޮތުން، މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނުނުލްޢުޤޫބާތު) ގެ 513 ވަނަ (ށ) ގެ (1) ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ (2) ދަށުން، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައަކީ 22 ނޮވެންބަރު 2016 ގައި މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލައެކެވެ. އަދި، ދެ ފަހަރެއްގެ މަތިން ދަޢުވާކުރުމަށްޓަކައި ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާ ގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ ދަށުން ޕީ.އެސް.އެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ 03 ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއެވެ. އެހެންނަމަވެސް، އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގެއެވެ.

މީގެއިތުރުން، ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 (ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޢިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ޙަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އަދި ހަމައެއާއެކު، އިސްވެ ދެންނެވުނު އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވެއެވެ. އަދި އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 (ހަތްދިހަހަތަރުހާސް) ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ. އެހެންކަމުން، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނާފަދައިން، ޕީ.އެސް.އެމްއާ ޢިމާރާތް ޙަވާލުކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެތަން ކުއްޔަށްދިން ފުރިހަމަ ކޮށްފައި ނުވަނީސް، އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް، ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×