މޯލްޑިވްސް ޓްރާންސްޕޭރަންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

10 Dec 2020

ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޭރަންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް ނިންމުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

07 ން 09 ޑިސެންބަރު 2020 އަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، 2020 ޑިސެންބަރު 09 ވީ ބުދަ ދުވަހުގެ ރޭގައި ވަރޗުއަލްކޮށެވެ.

މި ކޮންފަރެންސްއަކީ، ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާއި ކަމާބެހޭ ބައިނަލްއަޤުވާމީ މުއައްސަސާތައް ބައްދަލުކޮށް ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމުގައި ހުރި ތަފާތު މައްސަލަތަކާ ބެހޭގޮތުންނާއި އެ  މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމަކީ މިހާރަށްވުރެ ހާމަކަންބޮޑު ދެފުށްފެންނަ ނިޒާމެއްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި އިންތިޒާމްކުރި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ އެޖެންސީތަކާއި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން 14 ފަރާތަކުން 21 ސެޝަނެއް ހުށަހަޅާފައިވެއެވެ. 

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ކުރިއަށްގެންދެވުނު މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޚާއްޞަ މެސެޖެއް ދެއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކޮރަޕްޝަނަށްވެސް ޝިފާއެއް އެބައޮތްކަމަށާއި، އެއީ ހާމަކުރުން ކަމަށާއި، ދައުލަތުގެ ބީލަންތަކުގެ މަޢުލޫމާތު ކުރިއާ ޚިލާފަށް މިހާރު ހާމަކަންބޮޑު ގޮތެއްގައި ހާމަކުރެވޭކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސްގެ ސަބަބުން، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް މަރްޔަމް ޝިއުނާގެ ވާހަކަފުޅުގައި،  ކޮރަޕްޝަނާ ދެކޮޅަށް އިދާރާތަކުން މިކުރާ މަސައްކަތަކީ ކޮބައިކަން އާންމުންނަށް އެނގެންޖެހޭ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުވައްޒަފުންނާއި އާންމު ފަރުދުންނަށް، އެފަރާތްތަކުގެ ދައުރަކީ ކޮބައިކަންވެސް އެނގެންޖެހޭ ކަމަށާއި، މި ކޮންފަރެންސްގެ އަލީގައި ހާސިލްވެގެންދިޔަ އެއްކަމަކީ، ކޮރަޕްޝަން ހުއްޓުވުމުގައި އެކި ފަރާތްތަކުން އަދާކުރަންޖެހޭ ދައުރަކީ ކޮބައިކަމާއި، އެފަރާތްތަކުން ޒިންމާ އިތުރަށް ދެނެގަނެވި،  ދައުލަތުގެ ހިންގުމުގެ ނިޒާމުގައި ހުރި ޗެކް ޕޮއިންޓްސްއަކީ ކޮބައިކަން އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން މިރަސްމިއްޔާތުގައި އެޖަމުޢިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ އާސިޔަތު ރިލްވީނާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޝިއާރަކީ، ނަޒާހަތްތެރިކަމާއެކު އާރާސްތުކުރުން ކަމަށާއި، މިއީ މި ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް އެދޭގޮތް ކަމަށާއި، ކާރިޘާކާއި ބަލިމަޑުކަމާއި އަދި އެނޫންވެސް ކުއްލި ނުރައްކާތެރި ޙާލަތަކީ، ކޮރަޕްޝަނުގެ ޢަމަލުތައް އިތުރުވެ، ރައްޔިތުންގެ ފައިސާގައި ނުޙައްޤުން ޖެހި، ވައްކަންކުރުން އިތުރުވާ ދުވަސްތަކެއްކަން ތާރީޚުންނާއި އެކިއެކި ދިރާސާތަކުން ދައްކާކަމަށާއި، އުންމީދަކީ، މި ބަލިމަޑުކަމުން ޤައުމު އަރައިގަންނަ ހިނދު އަދި ޤައުމު އާރާސްތުކުރުމުގައި ދައުލަތުގެ 3 ބާރުންނާއި ވިޔަފާރިތަކާއި އާންމު ރައްޔިތުންވެސް ހިމެނޭގޮތަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި އިޙްލާޞްތެރިކަމާއެކު މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×