ގއ.ނިލަންދޫ ސްކޫލްގެ ޕްރިންސިޕަލްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

22 Apr 2021

ގއ.ނިލަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރު ކުރީކޮޅު ކޮށްފައިވާ އިޢުލާނާ ގުޅިގެން އެކަމަށް އެދި 03 ފަރާތަކުން ހުށަހަޅާފައިވާއިރު، ސްކޫލުގެ ޕްރިންސިޕަލްގެ ޢާއިލާގެ މެންބަރަކަށް އެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ބުނާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދައުވާކުރުމަށްޓަކައި 22 އެޕްރީލް 2021 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެގޮތުން، މި މައްސަލާގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ގއ.ނިލަންދޫ ސްކޫލުގެ ޕްރިންސިޕަލް، ޚަދީޖާ އިބްރާހީމް (ރަތްފިނިފެންމާގެ، ގއ.ނިލަންދޫ) ގެ މައްޗަށެވެ.

މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ގއ.ނިލަންދޫ ސްކޫލުގެ ނަންބަރު GS-195/2019/IUL-10 (16 އޭޕްރީލް 2019) އިޢުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑު ހުށަހަޅާފައިވާއިރު، އެ ތިން ފަރާތަކީވެސް އެ ސުކޫލުގެ ޕްރިންސިޕަލް، ޚަދީޖާ އިބްރާހީމް އާ ޢާއިލީ / ގާތްގުޅުން ހުރިފަރާތްތައް ކަމާއި، އެ ތިން ބިޑު ތައްޔާރުކޮށްފައިވަނީ އެއް ފޯމެޓަކަށް ކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީ، އެ ތިން ފަރާތުން ބިޑު ހުށަހަޅާފައިވަނީ ގުޅިގެންކަމަށް ބެލުމުގެ އިޙްތިމާލް އެބައޮތެވެ.  

އިސްވެ ދެންނެވުނު އިޢުލާނާ ގުޅިގެން މަޢުލޫމާތުދިނުމުގެ ބައްދަލުވުން ބޭއްވި ދުވަހު ޚަދީޖާ އިބްރާހީމް ހުރީ ޗުއްޓީގައި ކަމަށްވީނަމަވެސް، އެ ދުވަސްވަރު ސްކޫލުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ފަރާތަށް ބިޑާ ގުޅޭ މަޢުލޫމާތުތަކަށް އެކްސެސް ލިބިފައިނުވާތީ، ޚަދީޖާ އިބްރާހީމް ސްކޫލަށް ހާޒިރުވެ އެ ބައްދަލުވުމުގައި މައުލޫމާތުދިނުމުގެ މަސައްކަތްކޮށްފައިވާކަން މި ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވެއެވެ. އަދި އެދުވަސްވަރު ސްކޫލުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުރި ލީޑިންގ ޓީޗަރާއި އިތުރު ދެ ފަރާތެއް ހިމެނޭހެން ބިޑު ކޮމިޓީ އެކުލަވާލާފައިވަނީ ޚަދީޖާ އިބްރާހީމް ކަން މި ކޮމިޝަނުގެ ތަޙްޤީޤަށް އެނގެން އޮވެއެވެ. މީގެއިތުރުން، ބިޑުތައް އިވެލުއޭޓްކޮށް މަސައްކަތް އެވޯޑްކޮށްފައިވަނީ ބިޑުތައް ބަލައިގަތް މަޖިލީހުގައިކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތްއިރު، ބިޑު އިވެލުއޭޓްކުރުމުގެ މަސައްކަތްކުރިއަށް ގެންދިޔަ މަޖިލީހުގައި ބިޑު ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިތުރުން، ޚަދީޖާ އިބްރާހީމް ބައިވެރިވެފައިވާކަން ތަޙްޤީޤަށް އެނގިފައިވެއެވެ. އަދި ހުށަހަޅާފައިވާ ބިޑުތަކާއި މައުލޫމާތު ކަރުދާސް ބިޑު ކޮމިޓީއަށް ހުށަހަޅާފައިވީ ނަމަވެސް، ބިޑުތައް އިވެލުއޭޓުކުރުމުގައި ބަލާފައިވަނީ ހަމައެކަނި ބިޑުތަކުގައި ހިމަނާފައިވާ މަސައްކަތުގެ އަގަށްކަމަށާއި، އެ މަސައްކަތްކުރުމުގައި މަޢުލޫމާތު ކަރުދާހަށް ބަލާފައި ނުވާނެކަމަށް ބިޑު ކޮމިޓީގެ މެންބަރުން ބުނެފައިވާއިރު، އެދުވަސްވަރު ސްކޫލުގެ ހިންގުމާ ޙަވާލުވެ ހުރި، ބިޑު ކޮމިޓީގެ މެމްބަރަށް ބިޑު އިވެލުއޭޓްކުރަންވީ ގޮތް ކިޔައިދީފައިވަނީ ވެސް ޚަދީޖާ އިބްރާހީމްކަން ތަޙްޤީޤަށް އެނގިފައިވެއެވެ.

މީގެއިތުރުން، އެ މަސައްކަތް ޙަވާލުކުރި ފަރާތަކީ ސްކޫލުގެ ޕްރިންސިޕަލް، ޚަދީޖާ އިބްރާހީމްއާ އެއްބަނޑު އެއްބަފާ ފަރާތެއް ކަމަށްވާއިރު، އެ ފަރާތަށް ބިޑު އެވޯޑްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު (2017) ގެ 12.05 ވަނަ މާއްދާގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުއްދަ ލިޔުމުން ނުހޯދާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އަދި ބިޑު ކާމިޔާބުކުރި ފަރާތަކީ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތަކަށްވާތީ، ވިޔަފާރި ރަޖިސްޓްރީކުރުމަށް އެފަރާތައް އެއް މަސްދުވަހުގެ މުއްދަތެއްދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިނުވާތީ އެފަރާތުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅުމުން އެ މުއްދަތު އިތުރުކޮށްދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު (ނަންބަރު 2018/R57) ގެ 10.55 ވަނަ މާއްދާއާ ޚިލާފަށް ބިޑު ކޮމިޓީގެ ލަފާ ހޯދުމަކާނުލައި ޚަދީޖާ އިބްރާހީމްގެ އަމިއްލަ ނިންމުމަކުންކަން މި ކޮމިޝަނުގެ ތަޙްޤީޤުން އެނގެން އޮވެއެވެ.

އެހެންކަމުން، އިސްވެދެންނެވުނު އިޢުލާނާ ގުޅިގެން ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމަށް މަގުފަހިވާގޮތަށް ސްކޫލުގެ ޕްރިންސިޕަލް، ޚަދީޖާ އިބްރާހީމް ޢަމަލުކޮށްފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ހެކިތަކުން ދަލާލަތުކޮށްދޭތީއާއި، އަދި މަސައްކަތް ޙަވާލުކުރި ފަރާތާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމުގައި ޚަދީޖާ އިބްރާހީމް ޢަމަލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަޤުސަދުގައިކަން ސާބިތުކޮށްދޭނެ މިންވަރަށް އެކަށީގެންވާ ހެކި ތަހުޤީޤަށް ލިބިފައިވާތީ، ޚަދީޖާ އިބްރާހީމް (ރަތްފިނިފެންމާގެ، ގއ.ނިލަންދޫ) ގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ. 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×