މިކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ ބަޔާނެއްކަމަށް ބުނެ ސުޕްރީމްކޯޓުގެ މުވައްޒަފަކު ލައްވާ މަޖުބޫރުން ބަޔާނެއް ނަގަން ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް މަސައްކަތްކޮށްފައިވާކަމަށާއި، ބަޔާން ދިނުމަށް ޢުޒުރުވެރިވާކަމަށް ދެންނެވުމުން ވަޒީފާއިން ކަނޑާލާނެކަމަށްބުނެ ބިރު ދައްކައި، ސެކްރެޓަރީ ޖެނެރަލް ބޭނުންވާގޮތަށް ތައްޔާރުކޮށްގެން އޭގައި ސޮއިކުރުވަން މަސައްކަތް ކޮށްފައިވާކަމަށް ބުނެ، މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލިއިރު؛
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިކޮމިޝަނަށް ބޭނުންވާ މަޢުލޫމާތެއް ބޭނުންވެގެން އެ ޑިޕާޓްމަންޓުން، ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޣާނިޔާ ޢަބްދުލްޣަފޫރު ގާތުގައި އެކަމުގައި އުޅުނު ސުޕްރީމްކޯޓުގެ މުވައްޒަފެއްގެ ބަޔާނެއް ހޯދައިދޭން ބުނިކަމަށާއި، އެގޮތަށް ޣާނިޔާ ޢަބްދުލް ޣަފޫރަށް އެންގީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް 2 ވެރިއަކުކަމަށް ޣާނިޔާ ޢަބްދުލްޣަފޫރު މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވީނަމަވެސް، އެ ދެފަރާތުން އެކަމަށް އިންކާރުކުރާތީ، މިކަން ހިނގާފައިވާގޮތް ޣާނިޔާ ޢަބްދުލް ޣަފޫރު އޮޅުވާލަން މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީއާއި، މިކޮމިޝަނުގެ ތަޙުޤީޤަށް ޣާނިޔާ ޢަބްދުލް ޣަފޫރު ދޮގު މަޢުލޫމާތު ދީފައިވާތީ، ކ.މާލެ/މއ.ލެއްގި ޣާނިޔާ ޢަބްދުލް ޣަފޫރުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 62 ވަނަ މާއްދާގެ ދަށުން ދޮގުހެކި ދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލަ ވާނީ ފޮނުވާފައެވެ.
ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކ.މާލެ/މއ.ލެއްގި ޣާނިޔާ ޢަބްދުލްޣަފޫރު އައްޔަންކުރިކުރުމާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދަނިކޮށް، އެމައްސަލައާ ގުޅޭގޮތުން ބަޔާންދޭން ހުރި ސުޕްރީމްކޯޓުގެ މުވައްޒަފަކަށް ބިރުދައްކައި، މިކޮމިޝަނުން އަންގައިގެންކަމަށް ބުނެ އެމުވައްޒަފުގެ އަތުން ބަޔާނެއް ނެގުމަށް ޣާނިޔާ ޢަބްދުލްޣަފޫރު މަސައްކަތްކޮށްފައިވާތީ، މިކަމަކީ ޣާނިޔާ ޢަބްދުލްޣަފޫރު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެގޮތުން ކޮށްފައިވާކަމެއްކަމަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ކ.މާލެ/މއ.ލެއްގި ޣާނިޔާ ޢަބްދުލްޣަފޫރުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައެވެ.