މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ޓީޗަރ އެކްސެލެންސް އެވޯޑް ދިނުމުގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
1- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު IUL22-AP/1/2012/47 އޭޕްރިލް03 2012) އިޢުލާން އިން 2012 ވަނަ އަހަރު ގެ ޓީޗަރސް އެކްސެލެންސް އެވޯރޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، ޕްރީސްކޫލް ކެޓަގަރީއަށް ކުރިމަތިލި ދެ ފަރާތުގެ ތެރެއިން އެންމެ މަތިން މާކުސް ލިބިގެން އެ ކެޓަގަރީއަށް ހޮވުނު ފަރާތަށް އެ މަގާމް ލިބިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރސް އެކްސެލެންސް އެވޯރޑް ލިބޭ ފަރާތްތައް ހޮވާ ކޮމިޓީގައި ހިމެނޭ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާޠިމަތު ޢައްޒާގެ ނުފޫޒުންކަމަށާއި ޕްރީސްކޫލް ކެޓަރަގަރީއަށް ހޮވުނު ފަރާތަކީ ފާޠިމަތު ޢައްޒާގެ ދަރިފުޅަށް 2012 ވަނަ އަހަރު ކިޔަވައިދޭ ޓީޗަރު ކަމަށާއި އެފަރާތަކީ ޕްރެކްޓިކަލީ ޓީޗަރެއް ނޫންކަމަށް ބުނެފައިވީނަމަވެސް،
2- ޓީޗާސް އެކްސެލެންސް އެވޯޑްގެ އެކި މަޤާމުތަކަށް މީހުން ހޮވާފައިވަނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަލައިގެން މާކުސް ދިނުމަށްފަހު ކޮމިޓީގެ އިއްތިފާޤުން ނުވަތަ ކޮމިޓީގެ އަޤުލަބިއްޔަތުން ކަމަށާއި އެ ކޮމިޓީގެ އުސޫލުތައް ހަމަޖެހިފައިވާގޮތުން ވަކި ކެނޑިޑޭޓަކަށް މާކުސް ދިނުމުގައި ކޮމިޓީގެ ވަކި މެމްބަރަކަށް ނުފޫޒު ފޯރުވޭނެ ޖާގައެއް އޮތްކަމަށް ނުބެލެވޭތީއާއި،
3- 2012 ވަނަ އަހަރުގެ ޓީޗަރސް އެކްސެލެންސް އެވޯރޑް ގެ ޕްރީސްކޫލް ކެޓަގަރީއަށް ކުރިމަތިލާފައިވާ 02 ފަރާތަށް ލިބިފައިވާ މާކުސްތަކަށް ބަލާއިރު، ވަޒަންކުރުމަށް ގެންގުޅެފައިވާ މިންގަނޑުގައި ހިމެނޭ ބައިތަކަށް މާކުސް ދިނުމުގައި ބަލާފައިވަނީ ކިޔަވައިދިނުމުގެ ދާއިރާގައި ހޭދަކޮށްފައިވާ މުއްދަތަށް އެކަނި ނޫންކަމަށާއި އެފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި އިންޓަވިއުގައި ދޭ މަޢުލޫމާތުގެ މައްޗަށް ކަމާއި، އިވެލުއޭޝަން ކޮމިޓީގައި ފާޠިމަތު ޢައްޒާ ހިމެނުނު ކަމުގައިވިޔަސް އެފަރާތަށް ވަކިމީހަކު ހޮވުމަށް ނުފޫޒު ފޯރުވޭނެ ޖާގައެއް ނެތް ކަމަށާއި ސަބަބަކީ 2012 ވަނަ އަހަރުގެ ޕްރީސްކޫލް ކެޓަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ބޭއްވުނު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ދިން މާކުސް އަކީ ފައިނަލް މާކުސް އަށް ނުވެފައި، މާކުސް ފައިނަލް ކޮށްފައިވަނީ އިވެލުއޭޝަން ކޮމިޓީގެ ހުރިހާ މެންބަރުން އެކުގައިތިބެ މަޝްވަރާކޮށްގެން ކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި،
4- މަދްރަސަތުލް އަމީރު އަޙްމަދު ގެ ޕްރީސްކޫލްގައި ފާޠިމަތު ޢައްޒާގެ ދަރިއެއް ކިޔަވާފައިވަނީ 2011 ވަނަ އަހަރު ކަމަށާއި އަދި ފާޠިމަތު ޢައްޒާގެ ދަރިފުޅު 2012 ވަނަ އަހަރު ކިޔަވަމުންދަނީ އެ ސްކޫލްގައި ނޫންކަން އެ ސްކޫލްގެ ލިޔެކިޔުންތަކުން އެނގޭތީ އާއި،
5- ޓީޗަރސް އެކްސެލެންސް އެވޯރޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ކްރައިޓީރިއާގައި ޕްރީ ސްކޫލް ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ޕްރީސްކޫލަށް ކިޔަވައިދޭ ޓިޗަރުންނަށާއި އަދި ހެޑް ޓީޗަރުންނަށްވެސް ހުޅުވާލާފައިވާއިރު، 2012 ވަނަ އަހަރު ޕްރީ ސްކޫލް ކެޓަގަރީއަށް ހޮވުނު ފަރާތް އެ އެވޯރޑަށް ކުރިމަތިލިއިރު ހުށަހަޅާފައިވާ އެންޑޯރސްމަންޓް ލެޓާރ އިން އެފާރަތަކީ، 1993 އިން ފެށިގެން ޓީޗަރަކަށް އަދި 2008 ވަނަ އަހަރުން ފެށިގެން ހެޑް ޓީޗަރަކަށް އުޅެމުންދާ ފަރާތެއްކަން އެނގޭތީ އާއި ޓީޗަރސް އެކްސެލެންސް އެވޯރޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު އިޢުލާނާ އެކު ޢާއްމުކުރެވިފައިވާ ކްރައިޓީރިއާގައި ޕްރީ ސްކޫލް ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ޕްރީސްކޫލަށް ކިޔަވައިދޭ ޓިޗަރުންނަށާއި އަދި ހެޑް ޓީޗަރުންނަށްވެސް ހުޅުވާލާފައިވާތީ،
6- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ޓީޗަރ އެކްސެލެންސް އެވޯޑް ދިނުމަށް ކުރި އިޢުލާނާ ގުޅިގެން ޕްރީ ސްކޫލް ކެޓަގަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ހޮވުނު ފަރާތް ހޮވުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ނުވަތަ އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޢައްޒަ ނުފޫޒު ބޭނުންކޮށްފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި މި މައްސަލައާ ގުޅިގެން ހާޒިރުކުރެވުނު ފަރާތްތަކުގެ ބަޔާންތަކުން އެގެންނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު)ގެ 25ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.