މިފްކޯގެ ވިޔަފާރި ޕޮލިސީތަކާއި، އާންމު ވިޔަފާރި އުސޫލްތަކާ ޚިލާފަށް އެކުންފުނީގެ މަސްފިހާރައިން ގިނަ ޢަދަދެއްގެ ދަޅުމަސް ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަ

25 Mar 2013

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ)ގެ ވިޔަފާރި ޕޮލިސީތަކާއި، ކުންފުނިން އަމަލު ކުރަމުންދާ އާންމު ވިޔަފާރި އުސޫލްތަކާ ޚިލާފަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާކުރާގޮތަށް، އެކުންފުނީގެ ބޯޑު ޑިރެކްޓަރުންނާ މެނޭޖިންގ ޑިރެކްޓަރގެ އަމުރަށް ކުންފުނީގެ މަސްފިހާރައިން ގިނަ ޢަދަދެއްގެ ދަޅުމަސް ދޫކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތާގުޅޭ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު، ނިންމިގޮތް ތިރީގައި މިވަނީއެވެ.

ޕްރައިވެޓް ބައެއް ކުންފުނިތަކުގެ ޗެކު ބަލައިގަތުމަށްފަހު މިފްކޯގެ މަސްފިހާރައިން އެކުންފުނިތަކަށް، ދަޅުމަސް ވިއްކުމުގެ ހުއްދަ ދީފައިވަނީ މިފްކޯގައި ޢާއްމުކޮށް ޢަމަލު ކުރަމުންދާ އުސޫލާ އެއްގޮތަށް ކަމަށްވާތީއާއި؛ އެއިން އެއްވެސް ވިޔަފާރިއެއްގައި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ ނުވަތަ ސީނިއަރ މެނޭޖްމަންޓްގެ އެއްވެސް މުވައްޒަފެއްގެ މަޞްލަޙަތު ހިމެނޭކަމަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައި ނުވާތީއާއި؛ އަމިއްލަ ފަރާތެއްގެ ކުންފުންޏަކަށް މިފްކޯގެ މަސްފިހާރައިން ފަހަރަކު 50 ކޭސް ދަޅުމަސް ވިއްކުމުގެ ހުއްދަ ދީފައިވަނިކޮށް އެއްފަހަރާ 250 ކޭސް ދަޅުމަސް ދޫކޮށްފައިވަނީ އެދުވަސްވަރަކީ މިފްކޯގެ މާލީ ޙާލަތު ހުރިގޮތުން ކޭޝްފްލޯ އިތުރުކުރުމަށް ބޭނުންވެގެންކަން އެނގޭތީއާއި؛ މިފަދަ ބައެއް ފަރާތްތަކުން މިފްކޯއަށް ދޫކޮށްފައިވާ ބައެއް ޗެކްތައް ބައުންސްވުމާއި ގުޅިގެން، އެ ޗެކުތަކަށް ފައިސާ ހޯދުމުގެ މަސައްކަތް، ބައުންސްވާ ޗެކުތަކާމެދު މިފްކޯއިން ޢާއްމުކޮށް އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް، މިފްކޯގެ ސޭލްސް ޑިޕާޓްމަންޓުންނާއި އެކައުންޓްސް ޑިޕާޓްމަންޓުން، ކޮށްފައިވާތީއާއި؛ މިޗެކުތަކަށް ފައިސާ ހޯދުމުގެ މަސައްކަތަށް މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ ކުންފުނީގެ މުވައްޒަފަކު ހުރަސް އަޅާފައިވާކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައި ނުވާތީއާއި؛ ބައުންސް ޗެކުތަކުގެ މައްސަލަ ބަލައިދިނުމަށް އެދި މިފްކޯގެ ޗެއަރޕާރސަން އާއި މެނޭޖިންގ ޑިރެކްޓަރގެ ލަފާގެ މަތިން މިފްކޯއިން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅާފައިވާތީ މިކަމުގައި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ ކުންފުނީގެ މުވައްޒަފަކު އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދުމަށް ނުވަތަ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ސާބިތު ކުރެވޭވަރަށް ތަޙްޤީޤަށް ހެކި ލިބިފައި ނުވާތީ؛ މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×