އައްޑޫ ސިޓީގެ އަވަށުބޯޑުގެ ރައީސުންގެ ގޮތުގައި ޤާނޫނާއި ޤަވާޢިދާޚިލާފަށް ބަޔަކު ހަމަޖައްސައިފައިވާ މައްސަލާގައި އައްޑޫ ސިޓީ ކައުންސިލްގެ 06 މެމްބަރެއްގެ މައްޗަށް، ދަޢުވާކުރުމަށާއި، މި ޢަމަލުގެ ސަބަބުން ދައުލަތަށް ލިބިފައިވާ 2,197,714.01 (ދެމިލިއަން އެއްސަތޭކަނުވަދިހަ ހަތްހާސް ހަތްސަތޭކަސާދަރުފިޔާ އެއްލާރި) ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

27 Mar 2013

އައްޑޫސިޓީކައުންސިލްގެ ފަރާތުން އެސިޓީގެ މީހުންއުޅޭ ރަށްރަށުގެ އޮފީސްތަކަށް އަވަށުބޯޑުގެ ރައީސުންގެ ގޮތުގައި ޤާނޫނާއި ޤަވާޢިދާޚިލާފަށް ބަޔަކު ހަމަޖައްސައިފައިވާކަމަށް ކުރާ ތުހުމަތާ ގުޅޭ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރިކުރުމުގައި،

1- އައްޑޫސިޓީކައުންސިލް އިދާރާގެ ރަށްރަށުގެ އޮފީސްތަކަށް އަވަށުބޯޑުގެ ވަގުތީރައީސުންނާއި ވަގުތީނާއިބު ރައީސުންގެ ގޮތުގައި ބަޔަކު ލައްވައިފައިވަނީ، 01 މާޗް 2011 ގައެވެ.

2- ޤާނޫނު ނަންބަރު: 2010/7 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ އެއްވެސް މާއްދާއެއްގައި ސިޓީ ކައުންސިލަކަށް އަވަށުބޯޑެއް އުފެއްދިދާނެކަމަކަށް އަދި އެއްވެސް މަޤާމަކަށް މީހަކު ލެއްވިދާނެކަމަށް ބަޔާންކޮށްފައިނުވާކަމާއި ޤާނޫނުގެ ފަސްވަނަ ބާބު ” ސިޓީ ކައުންސިލް” މިބާބުގައި “އަވަށު ބޯޑު”ގެ ޢިބާރާތް އައިސްފައިވަނީ، އެބާބުގެ 41 ވަނަ މާއްދާ “ސިޓީ ކައުންސިލްގެ ބާރުތައް” ގެ (ށ) ގައިކަމާއި އެމާއްދާގައިވަނީ، ” ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުން.” ކަން ފާހަގަކުރެވެއެވެ.

3- ޤާނޫނު ނަންބަރު: 2010/7 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” ގެ ފަސްވަނަ ބާބުގެ 55 ވަނަމާއްދާގައި، އަވަށުއޮފީސް އުފެއްދުމުގެ އިޚްތިޔާރު ސިޓީ ކައުންސިލަށް ދީފައިވާކަމާއި މި އިޚްތިޔާރުގެ ދަށުން ކުރެވޭކަމެއްކަމަށް އެމާއްދާގައިބުނަނީ، އަވަށުއޮފީސްތައް އެކުލެވިގެންވާގޮތާއި، އޮފީހުގެ މަސައްކަތްތައް ކަނޑައެޅިދާނެކަމަށްކަމަށާއި ޤާނޫނުގެ ބާރަވަނަ ބާބު “ކައުންސިލްތަކުގެ އިދާރާތަކާއި، ކައުންސިލްތައް ހިންގުމާބެހޭ ޢާއްމު އުޞޫލުތައް” މިބާބުގެ 130 ވަނަ މާއްދާގެ (ހ) ގައިވާގޮތުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި، ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަޤާމުތައް ކަނޑައަޅައި އެ މަޤާމްތަކަށް މުވައްޒަފުން ޢައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަޝްވަރާއާއެކު ސިވިލް ސާވިސް ކޮމިޝަނުންކަމާއި އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުން ހަދާ ޤަވާޢިދުތައްކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

4- އަވަށުބޯޑުގެ މެންބަރުންގެ ގޮތުގައި ބަޔަކު ހަމަޖައްސައިފައިވަނީ، ކައުންސިލްގެ މެންބަރުންނަކީ އެއްފިކުރެއްގެ މީހުންނަށްވެފައި، އަވަށްތަކުގެ އޮފީސްތަކުގައިތިބި ސިވިލް ސާރވިސްގެ ސްޓާފުންނަކީ ސިޔާސީގޮތުން ސިޓީކައުންސިލްގެ މެންބަރުންނާއި ޚިޔާލުތަފާތު ބަޔަކަށްވާތީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާތީ، އަވަށްތަކުގެ އޮފީސްތައް ހިންގުމަށް، ކައުންސިލްގެ މެންބަރުންނާއި ޚިޔާލު އެއްގޮތް، އެމީހުންނާ އެއްފިކުރުގެ މީހުން އެމަޤާމުތަކަށްގެނައުމަށްކަމަށް، އައްޑޫ ސިޓީކައުންސިލްގެ މެންބަރުން ތަޙުޤީޤުގައި ބުނެފައިވާކަމާއި، ނަމަވެސް ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައްޔާއި، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސިވިލް ސާރވިސްގެ މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ، އެފަދަ މުވައްޒަފުންނާމެދު ޢަމަލުކުރެވޭނެ އުޞޫލުތަކެއް ސިވިލްސާވިސްގެ ޤާނޫނާއި،

ސިވިލްސާވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އަދި އެގޮތަށް އެފަދަ މުވައްޒަފުންނާމެދު ފިޔަވަޅުއެޅުމުގެ ފުރުޞަތު އޮތްއިރު، އެކަން އެގޮތަށް ކޮށްފައިވާކަން އެނގެންނެތްކަމާއި، އަދި ކައުންސިލަރުން މަޤާމުގެ ހުވާކުރިދުވަހާއި އަވަށުބޯޑުތަކުގެ ރައީސުންނާއި ނާއިބުރައީސުން އައްޔަންކުރުމަށް ނިންމިދުވަހާދެމެދު ހޭދަވެފައިވަނީ، އެންމެދުވަހެއްކަމަށްވާއިރު، އެންމެދުވަހެއްގެ ތެރޭގައި ކައުންސިލަރުންނަށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށްބުނެ އެއީ އުޒުރެއްކަމަށް ދެއްކުމަށްފަހު، އަވަށްތަކުގެ އަވަށު ބޯޑުގެ ރައީސުންނާއި ނާއިބު ރައީސުންގެ ގޮތުގައި ކައުންސިލްގެ މެންބަރުންނާއި ޚިޔާލު އެއްގޮތް، އެމީހުންނާ އެއްފިކުރުގެ މީހުން ޢައްޔަނުކޮށްފައިވަނީ ޤާނޫނުނަންބަރު 2008/2 “ވަޒީފާއާބެހޭ ޤާނޫނު” ގެ 4 ވަނަމާއްދާގެ (ހ) ގައި “ވަޒީފާދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ އިތުރުކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި ވަޒީފާގެ ޝަރުޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖުތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ޖިންސަށް، ކައިވެނީގެ ނިސްބަތަށް، ޢާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާއި ޚިލާފުނުވާ ގޮތުން އުމުރަށް ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއް” ކަމަށް ބަޔާންކޮށްފައިވާއިރު މި މާއްދާއާއިވެސް ޚިލާފަށްކަން ފާހަގަކުރެވެއެވެ.

5- އަވަށު ބޯޑުތަކުގެ ރައީސުންނާއި، ނާއިބުރައީސްގެ ގޮތުގައި އައްޔަންކޮށްފައިވާ ފަރާތްތަކަކީ ރަށްރަށުގެ ކައުންސިލަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކުރިން އައްޔަންކޮށްފައިވާ ފަރާތްތަކެއްކަމާއި، އެފަރާތްތަކަށް އެމަޤާމުތައް ހަމަޖައްސާފައިވަނީ ސިޓީކައުންސިލް އުފެދުމާ ގުޅިގެން ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މަޤާމު އުވިގެންދާތީ، އެފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ ބޭނުމުގައިކަމަށް ފާހަގަކުރެވެއެވެ.

6- އައްޑޫ ސިޓީ ކައުންސިލް މެންބަރުންގެ މި ނިންމެވުމުގެ ސަބަބުން 2011 ވަނައަހަރުގެ މާޗްމަހުންފެށިގެން 2012 ވަނައަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 2,197,714.01ރ. (ދެމިލިއަން އެއްސަތޭކަނުވަދިހަ ހަތްހާސް ހަތްސަތޭކަސާދަރުފިޔާ އެއްލާރި) ދައުލަތަށް ގެއްލުންވެފައިވާކަމާއި، އަދި މިހާރު މަޤާގައިތިބި މީހުންގެ އަދަދަށްބަލާއިރު 2013 ޖެނުއަރީން ފެށިގެން މަހެއްގެ މައްޗަށް 110,000.00ރ. (ސަތޭކަ ދިހަހާސްރުފިޔާ) ދައުލަތަށް ގެއްލުންވަމުންދާނެކަން ފާހަގަކުރެވެއެވެ.

މަތީގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެސިޓީގެ ރަށްރަށުގެ އޮފީސްތަކުގެ އަވަށުބޯޑުތަކަށް ރައީސުންނާއި ނާއިބު ރައީސުންގެ ގޮތުގައި ބަޔަކު ހަމަޖައްސައިފައިވަނީ، ޤާނޫނު ނަންބަރު 2010/7 “ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު”ން ސިޓީކައުންސިލަށް ދީފައިނުވާ ބާރެއްގެ ބޭނުން ކޮށްގެން އެޤާނޫނާ ޚިލާފަށްކަމާއި، އަދި މަޤާމުތަކަށް ބަޔަކު ޢައްޔަށްކޮށްފައިވަނީވެސް، ޤާނޫނުނަންބަރު 2008/2 “ވަޒީފާއާބެހޭ ޤާނޫނު” ގެ 4 ވަނަމާއްދާގެ (ހ) އާއި ޚިލާފަށްކަމާއި، މިކަމަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް އައްޑޫ ސިޓީކައުންސިލްގެ މެންބަރުން ކޮށްފައިވާކަމެއްކަން މިމައްސަލައިގެ ތަޙްޤީޤަށް ފެންނާތީ، މިމައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، އައްޑޫ ސިޓީގެ ކައުންސިލްގެ 06 މެމްބަރުން ކަމުގައިވާ، ޢަބްދުﷲ ޞާދިޤު (ކައުސަރު/ސ.ހިތަދޫ) އާއި، ޢަބްދުﷲ ޠައްޔިބު (ހަޒާރުގެ / ސ.މަރަދޫ) އާއި، ޙުސައިން ފަހުމީ (މާބަގީޗާގެ / ސ.ހިތަދޫ) އާއި، ޙުސައިން ޙިލްމީ (ނާޒު / ސ.ހިތަދޫ) އާއި، ޙަސަން ޝާހިދު (ކަށިމާވިލާ / ސ.މީދޫ) އާއި، އަޙުމަދު މިރުޒާދު (މަގުމަތީގެ / ސ.ފޭދޫ)ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށާއި، އަދި މިމީހުންގެ މިޢަމަލުގެ ސަބަބުން ދައުލަތަށް ލިބިފައިވާ 2,197,714.01 (ދެމިލިއަން އެއްސަތޭކަނުވަދިހަ ހަތްހާސް ހަތްސަތޭކަސާދަރުފިޔާ އެއްލާރި) ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×