ދާންދޫ ކައުންސިލްގެ މެމްބަރ، ގއ.ދާންދޫ އަސުރުމާގެ މުޙައްމަދު ސިޔާމުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި

16 Apr 2013

ދާންދޫ ކައުންސިލަރގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ސިޔާމު 15 ޖެނުއަރީ 2009ން ފެށިގެން އެމަޤާމުން ވަކިވަންދެން، މުޙައްމަދު ސިޔާމް އާ ޙަވާލުކޮށްފައިވާ ފޯނުގެ ބިލްތަކަށްވާ ފައިސާ ދައްކަވާފައިނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

ގއ.ދާންދޫ އޮފީސް (މިހާރުގެ ގއ.ދާންދޫ ކައުންސިލްގެ އިދާރާ) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ފޯނުގެ ސިމްކާޑާއި ފޯނު ގއ. ދާންދޫ ކައުންސިލަރުގެ މަޤާމަށް މުޙައްމަދު ސިޔާމް ޢައްޔަންކުރުމާ ގުޅިގެން 15 ޖެނުއަރީ 2009 ގައި އޭނާއާ ޙަވާލުކޮށް، އެއިރު ޢަމަލުކުރަމުން އައި އުޞޫލުން، އެ އަހަރު އެ ނަންބަރުގެ ބިލުތަކަށް ފައިސާ ދައްކާފައިވަނީ ގއ.ދާންދޫ އޮފީހުގެ ބަޖެޓުންކަމަށްވެފައި، އެ ފޯނުން 2009 ވަނަ އަހަރު އެކިއެކި މޯބައިލް ނަންބަރުތަކަށް ޖުމުލަ 1,977.00 (އެއްހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ކްރެޑިޓް ޓްރާންސްފަރ ކޮށްފައިވާކަމާއި، އޭގެތެރެއިން 1,802.00(އެއްހާސް އަށްސަތޭކަ ދޭއް) ރުފިޔާ ޓްރާންސްފަރ ކޮށްފައިވަނީ މުޙައްމަދު ސިޔާމްގެ އަންހެނުން ބޭނުން ކުރަމުންދިޔަ މޯބައިލް ފޯނަށްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، މިއީ މަޤާމުގެ ނުފޫޒުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެން، މުޙައްމަދު ސިޔާމްގެ އަންހެނުންނަށާއި އެހެންވެސް ފަރާތްތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީއާއި؛

2010 ވަނަ އަހަރުން ފެށިގެން ރަށު ކައުންސިލަރުންނަށް ފޯނު އެލަވަންސްގެ ގޮތުގައި 500.00 (ފަސްސަތޭކަ) ރުފިޔާ ހަމަޖެހި، ފޯނު ބޭނުންކުރާ ފަރާތުން އަމިއްލައަށް ބިލު ދައްކާގޮތަށް ހަމަޖެހުމާގުޅިގެން ފޯނު އެލަވަންސްގެ ގޮތުގައި 2010 ވަނަ އަހަރު މުޙައްމަދު ސިޔާމަށް ލިބުނު ޖުމުލަ ފައިސާއާ އެއްވަރަށް ފޯނު ބިލުތަކަށް އެ އަހަރުގެ ތެރޭގައި ފައިސާ ދައްކާފައިނުވާކަމާއި، އަހަރު ނިމުނުއިރު އެ އަހަރުގެ ބިލުތަކަށް، 10,371.05ރ. (ދިހަހާސް ތިންސަތޭކަ ހަތްދިހަ އެއް ރުފިޔާ ފަސްލާރި) ވަނީ އަދާނުކޮށް ކަމާއި، 2010 ވަނަ އަހަރުވެސް އެކި ނަންބަރުތަކަށް ޖުމުލަ 6,169.00 (ހަހާސް އެއްސަތޭކަ ފަސްދޮޅަސް ނުވައެއް) ރުފިޔާ ޓްރާންސްފަރ ކޮށްފައިވާއިރު، އޭގެތެރެއިން 5,909.00 (ފަސްހާސް ނުވަސަތޭކަ ނުވައެއް) ރުފިޔާ އަކީ މުޙައްމަދު ސިޔާމްގެ އަންހެނުން ބޭނުންކުރަމުން ދިޔަ ފޯނަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާކަމާއި، މުޙައްމަދު ސިޔާމަށް 15 ޖެނުއަރީ 2009 ގައި، ފޯނުގެ ސިމްކާޑު ޙަވާލުކުރި ހިސާބުން ފެށިގެން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އޭނާ ގއ.ދާންދޫ ކައުންސިލަރު ގެ މަޤާމުން ވަކިކުރުމާ ހަމައަށް އެ ސިމްކާޑު އޮތީ އޭނާގެ ޙަވާލުގައިކަމަށް ފާހަގަކުރެވިފައިވުމާއި، 2010 ވަނަ އަހަރުގެ ބިލުތަކުގެ ފައިސާ ދެއްކުމަށް ގއ.އަތޮޅު އޮފީހާއި، ގއ. ދާންދޫ ކައުންސިލްގެ އިރާދާއާއި، ފަހުން ގއ.އަތޮޅު ކައުންސިލްގެ އިދާރާއިން މުޙައްމަދު ސިޔާމަށް އެންގުމުންވެސް އެކަމަށް އިޖާބަދީފައިނުވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީއާއި؛ 2010 ވަނަ އަހަރުގެ ބިލުތަކަށް ނުދައްކާހުރި، އިސްވެ ބަޔާންވެދިޔަ، 10,371.05ރ. (ދިހަހާސް ތިންސަތޭކަ ހަތްދިހަ އެއް ރުފިޔާ ފަސްލާރި) 2012 ވަނަ އަހަރުގެ ފަހުކޮޅު މުޙައްމަދު ސިޔާމް ދައްކާފައިވަނީ މި މައްސަލައިގެ ތަޙުޤީޤުގައި މި ކޮމިޝަނުން އޭނާއާ ސުވާލުކުރުމަށްފަހުގައި ކަމަށްވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައވާ ގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުޙައްމަދު ސިޔާމް (އަސްރުމާގެ، ގއ.ދާންދޫ) ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×