2008ވަނަ އަހަރު ޕޮލިހުންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ އަނބިކަނބަލުން އިނގިރޭސިވިލާތުގެ މެންޗެސްޓަރ އާއި މާލެއާ ދެމެދު ކުރެއްވި ދެކޮޅު ދަތުރުގެ ޚަރަދުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،
2008 ވަނަ އަހަރު ފުލުހުންގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ޙަފްލާއަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރުގެ އަނބިކަނބަލުން އިނގިރޭސިވިލާތުގެ މެންޗެސްޓަރ އިން މާލެ ވަޑައިގަތުމާއި، އަދި އެނބުރި މެންޗެސްޓަރއަށް ވަޑައިގަތުމުގެ ދަތުރު ޚަރަދަށް 65,817.70 (ފަސްދޮޅަސް ފަސްހާސް އަށްސަތޭކަ ސަތާރަ ޕޮއިންޓް ހަތެއް ސުމެއް) ރުފިޔާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޚަރަދުކުރުމަށް ހުއްދަ ދީ، އޭރުގެ ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރު އެފައިސާއާ ޙަވާލުވެފައިވާއިރު، އެދަތުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާކަން ލިޔުންތަކުން އެނގެންނެތުމާއި، ޕޮލިސް ސަރވިސް އިން ފައިސާ ޚަރަދުކުރާ ވައުޗަރ ހަދާފައިވަނީ 07 އެޕްރީލް 2008 ގައި އެމެރޭޓްސްގެ ޑުބާއީ މަގުން މާލެ އައިސް ހަމަ އެމަގުން އެނބުރި މެންޗެސްޓަރ އަށް ދިއުމަށް އެމެރޭޓްސްއިން ހޯދާފައިވާ އަގު ބަޔާންކޮށްފައިވާ ސްލިޕެއްގެ މައްޗަށް ބިނާކޮށްކަމަށްވާއިރު، އެދަތުރު ކުރިކަމަށްބުނާ ފަރާތް 26 މާރޗް 2008 އިން 09 އޭޕްރީލް 2008 އަށް ހުރީ ދިވެހިރާއްޖޭގައިކަމަށްވާތީއާއި، އަދި 2008 ވަނަ އަހަރު ތެރޭގައި އެމެރޭޓްސް އެއަރލައިނުން އެއްވެސް ފަހަރަކު އޭނާ މާލެ އައިސްފައިވާކަމެއް ނުވަތަ މާލެއިން އެނބުރި އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށް ދިޔަކަމެއް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުގެ ރިކޯޑްތަކުން ނުދައްކާތީއާއި، އެދަތުރުގެ ޓިކެޓު ފައިސާ ދީފައިވަނީ ބިލު ހުށަހެޅުމުން، އެއަށް ބަލައިގެން ނުވަތަ އެ ވައުޗަރާއެކު އެޓޭޗްކޮށްފައިވާ ސްލިޕަށް ބަލައިގެންކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބަޔާންދީފައިވާ ބައެއް ފަރާތްތަކުން ބުނެފައިވީނަމަވެސް، އެ ދަތުރު ކުރިކަން އަންގައިދޭ ބިލެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލިޔެކިޔުންތަކުން ފެންނަން ނެތްކަމާއި، އެ ފައިސާ ޚަރަދުކުރުމަށް ތައްޔާރުކޮށްފައިވާ ޕޭމަންޓް ވައުޗަރާއެކީ އެޓޭޗް ކޮށްފައިވާ އެމިރޭޓްސް އެއަރލައިންގެ އަގު ބަޔާންކޮށްފައިވާ ސްލިޕަކީ 07 އޭޕްރީލް 2008ގައި ހޯދާފައިވާ ސްލިޕެއްކަމަށްވެފައި، އެތާރީޚުގައި ދަތުރުކުރި ކަމަށްބުނާ ފަރާތް ހުރީ މާލޭގައިކަމަށްވާތީއާއި، އެ ދަތުރު ކޮށްފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަމިއްލަ ފަރާތަކުން ޗާޓަރކުރި އިނގިރޭސިވިލާތުގެ ފަސްޓްޗޮއިސް އެއަރވޭސްގެ އެފް.ސީ.އޭ 146 އަދި އެފް.ސީ.އޭ 147 ފްލައިޓުންކަން ލިޔުންތަކުން އެނގޭތީއާއި، އެ ދަތުރުގެ ޚަރަދު ހޯދުމަށް އެ ފްލައިޓުގެ ޓިކެޓު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުގެ ބަދަލުގައި ދަތުރު ނުކުރާ އެއަރލައިނެއްގެ އަގު ބަޔާންކޮށްފައިވާ ސްލިޕަކަށް ބިނާކޮށް އެދަތުރު ފައިސާ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ނަގާފައިވާތީ، މިއީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށް ކޮށްފައިވާ ޢަމަލެއްކަމަށް ބެލެވޭތީ، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު (މއ.ވަވަތި) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.