ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލަރެއްގެ މަޤާމުގައި ހުންނެވި ޙަސަން ސަޢީދުގެ މައްޗަށް މަޤާމުގެ ނުފޫޒުބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށާއި، ކުރީގެ ފުވައްމުލަކު އޮފީހުގެ ކައުންސިލަރ އަދި މިހާރުގެ އަތޮޅު ކައުންސިލަރ އިބްރާހީމް ފިކުރީ ޙުސައިންގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކުއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

22 Apr 2013

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރ، އިބްރާހީމް ފިކުރީ ޙުސައިންގެ 1400 އަކަފޫޓުގެ ގޯތި 3200 އަކަފޫޓަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

1. ޏ.ފުވައްމުލަކު ފެހިއަލި، އިބްރާހީމް ފިކުރީ ޙުސައިނަށް 2002 ވަނަ އަހަރު 3200 އަކަފޫޓުގެ ގޯޗެއް ލިބިފައިވާ ކަމާއި އެގޯތި އޮތް ސަރަހައްދާމެދު އޭނާ ހިތްހަމަ ނުޖެހިގެން އެގޯތި ދޫކޮށްލާފައިވަނީ އެގޯއްޗަށް ކުރަންޖެހޭ އިތުރު މަސައްކަތްތަކުގެ ސަބަބުން އަމިއްލަ އިޚްތިޔާރުގައިކަން ލިޔެކިޔުންތަކުން އެނގޭތީއާއި އެގޯތީގެ ބަދަލުގައި އެހެން ގޯއްޗެއް ދޭނެކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާތީއާއި 2006 ވަނަ އަހަރު ޏ.ފުވައްމުލަކުން ގޯތި ދޫކުރިބުރުގައި، ޢާންމު އުޞޫލެއްގެގޮތުން އެހެން ފަރާތްތަކަށް ގޯތި ދޫކުރާ އުޞޫލުން 1400 އަކަފޫޓުގެ ގޯއްޗެއް އިބްރާހިމް ފިކުރީ ޙުސައިނަށް ނަގައިދީފައިވާތީއާއި އިބްރާހީމް ފިކުރީ ޙުސައިން މިގޯއްޗާ ޙަވާލުވެފައިވާތީއާއި 2006 ވަނަ އަހަރު ގޯތި ދޫކުރިބުރުގައި ދޫކޮށްފައިވާ ހުރިހާ ގޯއްޗަކީވެސް 1400 އަކަފޫޓްގެ ގޯތިކަން ލިޔުންތަކުން އެނގޭތީއާއި، އިބްރާހީމް ފިކުރީ ޙުސައިން އަށް ފުވައްމުލަކުން ލިބިފައިވާ 1400 އަކަފޫޓްގެ ގޯތި 3200 އަކަފޫޓްގެ ގޯއްޗަކަށް ބަދަލުކުރުމަށް ފުވައްމުލަކު އަތޮޅު އޮފީހަށާއި ފުވައްމުލަކު އޮފީހަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވާކަން ލިޔުންތަކުން އެނގޭތީއާއި، މިކަން މިގޮތަށް ކޮށްފައިވަނީ އިބްރާހީމް ފިކުރީ ޙުސައިންއަށް ފުވައްމުލަކު އޮފީހުގެ ކައުންސިލަރގެ މަޤާމު 25 ޖެނުވަރީ 2009 ގައި ލިބުނުފަހުންކަން އެނގޭތީއާއި އިބްރާހީމް ފިކުރީ ޙުސައިނަށް 2006 ގައި ނަގައިދެވުނު 1400 އަކަފޫޓުގެ ގޯތި 3200 އަކަފޫޓުގެ ގޯއްޗަކަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މުއާމަލާތްތަކުގައި ފުވައްމުލަކު އޮފީހުން ފޮނުވި ހުރިހާ ސިޓީއެއްގައި ސޮއިކޮށްފައިވަނީ ފުވައްމުލަކު އޮފީހުގެ ކައުންސިލަރ، އިބްރާހީމް ފިކުރީ ޙުސައިންކަމަށްވާތީއާއި އެދުވަސްވަރު ފުވައްމުލަކު އޮފީސް ހިންގުމާއި ހަވާލުވެ ހުރީ ހުދު އިބްރާހީމް ފިކުރީ ޙުސައިން ކަމަށްވުމުން މިކަމުގައި އިބްރާހީމް ފިކުރީ ޙުސައިންގެ މަސްލަހަތު ވަރަށްބޮޑަށް އިސްކޮށްފައިވާކަން ފާހަގަކުރެވޭތީ، އިބްރާހީމް ފިކުރީ ޙުސައިންއަށް 2006 ވަނަ އަހަރު ދޫކޮށްފައިވާ 1400 އަކަފޫޓްގެ ގޯތީގެ ބަދަލުގައި އޭނާ ބޭނުންވާ ތަނަކުން، ރުއްގަހުގެ ބަދަލެއް ނުވަތަ އެހެންވެސް އިތުރު ޚަރަދެއް ކުރަން ނުޖެހޭތަނަކުން، 3200 އަކަފޫޓްގެ ގޯއްޗެއް ހަމަޖެއްސުމަށް ކޮށްފައިވާ މަސައްކަތަކީ އިބްރާހީމް ފިކުރީ ޙުސައިންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ޏ.ފުވައްމުލަކު ފެހިއަލި އިބްރާހީމް ފިކުރީ ޙުސައިން ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

2. އަދި އިބްރާހީމް ފިކުރީ ޙުސައިންއަށް 3200 އަކަފޫޓްގެ ގޯއްޗެއް ހަމަޖެއްސުމާ ގުޅޭގޮތުން ފުވައްމުލަކު އަތޮޅު އޮފީހުން ފޮނުވާފައިވާ ހުރިހާ ސިޓީއެއްގައިވެސް ސޮއިކޮށްފައިވަނީ ފުވައްމުލަކު އަތޮޅު އޮފީހުގެ އޭރުގެ ކައުންސިލަރ ޙަސަން ސަޢީދު ކަމަށްވާތީއާއި އިބްރާހީމް ފިކުރީ ޙުސައިންއަށް 3200 އަކަފޫޓްގެ ގޯއްޗެއް ހަމަޖެއްސުމަށް ނިންމާފައިވަނީ ޙަސަން ސަޢީދުކަން ލިޔެކިޔުންތަކުންނާއި ޙަސަން ސަޢީދު މިކޮމިޝަނަށް ދީފައިވާ ބަޔާނުން އެނގޭތީއާއި އިބްރާހިމް ފިކުރީ ޙުސައިނަށް ފުރަތަމަ ލިބިފައިވާ 3200 އަކަފޫޓުގެ ގޯތި އިބްރާހީމް ފިކުރީ ދޫކޮށްލާފައިވަނީ އެގޯއްޗަށް ކުރަންޖެހޭ އިތުރު މަސައްކަތްތަކުގެ ސަބަބުން އަމިއްލަ އިޚްތިޔާރުގައިކަން ލިޔެކިޔުންތަކުން އެނގޭތީއާއި އެގޯތީގެ ބަދަލުގައި އެހެން ގޯއްޗެއް ދޭނެކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާތީއާއި 2006 ވަނަ އަހަރު ޏ.ފުވައްމުލަކުން ގޯތި ދޫކުރިބުރުގައި، ޢާންމު އުޞޫލެއްގެގޮތުން އެހެން ފަރާތްތަކަށް ގޯތި ދޫކުރާ އުޞޫލުން 1400 އަކަފޫޓުގެ ގޯއްޗެއް އިބްރާހިމް ފިކުރީ ޙުސައިނަށް ނަގައިދީފައިވާތީއާއި، 2006 ވަނަ އަހަރު ގޯތި ދޫކުރިބުރުގައި ދޫކޮށްފައިވާ ހުރިހާ ގޯއްޗަކީވެސް 1400 އަކަފޫޓްގެ ގޯތިކަން ގޯތިޙަވާލުކުރާފޮތުން އެނގޭތީ، އިބްރާހީމް ފިކުރީ ޙުސައިންއަށް 2006 ވަނަ އަހަރު ދޫކޮށްފައިވާ 1400 އަކަފޫޓްގެ ގޯތީގެ ބަދަލުގައި އޭނާ ބޭނުންވާ ތަނަކުން، ރުއްގަހުގެ ބަދަލެއް ނުވަތަ އެހެންވެސް އިތުރު ޚަރަދެއް ކުރަން ނުޖެހޭތަނަކުން، 3200 އަކަފޫޓްގެ ގޯއްޗެއް ހަމަޖެއްސުމަށް ނިންމާފައިވާ ނިންމުމަކީ އޭރު ފުވައްމުލަކު އަތޮޅު ކައުންސިލަރަކަށް ހުރި، ޙަސަން ސަޢީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ޏ.ފުވައްމުލަކު އެއްގަމިގޭ ޙަސަން ސަޢީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×