އެޗް.ޑީ.އެފް.ސީން އެކުންފުނީގެ މުވައްޒަފަކު ނަގާފައިވާ ލޯނެއްގެ ފައިސާ ދޫކުރުމުގައި އެމުވައްޒަފަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ، އެކުންފުނީގެ ކުރީގެ މުވައްޒަފެއްކަމުގައިވާ މުޙައްމަދު ނިޝާމް އަޙުމަދުގެ މައްޗަށާއި، އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރ، ފައިސަލް ޙަލީމްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި

17 Apr 2013

އެޗް.ޑީ.އެފް.ސީގެ ޓެކްނިކަލް އިންސްޕެންޝަން އޮފިސަރ މުޙައްމަދު ނިޝާމް އަޙުމަދު، ތިނަދޫގައި ހުންނަ އޭނާގެ ގެ ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން ލޯނެއް ނަގާފައިވާކަމަށާއި، އެލޯން އޮތީ 3 ބަޔަށް ބަހާލައިގެން ދޫކުރާގޮތަށްކަމަށާއި، ނަމަވެސް އެލޯނުގެ 2ވަނަ ބައި ނިޝާމަށް ދޫކުރުމުގައި ގަވާއިދާ ޚިލާފަށް އެކަން ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

1. ގދ. ތިނަދޫ ފޮނިމާގެ މުޙައްމަދު ނިޝާމް އަޙުމަދު ބައިވެރިވެގެން އެޗް.ޑީ.އެފް.ސީން ނަގާފައިވާ ލޯނުގެ ދެވަނަ ޕޭމަންޓް ދިނުމުގައި އެޗް.ޑީ.އެފް.ސީގެ މުވައްޒަފުން، ލޯނު ފައިސާ ދިނުމުގައި ޢަމަލު ކުރަންޖެހޭ ޢުޞޫލަށް ޢަމަލުކޮށްފައި ނުވާކަމާއި ބަލަންވާ ވަރަށް ނުބަލާ ފައިސާ ދޫކޮށްފައިވާކަމާއި ލޯނުގެ 2 ވަނަ ޑިސްބާސްމަންޓް ހެދުމުގެ ކުރިން ފުރަތަމަ ފިޔަވަހީގައި ދޫކުރިފައިސާއިން ކުރަން ކަނޑައެޅި މަސައްކަތްތައް ނިމިފަހުރިތޯ ބަލާޗެކްކުރަން ޖެހޭއިރު ލޯނުގެ 2 ވަނަ ޑިސްބާސްމަންޓް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިންސްޕެކްޝަން ފޯމުގައި ސޮއިކުރީ އިންސްޕެކްޝަން ފޯމު ތައްޔާރުކުރުމަށްފަހު މެޓީރިއަލްސް އެބަހުރިކަމަށާ އެކަން ވެރިފައިކުރުމަށް ރަށަށް ފެކްސްކުރަން ފޯމްގައި ސޮއިކުރުމަށް މުޙައްމަދު ނިޝާމް އަޙުމަދު އެދުމުން މުޙައްމަދު ނިޝާމް އަޙުމަދަށް އިތުބާރުކޮށްފައި ކަމަށް އިންސްޕެކްޝަން ފޯމުގައި ސޮއިކުރި ކްރެޑިޓް އޮފިސަރ، ފައިސަލް ޙަލީމު ބުނެފައިވާތީއާއި ޚުދު މުޙައްމަދު ނިޝާމް އަޙުމަދުވެސް ކްރެޑިޓް އޮފިސަރ ފައިސަލް ޙަލީމް ކައިރީ އިންސްޕެކްޝަން ފޯމްގައި ސޮއިކޮށްދިނުމަށް ބުނިކަމަށާއި މެޓީރިއަލްސް ގަތް ބިލުތައް އޭރު ނުލިބޭ ކަމަށާއި ފައިސަލް ޙަލީމް އެފޯމުގައި ސޮއިކުރީ ބިލުތައް ގެންނާނެކަމަށް އޭނާއަށް އިތުބާރުކޮށްފައި ބިލުތައް ގެންނަން އެއްބަސްވުމުންކަމަށް ބުނެފައިވާތީއާއި ލޯނުގެ ދެވަނަ ޑިސްބާސްމަންޓް ރިކުއެސްޓް ތައްޔާރުކުރީ މުޙައްމަދު ނިޝާމް އަޙުމަދު ބުނެގެންކަމަށާއި އަދި އިންސްޕެކްޝަން ފޯމްގައި ފައިސަލް ޙަލީމް ސޮއިކޮށްފައި އޮތުމުން އެއަށް ބަލާފައި ކަމަށް ޑިސްބާސްމަންޓް ރިކުއެސްޓް ތައްޔާރުކުރި ފަރާތުން ބުނެފައިވާތީއާއި ރިކްއެސްޓްގައި ޗެކްކުރި ފަރާތެއްގެ ގޮތުން ސޮއިކުރީ މުޙައްމަދު ނިޝާމް އަޙުމަދުގެ ގާތުގާ ތަކެތިގަތިންތޯއާއި ބިލްތައްކޮބައިތޯއާއި ބިލްތައް ލިބޭނީ ކޮންއިރަކުންތޯ ސުވާލުކުރުމުން ބިލްތައް ޖެހިގެން އަންނަ ދުވަހު ގެންނާނެކަމަށް ބުނުމުން ބިލްތައް ގެންނަގޮތައްކަމަށް ޗެކްކުރި ފަރާތުން ބުނެފައިވާތީއާއި އެޗް.ޑީ.އެފް.ސީން ފަހުން ބެލި ބެލުމުން ފުރަތަމަ ޑިސްބާސްމަންޓުން ކުރަން ކަނޑައެޅި ކަންތައްތައް ލޯނު ނަގާފައިވާ ފަރާތުން ކޮށްފައި ނުވާތީއާއި މުޙައްމަދު ނިޝާމް އަޙުމަދަކީ އޭރު އެކުންފުނީގެ ފަރާތުން ކަސްޓަމަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާ އެފަރާތްތަކުން ޚަރަދުކުރަނީ ލޯނު ދޫކޮށްފައިވާ މަޤްސަދު ފުރިހަމަ ކުރުމަށްތޯ ބެލުމަށް ހުންނަ ފަރާތްކަމަށް ވީހިނދު މުޙައްމަދު ނިޝާމް އަޙުމަދު ބައިވެރިވާގޮތަށް އެޗް.ޑީ.އެފް.ސީން ނަގާފައިވާ ލޯނެއްގެ ފައިސާ ހޯދުމުގައި އެޗް.ޑީ.އެފް.ސީގެ މުވައްޒަފުންނަށް ދޮގު މަޢުލޫމާތުދީ އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ފައިސާ ހޯދުމަށް މަސައްކަތްކޮށް އެފައިސާ ހޯދުމަކީ ގދ. ތިނަދޫ ފޮނިމާގެ މުޙައްމަދު ނިޝާމް އަޙުމަދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއްކަން ދަލީލުކޮށްދޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ގދ. ތިނަދޫ ފޮނިމާގެ މުޙައްމަދު ނިޝާމް އަޙުމަދުގެމައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. އަދި ގދ. ތިނަދޫ ފޮނިމާގެ މުޙައްމަދު ނިޝާމް އަޙުމަދު ބައިވެރިވެގެން އެޗް.ޑީ.އެފް.ސީން ނަގާފައިވާ ލޯނުގެ ދެވަނަ ޕޭމަންޓް ދިނުމުގެ ކުރިން ހަދަން ޖެހޭ އިންސްޕެކްޝަން ފޯމުގައި އިންސްޕެކްޝަން ހެދިކަމަށް އެޗް،ޑީ.އެފް.ސީގެ އެސިސްޓެންޓް މެނޭޖަރ-ކްރެޑިޓް، ފައިސަލް ޙަލީމް ސޮއިކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގައި ދޫކުރި ފައިސާއިން ކުރަން ކަނޑައެޅި މަސައްކަތް ކޮށްފައި ހުރިތޯ ބަލާ ޗެކްކުރުމަށް ފަހުގައި ނޫންކަން ފާހަގަ ކުރެވޭތީ މިޢަމަލަކީ ސ.މީދޫ ހަސަންކާރިގެ ފައިސަލް ޙަލީމް އޭނާގެ މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާކަމެއް ކަމަށް ދަލީލުކޮށްދޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ސ.މީދޫ ހަސަންކާރިގެ ފައިސަލް ޙަލީމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×