އެސް.ޓީ.އޯގެ ވަޒީފާތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސްދޭނެ ފަރާތެއް ހޯދުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ، އެސް.ޓީ.އޯގެ 05 މުވައްޒަފެއްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކުއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

22 Apr 2013

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވަޒީފާތަކާއި، އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަން ބޭނުންވާ މީހުން ގެނެސްދޭނެ އޭޖަންސީއެއް ހޯދުމަށް އޯގަސްޓް 2012 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީލަންކާމިޔާބުކުރި ފަރާތް ކަނޑައަޅާފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

އެސް.ޓީ.އޯގެ ވަޒީފާތަކަށް ބިދޭސީން ގެނެސްދޭނެ ރެކްރޫޓްމަންޓް އޭޖަންސީއެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެމަސައްކަތްކުރުމަށް ޓެންޑަރ ކޮމިޓީން މިމަސައްކަތް ޙަވާލުކުރުމުގައި ހުށަހެޅިފައި ހުރި ބިޑްތަކުގެ އަސްލަށް ބެލުމުގެ ބަދަލުގައި ބަލާފައިވަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ހަދާފައިވާ އިވެލުއޭޝަން ޝީޓަށްކަމަށް ޓެންޑަރ ކޮމީޓީގެ ބައެއް މެމްބަރުން ތަޙްޤީޤުގައި ބުނެފައިވާތީ އާއި މިމަސަކަތްކުރާނެ ފަރާތެއް ކަނޑައެޅުމުގައި ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ޝީޓުގައި ބިޑް ހުށަހެޅި ބައެއް ފަރާތްތަކުގެ ހުށަހެޅުންތަކަށް މާކްސް ދީފައިވާ ގޮތަށް ނަޒަރުކުރާއިރު، ތަޖުރިބާއަށް މާރކްސް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް މާރކްސް ދީފައިވާކަން ފާހަގަކުރެވިފައިވުމާއި، ހުށަހެޅިފައިވާ ރިފަރެންސް ސިޓީތަކަށް ރިޢާޔަތްކުރުމުގައި ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާކަމާއި، އެސް.ޓީ.އޯގެ ވަޒީފާތަކަށް ރާއްޖޭއިން ބޭރުން މީހުން ގެނެސްދޭނެ އޭޖެންސީއެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބިޑް އިވެލުއޭޝަންގެ މަސައްކަތުގެ އެކްސްޕީރިއަންސްއަށް މާކްސް ދިނުމުގައި މައްސަލަ ހުރިކަމަށް މިކޮމިޝަނަށް ބަޔާން ދިން އެސް.ޓީ.އޯގެ ޕްރޮކިއޯމަންޓް ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ބަޔާންތަކުގައި އިޢުތިރާފުވެ އެއީ ކުށެއްކަމަށް ބުނެފައިވާތީ އާއި އެސް.ޓީ.އޯގެ ފަރާތުން ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބިޑް ހުށަހަޅާ ފަރާތްތަކަށް ޙިއްސާކޮށްފައިވާ މާކްސް ދެވޭނެ އުޞޫލުތަކާއި އެއްގޮތަށް މާކްސް ދީފިނަމަ، މިމަސައްކަތް ޙައްގުވާ ފަރާތަކީ މަސައްކަތް ޙަވާލުކުރެވުނު ފަރާތް ނޫންކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވޭތީ އާއި އެސް.ޓީ.އޯގެ ޕްރޮކިއޯމަންޓް ޕޮލިސީގެ 7 ވަނަ މާއްދާއާއި އެއްގޮތަށް މިމަސައްކަތް ޙައްޤުވާ ފަރާތުން ހުށަހަޅާފައިވާ ބިޑްގެ އިވެލުއޭޝަންގެ ކަންކަން ހިނގާފައިވާގޮތް ބަލާދިނުމަށް އެސް.ޓީ.އޯ ގައި އެދިފައިވާކަން ތަޙްޤީޤަށް އެނގެން އޮތްކަމާއި ނަމަވެސް ދެވަނަ ފަހަރަށް ބެލުމަށްފަހުވެސް އެކަންތައްތައް ރަނގަޅުކޮށްފައި ނުވާކަން ފާހަގަކުރެވޭތީއާއި، އިވެލުއޭޝަންގައި ކުށެއް ހެދިފައިވާނަމަ އެކުށް ރަނގަޅުކުރުމަކީ އެސް.ޓީ.އޯ ޓެންޑަރ ކޮމިޓީގެ މެމްބަރުންގެ ޒިންމާއެއްކަން އެސް.ޓީ.އޯގެ ޕްރޮކިއޯމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާތީއާއި ޓެންޑަރ ކޮމިޓީ މެމްބަރުން އިވެލުއޭޝަން ޝީޓުގައި ސޮއި ކުރަނީ އިވެލުއޭޝަންގެ އެންމެހާ ކަންތައްތައް ބެލިކަމަށް ނިންމުމަށް ފަހުކަމުގައި ވާތީ، މިއީ، އެސް.ޓީ.އޯގެ ޓެންޑަރ ކޮމިޓީގެ މެމްބަރުންގެ މަޤާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީއާއި، އޭގެ ސަބަބުން މަސައްކަތް ޙައްގުވާ ފަރާތް ނޫން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއްވެފައިވާކަން ތަޙުޤީޤުގައި ހޯދިފައިވާ ކިތާބީ ހެކިންނާއި ޝަފަހީ ހެކިން އެނގެން އޮތުމުން ޤާނޫނު ނަންބަރު 2000/2 ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާ އެސް.ޓީ.އޯގެ ޓެންޑަރ ކޮމިޓީގެ މެމްބަރުން ކަމުގައިވާ ގ.ރަސްހުވަނދު/ މާލެ ޢާއިޝަތު ޝައްފާނާ ރަޝީދު އާއި، މ. ސަލްވާ/ މާލެ، ޢަބްދުﷲ ޖާވިދު އާއި، މއ. ނޫރީގެ/ މާލެ، އިބްރާހީމް ޝަރީފު މުޙައްމަދު އާއި، މ.ލާލުބާޣު/ މާލެ، އަޙްމަދު ޝަހީރު އާއި، މ.ޕޮޕީ/ މާލެ، ޢަބްދުﷲ ޝަފީޢު މަޙްމޫދު ގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×