ހދ.މަކުނުދޫ އޮފީހުން އެކިފަރާތްތަކާ ޙަވާލުކުރަންޖެހޭ ފައިސާ ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ނަގައި ބޭނުންކޮށްފައިވާތީ، މަކުނުދޫ އޮފީހުގެ ކުރީގެ ކައުންސިލަރ، ޢަބްދުﷲ ޙަމީދު އާއި އެކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، އާދަމް މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކުއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

09 May 2013

ހދ.މަކުނުދޫ ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ އެއިދާރާގެ ކުރީގެ ކައުންސިލަރ އަބްދުﷲ ޙަމީދު ނަގާފައިވާކަން އެނގޭކަމަށާއި، ޢަބްދުﷲ ޙަމީދަކީ ފައިސާ ޚަރަދުކުރުމަށް ހުއްދަދޭ ފަރާތަށްވާއިރު، އެކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 4 ގެ 4.01 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،
1- ހދ.މަކުނުދޫ އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާއާ ހދ.މަކުނުދޫ އޮފީހުގެ ކުރީގެ ކައުންސިލަރ ޢަބްދުﷲ ޙަމީދު ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 4 ގެ 4.11 ގެ (ނ) އާ ޚިލާފަށްކަމާއި، އެގޮތުން ޢަބްދުﷲ ޙަމީދު ނެގި ފައިސާގެ ތެރެއިން 3 ފަރާތަކަށް ހަވާލުކުރަންޖެހޭ ފައިސާ އެފަރާތްތަކަށް ލިބިފައިނުވާކަމަށާއި، މީގެއިތުރުން ފައިސާ ލިބެންނުޖެހޭ ފަރާތެއްގެނަމުގައި ފައިސާ ނަގައި ޢަބްދުﷲ ޙަމީދު ހަވާލުވެފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، މިކަމަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއްހޯދުމަށް ކޮށްފައިވާ ޢަމަލެއްކަމަށް ވުމާއެކު، ހދ.މަކުނުދޫ/ގުލްބަކާގެ، ޢަބްދުﷲ ޙަމީދުގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިފައިވާކަމުގެ ދަޢުވާކުރުމަށާއި، ނާޖާއިޒުގޮތުން ހޯދައިފައިވާ ފައިސާ ޢަބްދުﷲ ޙަމީދު އަތުން ހޯދުމުގެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2- އަދި ހދ.މަކުނުދޫ އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، އެފަރާތްތަކުގެ ލިޔުމެއްނެތި، މަކުނުދޫ އޮފީހުގެ ކައުންސިލަރ ޢަބްދުﷲ ޙަމީދާ ޙަވާލުކޮށްފައިވަނީ، މަކުނުދޫ އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހދ.މަކުނުދޫ /ފެހިވިނަ، އާދަމް މުޙައްމަދު ކަމާއި، މިކަމަކީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 4 ގެ 4.11 ގެ (ހ) އާއި އެމާއްދާގެ (ނ) އާ ޚިލާފަށް އާދަމް މުޙައްމަދު ކޮށްފައިވާކަމެއްކަމާއި، އާދަމް މުޙައްމަދުގެ މިޢަމަލުގެ ސަބަބުން މަކުނުދޫ އޮފީހުގެ ކައުންސިލަރ ޢަބްދުﷲ ޙަމީދަށް ނާޖާއިޒު ފައިދާއެއް ލިބިފައިވާތީ، ހދ.މަކުނުދޫ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަކުނުދޫ /ފެހިވިނަ، އާދަމް މުޙައްމަދުގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިންކަމުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×