ނޫސް ބަޔާން

14 May 2013

“ރައީސް ވަހީދު ގެންދަނީ ކޮރަޕްޓް މީހުން ދުރުކުރަމުން” މިޞުރުޙީގެ ދަށުން 12 މެއި 2013 ވަނަ ދުވަހު ސަން އޮންލައިންގައި މިކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއާ ޙަވާލާދީ ޝާއިއުކޮށްފައިވާ ޚަބަރާގުޅޭގޮތުން ދަންނަވަމެވެ. މިދެންނެވި ޚަބަރަކީ މިކޮމިޝަނުގެ ރައީސްގެ ފަރާތުން ގިނަ މަޢުލޫމާތުތަކެއް ހޯދުމަށްފަހު، އެމަޢުލޫމާތުތަކުގެ ތެރެއިން ކުޑަ މިންވަރެއް ހިމަނައި މިކޮމިޝަނުގެ ރައީސް ދީފައިވާ އިންޓަވިއުގެ ޙަޤީޤީ މަޤްޞަދު ފުށުއަރާގޮތަށް އާންމުކޮށްފައިވާ ޚަބަރެއްކަމަށްވާތީ، މިކޮމިޝަނުގެ ފަރާތުން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އެގޮތުން، ސަން އޮންލައިންގެ ފަރާތުން މިކޮމިޝަނުގެ ރައީސާ ފޯނުން ގުޅައި، ސިވިލް ސަރވިސް މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެމުވައްޒަފުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވީނަމަވެސް، އެމުވައްޒަފު ވަޒީފާއިން ވަކިކޮށްފައިނުވާކަމަށް ބުނެ ސުވާލުކުރުމުން، މިދެންނެވި ސުވާލުގެ ޖަވާބުގައި ސިވިލް ސަރވިސްގެ އެމުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަމަށާއި، ނަމަވެސް އެފަދަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ މިކޮމިޝަނަށް ކުރެވޭނެކަމެއް ނޫންކަމަށާއި، އެފަދަ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އެންގުމުން، އެމުވައްޒަފަކާމެދު ފިޔަވަޅު އަޅާނީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށް ދަންނަވާފައިވާނެއެވެ. އޭގެއިތުރުން، އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތަކީ ސިޔާސީ މަޤާމެއްގައި ހުންނަވާ ބޭފުޅަކަށްވާނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް އަންގަމުން ގެންދަނީ ރައީސުލް ޖުމްހޫރިއްޔާއަށްކަމަށާއި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅެއްނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް އަންގަމުން ގެންދަނީ ޝަރުޢީ ދާއިރާގެ ކަންކަން ބަލަހައްޓަވާ އިދާރާއަކަށް ކަމަށްވެސް ދަންނަވާފައިވާނެއެވެ. އަދި އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ސިވިލް ސަރވިސް ކޮމިޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމުން، ގިނަ ފަރާތްތަކަކާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި، ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިނުވާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، ކޮރަޕްޝަނުގެ އަމަލުތަކުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް މިކޮމިޝަނުން ލަފާދިނުމުން، އޭގެ ތެރެއިން ބައެއް ފަރާތްތަކަކާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި، މިކޮމިޝަނުގެ އެންގުމަކާނުލައިވެސް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކާމެދުވެސް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅާފައިވާކަމަށް ދަންނަވާފައިވާނެއެވެ.

ނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނިކޮށް، އެމުވައްޒަފު ވަޒީފާއިން ވަކިކޮށްފައިނުވާ މައްސަލައެއްގައި މިކޮމިޝަނުގެ ރައީސްއާ ސަން އޮންލައިނުން ސުވާކުރުމަށްފަހު، އެމަޢުލޫއުގެ ތެރެއިން ދެކެވިފައިވާ މިދެންނެވި ވާހަކަތަކަށް ރިއާޔަތްކުރުމެއްނެތި، މިކޮމިޝަނުގެ ރައީސް ދީފައިވާ އިންޓަވިއުގެ ޙަޤީޤަށް އޮޅޭގޮތަށް ސަން އޮންލައިނުން ޚަބަރު އާންމުކުރި ކުރުމަކީ، މިފަދަ މިނިވަން މުއައްސަސާއެއްގެ އިންޓެގްރިޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއްކަމަށް މިކޮމިޝަނުން ފާހަގަކުރަމެވެ. އަދި ސަން އޮންލައިނުން މިކޮމިޝަނުގެ ރައީސްއާ ޙަވާލާދީ، އާންމުކޮށްފައިވާ މިދެންނެވި ޚަބަރަށް މިކޮމިޝަނުގެ ރައީސް ދީފައިވާ އިންޓަވިއުއަކީ ސިޔާސީ ވަކި ފަރާތަކަށް ފައިދާވާގޮތަށް ނުވަތަ އެފަދަ ފަރާތްތަކަކަށް އުނިކަމެއް ލިބޭގޮތަށް އަދި ސިޔާސީ އެއްވެސް ވިސްނުމެއްގައި ދީފައިވާ އިންޓަވިއުއެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް މިފުރުޞަތުގައި އަރުވަމެވެ.

ވީމާ، ޤާނޫނީގޮތުން އުފެދިފައިވާ މިފަދަ މިނިވަން މުއައްސަސާއަކުން އާންމުކުރާ މަޢުލޫމާތުތަކާއި، ދޭ އިންޓަވިއުތައް ރައްޔިތުންނަށް އޮޅުންއަރާފަދަ ގޮތަކަށް އާންމުނުކުރުމަށާއި، މިނިވަން ނޫސްވެރިކަމުގެ އިން ފަހަނައަޅައި ނުދިއުމަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×