ސ.ފޭދޫ ސްކޫލުގެ ކުރީގެ ޓްރެއިންޑް ލީޑިންގ ޓީޗަރ ޢަބްދުﷲ ޒުހައިރު (ނީލޯފަރުގެ/ސ.ފޭދޫ) އާއި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޢަބްދުއްލަޠީފް ޢަލީ (ފުލްމޫން/ސ.ފޭދޫ) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރުމަށާއި,ސ.ފޭދޫ/ނީލޯފަރު ޢަބްދުﷲ ޒުހައިރު އާއި ސ.ފޭދޫ/ބް

20 Jun 2013

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބަޖެޓް ޕްލޭނިންގ ފައިނޭންޝަލް ކޮންޓްރޯލް އެންޑް އިންޓަރނަލް އޮޑިޓް ސެކްޝަނުން ސ.ފޭދޫ ސްކޫލްގެ މުދަލާއި ފައިސާގެ ހިސާބުތައް 01 ޖެނުއަރީ 2009 ން 18 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް ޗެކުކޮށް، 21 ސެޕްޓެމްބަރ 2010 ވަނަ ދުވަހު އެކުލަވާލާފައިވާ ރިޕޯޓާ ގުޅިގެން، ސ.ފޭދޫ ސްކޫލުން އިޢުލާނު ކުރުމެއްނެތި އަދި 3 ފަރާތުގެ އަގު ބެލުމެއްނެތި ސ.ފޭދޫ އަރިއަސް ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން 42,501.18(ސާޅީސްދެހާސް ފަސްސަތޭކަ އެކެއް ޕޮއިންޓް އެކެއް އަށެއް) ރުފިޔާގެ މަސައްކަތްތަކެއް 5 ބަޔަށް ބަހާލައިގެން އެއްފަހަރާ ކޮށްފައިވާކަމަށް ކުރެވޭ ތުހުމަތާ ގުޅޭ މައްސަލަ މިކޮމިޝަނުން ތަޙުޤީޤު ކޮށް ބެލިއިރު،
އަރިއަސް ކޮންސްޓްރަކްޝަންގެ ނަމުގައި ހަދާފައިވާ 06 ޑިސެމްބަރ 2009 ގެ ތާރީޚުގެ 5 ބިލެއްގައިވާ ޖުމުލަ 42,501.18 (ސާޅީސްދެހާ ފަސްސަތޭކަ އެކެއް ޕޮއިންޓް އެކެއް އަށެއް) ރުފިޔާ 09 ޑިސެމްބަރު 2009 ގައި ސ.ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުގެ 2278 އާއި 2280 ނަންބަރު ޗެކުން ދައްކާފައިވާކަމަށް ސްކޫލުގެ ލިޔުންތަކުން ދައްކާކަމާއި،
ނަމަވެސް މި ދެ ޗެކުން ނަގާފައިވާ ފައިސާއަކީ އެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވާ ފައިސާކަން ނުވަތަ އެ ބިލުތަކުގައިވާ މަސައްކަތްތަކަކީ ސ.ފޭދޫ ސްކޫލުގައި ކޮށްފައިވާ މަސައްކަތްތަކެއްކަން އެނގޭނެ ޞައްޙަ ލިޔެކިޔުމެއް ނެތްކަމާއި، އެބިލުތަކަށް އަރިއަސް ކޮންސްޓްރަކްޝަންގެ ވެރިފަރާތަށް ފައިސާ ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން، އެކަމާ ގުޅޭ ލިޔެކިޔުންތައް ފަހުން ތައްޔާރުކޮށްފައިވާކަމާއި، މި ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮޑިޓް ޓީމު ސ.ފޭދޫ ސްކޫލް އޮޑިޓް ކުރަން އަންނަކަން އެނގިގެންކަން މިމައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއިން އެނގޭތީއާއި،
އަދި، ސ.ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުގެ ނަންބަރު 2278 ޗެކުން ނަގާފައިވާ 34,751.18(ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަންސާސް އެކެއް ޕޮއިންޓް އެކެއް އަށެއް) ރުފިޔާއަކީ ފޭދޫ ސްކޫލުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ޓީޗަރުން ރެކްރޫޓް ކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެ ސްކޫލަށް ދިނުމާ ގުޅިގެން، ފޭދޫ ސްކޫލަށް ޓީޗަރުން ރެކްރޫޓް ކުރުމަށް ޢަބްދުﷲ ޒުހައިރުއާއި ޢަބްދުއްލަޠީފް ޢަލީ އިންޑިއާ އަށްކުރި ދަތުރަށް ޚަރަދުކުރުމަށް ނެގި ފައިސާކަމާއި، ނަމަވެސް އެ ފައިސާއަކީއަރިއަސް ކޮންސްޓްރަކްޝަނުން ސްކޫލުގައި ކޮށްފައިވާ މަސައްކަތްތަކަކަށްކަން ޚަރަދުކޮށްފައިވާ ފައިސާއެއްކަން ދެއްކުމުގެ ގޮތުން އެކަމާ ގުޅޭ ލިޔުންތައް ފަހުން ތައްޔާރުކޮށްފައިވާކަން މިމައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއިން އެނގޭތީ، ސ.ފޭދޫ ސްކޫލުގެ އޭރުގެ ޓްރެއިންޑް ލީޑިންގ ޓީޗަރ ޢަބްދުﷲ ޒުހައިރު (ނީލޯފަރުގެ/ސ.ފޭދޫ) އާއި އެ ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ޢަބްދުއްލަޠީފް ޢަލީ (ފުލްމޫން/ސ.ފޭދޫ) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ(ހ)ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާ ކުރުމަށާއިމި ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
މި މައްސަލާގައި 2278 ޗެކުގައިވާ ފައިސާއާ ގުޅޭގޮތުން ޢަބްދުﷲ ޒުހައިރުއާއި ސްކޫލުގެ ސަރުދާރުގެ މަގާމުގައި އޭރު ހުރި މުޙައްމަދު ޝަފީޢު (ބްލޫބާޑް/ސ.ފޭދޫ) އާއިއަރިއަސް ކޮންސްޓްރަކްޝަންގެ ވެރިފަރާތްކަމުގައިވާ ޙަސަން ލުޠުފީ (އަރިއަސް/ސ.ފޭދޫ) މިކޮމިޝަނުގެ ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދީފާއިވާކަން ތަޙުޤީޤަށް ފާހަގަކުރެވޭތީ، ޤާނޫނު ނަންބަރު2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނޫ) ގެ 20 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ޢަބްދުﷲ ޒުހައިރު އާއި ޙަސަން ލުޠުފީގެ މައްޗަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×