ޤައުމީ އިއްތިހާދު ޕާޓީއަށް ވައްދާފައިވާ މީހުން ވައްދާފައިވަނީ ދައުލަތުގެ 2 އިދާރާއެއްގައި ހުރި މަޢުލޫމާތާއި ރެކޯޑު ބޭނުންކޮށްގެންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން، ތަޙުޤީޤު މަރުޙަލާގައި މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އެންގި އެންގުން

20 Jun 2013

ޤައުމީ އިއްތިހާދު ޕާޓީއަށް ވައްދާފައިވާ މީހުން އެޕާޓީއަށް ވައްދާފައިވަނީ ދައުލަތުގެ 2 އިދާރާއެއްގައި ހުރި މަޢުލޫމާތާއި ރެކޯޑު ބޭނުންކޮށްގެންކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއަކާއި ގުޅިގެން، ޤައުމީ އިއްތިހާދު ޕާޓީއަށް މީހުން ވެއްދުމުގައި، ޝަކުވާގައި ބަޔާންކުރާ 2 އިދާރާގައި ހުރި މަޢުލޫމާތާއި ރެކޯޑު ބޭނުންކޮށްފައިވޭތޯ ބެލުމަށްޓަކައި މިކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދާ މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި، މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު ޤައުމީ އިއްތިހާދު ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން، މިކޮމިޝަނުން ތަޙުޤީޤުކޮށްގެން ބެލި ފޯމްތަކުގެ ތެރެއިން، ގިނަ ފޯމްތަކުގައިވާ ފަރާތްތަކަކީ އެފަރާތްތަކަށް ނޭނގި އޮޅުވާލައިގެން އެޕާޓީއަށް ވައްދާފައިވާ މީހުންކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ޤައުމީ އިއްތިހާދު ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކުރުމުގެ ކުރިން، އެޕާޓީގެ ދަފްތަރުގައި ހިމެނުމަށް ހުށަހަޅާފައިވާ ފޯމްތަކަކީ، އެފޯމްތަކުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމްތަކެއްކަން ޔަޤީންކުރުމަށްފަހު ނޫނީ އެފޯމްތައް ޕްރޮސެސް ނުކުރުމަށް 03 ޖޫން 2013 ގައި އިލެކްޝަންސް ކޮމިޝަނަށް ވާނީ އަންގާފައެވެ.

ޤައުމީ އިއްތިހާދު ޕާޓީއަށް ވަނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގައިވާ ފަރާތްތަކުގެ ތެރެއިން ތަޙުޤީޤުގައި ސުވާލުކުރެވުނު 85% (އަށްޑިހަ ފަސް އިންސައްތަ) ފަރާތުން ޤައުމީ އިއްތިހާދު ޕާޓީއަށް ވަނުމަށްޓަކައި ފޯމު ފުރާފައި ނުވާނެކަމަށާއި، އަދި ޤައުމީ އިއްތިހާދު ޕާޓީއަށް ވަނުމަށް ފުރާފައިވާ ފޯމެއްގައި ސޮއިކޮށްފައިވެސް ނުވާނެކަމަށާއި، އެ މީހުންގެ ނަމުގައި ޤައުމީ އިއްތިހާދު ޕާޓީއަށް ވަނުމަށް ފޯމެއް ފުރައި، ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާނަމަ، އެއީ އޮޅުވާލައިގެން އެ ފަރާތަކަށް ނޭނގި އެ ފަރާތްތަކުގެ ނަންމަތީގައި ފުރާފައިވާ ފޯމެއްކަމަށް ބުނެފައިވެއެވެ. މިފަރާތްތަކުގެ ތަފްޞީލް މަޢުލޫމާތު ވާނީ އިލެކްޝަން ކޮމިޝަނާ ހިއްސާކުރެވިފައެއެވެ.

މީގެއިތުރުން، މިފޯމްތައް ޗެކްކުރި ކުރުމުގައި ފާހަގަކުރެވުނު ތިރީގައިމިވާ ކަންތައްތައްވެސް އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާނެއެވެ.

1. ފޯމުގެ އެންޓްރީ ނަންބަރަކީ ޕާޓީގެ އޮފީހަށް ފޯމު ލިބޭ ތަރުތީބުން ފޯމުތަކަށް ދެމުންދާ ނަންބަރެއްކަމަށް ވާއިރު، އަދި އެންޓްރީކުރި ތާރީޚާއި ގަޑިއަކީ، ޕާޓީ އޮފީހުން ފޯމަށް އެންޓްރީ ނަންބަރެއް ދިނުމަށްފަހު ފޯމު އެންޓަރ ކުރާ ތާރީޚާއި ގަޑިކަމަށްވާއިރު، އެންޓްރީ ނަންބަރާއި، ފޯމު އެންޓަރކުރި ތާރީޚާއި ގަޑި ދިމާ ނުވާކަމާއި، ފަހުގެ އެންޓްރީ ނަންބަރެއް ދީފައިވާ ފޯމުތަކުގައި ކުރީގެ ތާރީޚެއް ނުވަތަ ކުރީގެ ވަގުތެއް ޖަހާފައިވާކަން.

2. ޤައުމީ އިއްތިހާދު ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ފޯމުތަކުގެ ތެރެއިން، 2 ފަރާތެއްގެ ނަމުގައި ހުށަހަޅާފައިވާ ފޯމަކީ، އެދެފަރާތުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރުވެސް ނިޔާވެފައިވާ 2 ފަރާތްކަމާއި، އެގޮތުން 08 އޯގަސްޓް 2012 ގައި ނިޔާވެފައިވާ މީހަކު، ފޯމުގައި ބަޔާންކޮށްފައިވާ ގޮތުން 06 މާޗް 2013 ގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، 16 ޖެނުއަރީ 2011 ގައި ނިޔާވެފައިވާ މީހަކު، ފޯމުގައި ބަޔާންކޮށްފައިވާ ގޮތުން 16 ފެބްރުއަރީ 2013 ގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، މި 2 ފޯމުގައި ސޮއިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚުތަކަކީ އެ 2 ފަރާތް ނިޔާވި ތާރީޚްގެ ފަހުގެ ތާރީޚެއްކަން.

މިމައްސަލާގައި، މިކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދަނީ ދައުލަތުގެ އިދާރާތަކުގައި ހުރި ރެކޯޑުތަކާއި މަޢުލޫމާތު ބޭނުންކޮށްގެން މީހުން ޕާޓީއަށް ވައްދާފައިވާކަމަށް ބުނާ މައްސަލައެއް ކަމަށާއި، މިމައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ފާހަގަކުރެވޭ ޖިނާއީ މައްސަލަތަކާއި، އެހެން އިދާރާތަކާ ގުޅުންހުރި މައްސަލަތައް، ކަމާގުޅުންހުރި އިދާރާތަކަށް ފޮނުވަމުން ގެންދާނެކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×