މިކޮމިޝަނުން ތަޙުޤީޤުކޮށް ނިންމައި، އާންމުކޮށްފައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރ ކޮންސޯޓިއަމްއަށް ކުއްޔަށްދިނުމާގުޅޭ މައްސަލައިގެ ތަޙުޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން މިކޮމިޝަނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް މިކޮމިޝަނުން ޖަވާބު ދީފިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން، ތިރީގައި މިވާ ކަންތައްތައް މިކޮމިޝަނުން ފާހަގަކުރަމެވެ.
1. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށް ދިނުމުގައި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) އިން ޢަމަލުކޮށްފައިވަނީ އިންސާފުވެރިކޮށް ކަމުގައި މިކޮމިޝަނުން ނިންމާފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެފަދަ ނިންމުމެއް ނިންމިކަމަށް މިކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓްގައި ބަޔާންކޮށްފައެއް ނުވާނެއެވެ. މިކޮމިޝަންގެ ތަޙުޤީޤު ރިޕޯޓްގައި ބަޔާންކޮށްފައިވާނީ، ބިޑްކާމިޔާބު ކުރުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ބިޑްކުރި ހުރިހާ ފަރާތްތަކަށް އައި.އެފް.ސީ އިންހަމަހަމަކަމާއެކު އެއްވެސްފަރާތަކަށް ތަފާތުކުރުމެއްނެތި ދީފައިވާކަމަށެވެ.
2. ޖީ.އެމް.އާރު ކޮންސޯޓިއަމްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށްވުރެ ދިވެހި ދައުލަތަށާއި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑަށް ފައިދާވާނެ ޕްރޮޕޯސަލްތައް ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ބައެއް އެއަރޕޯޓް އޮޕަރޭޓްކުރާ ކުންފުނިތަކުން ހުށަހަޅާފައިވާ ކަމަށާއި އެހުށަހެޅުންތަކަށް މި ކޮމިޝަނުގެ ތަޙްޤީޤުގައި ރިޢާޔަތްކޮށްފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، ހުށަހެޅި ހުރިހާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ ބިޑް ހުށަހެޅުމުގެ ކުރިން ތައްޔާރުކޮށް ޕްރީ-ކޮލިފައިވި ފަރާތްތަކަށް ފޮނުވާފައިވާ އިވެލުއޭޓް ކުރާނެ ގޮތުގެ މަޢުލޫމާތާ އެއްގޮތަށް ކަމަށާއި، އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިވެލުއޭޓްކުރުމުން ބިޑް ކާމިޔާބުވެފައިވަނީ ޖީ.އެމް.އާރު ކޮންސޯޓިއަމްއަށް ކަމަށް މިކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާނެއެވެ.
3. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށް ދިނުމުގައި ކޮންސެޝަން އެގްރިމަންޓަކަށް ދިއުމަށް ނިންމާފައިވަނީ އައި.އެފް.ސީގެ ލަފާގެމަތިން ކަމުގައިވާއިރު މިފަދައިން ލަފާދީފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން މިކޮމިޝަނުގެ ތަޙްޤީޤްގައި ސާފުކޮށްފައި ނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އައި.އެފް.ސީން ލަފާދީފައިވަނީ އެމް.އޭ.ސީ.އެލް ގެ 51% ޙިއްޞާ ވިއްކައިގެން އެއަރޕޯޓް ޕްރައިވެޓައިޒް ކުރުމާއި، ކޮންސެޝަން އެގްރީމަންޓެއްގެ ދަށުން އެއަރޕޯޓް ތަރައްޤީކުރުމާ މި ދެގޮތުންކުރެ ގޮތަކަށް އެކަން ކުރުމަށެވެ. އަދި މިދެގޮތުންކުރެ ފައިދާބޮޑީ ކޮންސެޝަން އެގްރީމަންޓެއްގެ ދަށުން އެއަރޕޯޓް ތަރައްޤީކުރުންކަމަށް އައި.އެފް.ސީ އިން ލަފާދީފައިވެއެވެ. އައި.އެފް.ސީ އިން ލަފާދީފައިވާ ގޮތާއި އެގޮތަށް ލަފާދިން ސަބަބުތައް މިކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓުގެ 5.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ. އަދި، އައި.އެފް.ސީން ދީފައިވާ ލަފަޔަށް ރިޢާޔަތްކޮށް، ކޮންސެޝަން އެގްރިމެންޓެއްގެ ދަށުން އެއަރޕޯޓް ތަރައްޤީކުރަން ނިންމީ ދިވެހިސަރުކާރުން ކަމަށް ތަޙުޤީޤު ރިޕޯޓުގެ 5.9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ.
4. ކޮންސެޝަން އެގްރީމަންޓުގެ ފަރުމާއާއި އެގްރީމަންޓުގެ ދެލިކޮޕީއަކީ އައި.އެފް.ސީގެ ލަފާގެމަތިން އެކުލަވާލެވުނު އެގްރީމަންޓަކަށް ވާއިރު ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން އެއްބަސްވުމުގައި ހިމެނިފައިވާ ކަމަށާއި، އެފަދައިން އެގްރީމެންޓް އެކުލަވާލާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި އެކަމާގުޅިގެން އައި.އެފް.ސީ ގެ ބަހެއް މިކޮމިޝަނުން ހޯދާފައި ނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އަދި އޭޑީ.ސީ އާއި އިންޝުއަރަންސް ޗާޖްގެ ގޮތުގައި ނަގަން ހަމަޖައްސާފައިވާ 27 ޑޮލަރުގެ މައްސަލައާއި ފިއުލް ކޮންސެޝަންގެ މައްސަލައަށް މިކޮމިޝަނުގެ ތަޙުޤީޤުގައި އެއްވެސް ވަރަކަށް އަލިއަޅުވާފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، ޖީ.އެމް.އާރް ކޮންސޯޓިއަމްއާއި ދިވެހިސަރުކާރާއި އެމް.އޭ.ސީ.އެލްއާ ދެމެދު ކުރެވުނު ކޮންސެޝަން އެގްރިމެންޓްގެ ސަބަބުން ދައުލަތަށް ގެއްލުންވަމުން ގޮސްފައިވަނީ އެގްރީމެންޓްގައި ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ނަގަން ހަމަޖައްސާފައިވާ އޭ.ޑީ.ސީ ނުނެގޭގޮތަށް ސިވިލް ކޯޓުން ޙުކުމްކުރުމާ ގުޅިގެން އެމް.އޭ.ސީ.އެލްއަށް ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ދައްކާ ކޮންސެޝަން ފީން އޭ.ޑީ.ސީގެ ގޮތުގައި ޖީ.އެމް.އާރް ކޮންސޯޓިއަމްއަށް ލިބޭނެކަމަށް ފެންނަ ޢަދަދު އުނިކުރަން ސަރުކާރުން ހުއްދަދިނުމާ ގުޅިގެން ކަމަށާއި، އެ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހު އެ މައްސަލާގައި ޒިންމާވާ ދެފަރާތެއްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެދަށުން ދަޢުވާކޮށްދިނުމަށާއި، އަދި އޭގެ ސަބަބުން ދައުލަތަށް މާލީގޮތުން ލިބުނު ގެއްލުން ކަމުގައިވާ 353,824,868/22 (ތިންސަތޭކަ ފަންސާސް ތިންމިލިއަން އަށްލައްކަ ސައުވީސްހާސް އަށްސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ބާވީސް ލާރި) ރުފިޔާ ހޯދުމުގެ ދަޢުވާކޮށްދިނުމަށް އެދި 25 ޑިސެމްބަރ 2012 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި މީގެ އިތުރުން “ސޭލް އޮފް ފިއުލް” މާނަކުރުމުގައި ގެނައި ބަދަލެއްގެ ސަބަބުން ދިވެހިސަރުކާރަށް ވަމުންދިޔަ ގެއްލުމުގެ މައްސަލަ މިހާރު ދަނީ މި ކޮމިޝަނުން ތަޙްޤީޤުކުރަމުން ކަމަށް މިކޮމިޝަންގެ ތަޙްޤީޤު ރިޕޯޓްގެ 5.25 އާއި 9.1 އަދި 9.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ. މީގެއިތުރުން މި ކޮމިޝަންގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް އައި.އެފް.ސީއަށް 08 ނޮވެމްބަރ 2012 ގައި ސިޓީއެއް ފޮނުވާފައިވީނަމަވެސް އެފަރާތުގެ ޖަވާބެއް ލިބިފައިނުވާކަންވެސް ފާހަގަކުރަމެވެ. އެއަރޕޯޓް ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމުގެ 18 ވަނަ މާއްދާގައިވާގޮތުން ޕޮލިޓިކަލް އިވެންޓެއް ދިމާވެއްޖެ ޙާލަތެއްގައި އެމް.އޭ.ސީ.އެލްއާއި ސަރުކާރުން އެކަމެއް ޙައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަންވާނޭކަމަށާއި، އަދި އޭގެ އިތުރުން ޕޮލިޓިކަލް އިވެންޓް ދިމާވުމުގެ ކުރިން އޮތް އިޤްތިޞާދީ ޙާލަތަށް ރުޖޫޢަކުރުމަށް ސަރުކާރާއި އެމް.އޭ.ސީ.އެލް އިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަންވާނޭ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ބަންޑާރަނައިބުގެ އޮފީހުން އެކަށީގެންވާ ގޮތުގައި މަސައްކަތްކުރިނަމަ، ދައުލަތަށް ގެއްލުންވަމުން ނުދިޔުމަކީ ނުވަތަ ލިބެމުންދިޔަ ގެއްލުން ކުޑަވުމަކީ އެކަށީގެންވާ ކަމެއްކަމަށް މިކޮމިޝަނުން ދެކެމެވެ.
5. ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކުރުމަށް އެކުލަވާލެވުނު ބިޑް އިވެލުއޭޝަން ކޮމިޓީގައި ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑް ފާސްކުރުމަށް 2 ފަހަރަށް ވޯޓް ދީފައިވާކަމަށް 1 މެންބަރަކު ވިދާޅުވެފައިވާ ކަމަށާއި އަދި ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން އެކަމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް ބައެއް ބޭފުޅުން މަޢުލޫމާތު ދެއްވާފައިވާކަމަށް މިކޮމިޝަނުގެ ރިޕޯޓްގައި ބަޔާންކޮށްފައިވާއިރު މިފަދަ ސީރިއަސް މައްސަލައެއް އިތުރަށް ތަޙްޤީޤުކޮށްފައި ނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އެވޯޑް ކުރާނެ ބައެއް ކަނޑައެޅުމަށް ބޭއްވި އިވެލުއޭޝަން ކޮމެޓީގެ މަސައްކަތް ކުރިއަށްގެންދިޔަ ޖަލްސާކުރާ ކޮޓަރީގައި ހުރިހާ ސެޝަންތަކެއްގައި (ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑަށް ވޯޓް ނެގި ވަގުތު ފިޔަވައި) އިވެލުއޭޝަން ކޮމެޓީގެ ފަސްމެންބަރުންނާއި އޮބްޒަރވަރެއްގެ ގޮތުން އިވެލުއޭޝަން ކޮމެޓީގައި ބައިވެރިވެފައިވާ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިބްރާހީމާއި އައި.އެފް.ސީގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި 06 ޓެކްނިކަލް އެޑްވައިޒަރުން ހާޒިރުވެ ތިބިކަން މިކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓުގެ 5.15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ. އެ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަން ކޮމެޓީގެ ފަސްމެންބަރުންނާއި އޮބްޒަރވަރެއްގެ ގޮތުން އިވެލުއޭޝަން ކޮމެޓީގައި ބައިވެރިވެފައިވާ އެމް.އޭ.ސީ.އެލް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިބްރާހީމާ ވާނީ މިކޮމިޝަންގެ ތަޙްޤީޤުގައި ސުވާލުކުރެވިފައެވެ. ސުވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން އެންމެ ފަރާތެއް ފިޔަވައި އެހެން ފަރާތްތަކުން ބުނެފައިވަނީ ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑް ފާސްކުރަން 2 ފަހަރު ވޯޓް ނުލާކަމަށެވެ. އަދި އިވެލުއޭޝަން ކޮމެޓީގެ ޔައުމިއްޔާއިން އެނގޭގޮތުންވެސް 2 ފަހަރު ވޯޓަށް އަހާފައެއް ނުވެއެވެ. އަދި 2 ފަހަރު ވޯޓަށް ނާހާކަމަށް ޖީ.އެމް.އާރް ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދިން ފަރާތަކުންވެސް ތަޙްޤީޤުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ. މި މަޢުލޫމާތުތަކަކީ ތަޙްޤީޤު ރިޕޯޓްގައި ވަރަށް ތަފްޞީލްކޮށް ހިމަނާފައިވާ މަޢުލޫމާތުތަކެކެވެ. އަދި ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ޓެކްނިކަލް ބިޑާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަންތައްތައްވެސް ތަޙްޤީޤު ރިޕޯޓްގައި ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވާނެއެވެ.
6. އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުމަށް ބަންޑާރަނައިބުގެ ލަފާ ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެގޮތުގެމަތިން ލަފާ ހޯދާފައިނުވާއިރު އެ ނުކުތާއަށާއި އެކަމުގެ ޤާނޫނީ ނަތީޖާއަށް މި ކޮމިޝަނުގެ ނިންމުންތަކުގައި އެއްޗެއް ބުނެފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެއަރޕޯޓް ކުއްޔަށް ދިނުމުގެ ކަންތައް ޕްރައިވެޓައިޒޭޝަން ކޮމިޓީން ކުރަމުން ގެންދިޔައިރު، އެކޮމިޓީގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އޭރުގެ ސޮލިސިޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި، އެއްބަސްވުމާމެދު ޤާނޫނީ ލަފައަކަށް އެދި ޕްރައިވެޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޟީ އޭރުގެ އެޓަރނީ ޖެނެރަލް ޙުސްނުއްސުޢޫދަށް ފޮނުވި އީ-މެއިލްއާ ގުޅިގެން އެ އެއްބަސްވުމަށް ހިނގާނީ އިނގިރޭސި ޤާނޫނު ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އޭގެއިތުރުން އެ އެއްބަސްވުމަށް އެއްވެސް ކޮމެންޓެއް ނެތްކަމަށް 20 މެއި 2010 ގައި އެޓާރނީ ޖެނެރަލްގެ އޮފީހުގެ ރަސްމީ އީ-މެއިލް އެޑްރެހުން އެޓަރނީ ޖެނެރަލް ޖަވާބު ދެއްވާފައިވާތީ އާއި، އެޓާރނީ ޖެނެރަލްގެ ލަފަޔާ އެއްގޮތަށް އެއްބަސްވުމުގައި ޢަމަލުކުރާނީ އިނގިރޭސި ޤާނޫނުތަކާ އެއްގޮތަށް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ އާއި، އެޓާރނީ ޖެނެރަލް ލަފާދޭންޖެހޭ ވަކި އުޞޫލެއް ބަޔާންކޮށްފައިނުވާތީ އާއި އެކަމުގައި މައްސަލައެއް އޮތްކަމަށް ނުފެންނާތީ، އެކަން ރިޕޯޓުގައި ބަޔާންކޮށްފައިނުވަނީއެވެ. އަދި މިމައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރެއްވި އެ އޮފީހުގެ ނަންބަރު: SPE-2013-06 (11 އޭޕްރީލް 2013) ރިޕޯޓުގެ 3.24 ވަނަ ނަންބަރުގައި، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެޓާރނީ ޖެނެރަލްގެ ލަފާ އީ-މެއިލް މެދުވެރިކޮށް ހޯދާފައިވާކަމަށް ބަޔާންކޮށްފައިވާކަންވެސް ފާހަގަކުރަމެވެ. އަދި އޮޑިޓް އޮފީހުގެ ރިޕޯޓުގެ 3.25 ވަނަ ނަންބަރުގައި، 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ފޮނުވި ސިޓީއެއްގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ޕްރޮޖެކްޓާ ގުޅޭ ހުރިހާ ޑޮކިއުމަންޓުތަކަށް ކުންފުނިންނާއި ސަރުކާރުން ދޭންޖެހޭ ހުއްދަތައް ދީފައިވާކަމަށާއި، އެ ހުއްދަތައް ދިނުމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުނާރާކަމަށާއި، އެ ހުއްދަތަކަކީ ސަރުކާރުން ޢަމަލުކުރުން ލާޒިމްކުރާ ކަންތައްތަކެއްކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
7. އެ އެއްބަސްވުން އެއްބަސްވެފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ ހުއްދަ 26 ޖޫން 2010 ގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާ ޤަރާރަކުން ފިނޭންސް މިނިސްޓްރީއަށް ލިބިގެންކަން މިކޮމިޝަނަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ.
8. އެއްބަސްވުމުގައި ސޮއިކުރުމަށް އެމް.އޭ.ސީ.އެލްގެ ބޯޑުން އެއްބަސްނުވުމުން އޭރުގެ ކެބިނެޓް ސެކްރެޓަރީ ސީދާ އިންޓަރވީން ކުރެއްވިކަމަށާއި، އަދި ބޯޑުގެ މެންބަރުން ބަދަލުކޮށް އެއްބަސްވުމުގައި ސޮއިކުރާނޭ ފަދަ ބޭފުޅުން ޢައްޔަންކޮށްގެން އެއްބަސްވުމުގައި ސޮއިކުރުވާފައިވާއިރު އެފަރާތްތަކުގެ ބަހަކަށް މިކޮމިޝަނުގެ ތަޙްޤީޤު ފުރިހަމަކުރުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އެމް.އޭ.ސީ.އެލްގެ ބޯޑު މެންބަރުން ބަދަލުކުރުމަށްފަހު މަދު ގަޑިތަކެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ދައުލަތުގެ މިފަދަ ބޮޑު އެސެޓެއް ދިނުމުގެ އެއްބަސްވުން އަލަށް އެކުލަވާލެވުނު ބޯޑުން ބަލާފައިވާކަމާމެދު ސުވާލު އުފެދިފައިވާއިރު އެކަމަށްވެސް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އަދި މި ޙާލަތުގައި އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ޤާނޫނީގޮތުން މައްސަލައެއް ނޫންކަމުގައި ނިންމާފައިވާއިރު މިފަދަ މާޙައުލެއްގައި ވެވޭ އެއްބަސްވުމެއްގެ ޤާނޫނީ ޙާލަތަކީ ކޮބައިކަމާމެދު ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ޙުދޫދުގެ ތެރެއިން ބަލާފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ފާސްކުރަންޖެހޭ ބޯޑް ރިޒޮލިއުޝަން ފާސްކުރުމަށް ކުރިން އޮތް ބޯޑުން އެއްބަސްނުވީ އިވެލުއޭޝަނާ ބެހޭ ބައެއް މަޢުލޫމާތު ނުލިބިގެންކަން 27 ޖޫން 2010 ގައި ބޭއްވި އެމް.އޭ.ސީ.އެލް ގެ ބޯޑު މީޓިންގގެ ޔައުމިއްޔާއިން އެނގެއެވެ. ނަމަވެސް، މި މަޝްރޫއާގުޅޭ ބިޑްތައް އިވެލުއޭޓް ކުރިކޮމެޓީގެ އިވެލުއޭޝަން ރިޕޯޓާއި ޖީ.އެމް.އާރު ކޮންސޯޓިއަމްއިން ހުށަހަޅާފައިވާ ބިޑްތައް ފިނޭންސް މިނިސްޓްރީގެ ފަރާތުން އެމް.އޭ.ސީ.އެލް ގެ ބޯޑާ ޙަވާލުކޮށްފައިވާކަން ބޯޑް ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެއެވެ. އަދި ބިޑްތަކާގުޅޭ ހުރިހާ މަޢުލޫމާތާއި އިވެލުއޭޝަނާ ގުޅޭ ހުރިހާ މަޢުލޫމާތެއް އެމް.އޭ.ސީ.އެލްގެފަރާތުން ބިޑް އިވެލުއޭޝަން ކޮމެޓީގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން ބައިވެރިވި އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިބްރާހީމަށް ލިބިފައިވާ ކަމާއި، އެމަޢުލޫމާތު އޭނާ ބޯޑާ ޙިއްޞާކޮށްފައިވާކަން 25 ޖޫން 2010 ގައި ބޭއްވި ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެއެވެ. އެހެންކަމުން، ބޯޑު ރިޒޮލިއުޝަން ފާސްކުރުމަށް ދެކޮޅުހެދި މެންބަރުން ދެކޮޅުހަދާފައިވަނީ ބިޑިންގ ޕްރޮސަސްއާ ގުޅޭ ފުރިހަމަ މަޢުލޫމާތު ނުލިބިގެން ނޫންކަން ބޯޑު ބައްދަލުވުންތަކުގެ ޔައުމިއްޔާއިން އެނގެއެވެ. އަދި އެކަމަށް ދެކޮޅުހެދި ބޯޑުގެ މެންބަރުން ބަދަލުކޮށްފައިވަނީ އެ މެންބަރުންނާ ބޯޑުގެ ޗެއަރމަން ވާހަކަދެއްކުމަށްފަހު ބޯޑުގެ ޗެއާމަންގެ ލަފާގެމަތިންކަން 27 ޖޫން 2010 ގެ ބޯޑު ބައްދަލުވުމުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެއެވެ. މިކަމާގުޅޭ ތަފްޞީލް މިކޮމިޝަނުގެ ތަޙްޤީޤު ރިޕޯޓްގެ 5.21 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ. މީގެ އިތުރުން ކޮންސެޝަން އެގްރިމެންޓަކީ އާރް.އެފް.ޕީ ފޮނުވިއިރު ފައިނަލްކޮށްފައިވާ އެއްޗަކަށްވާތީއާއި އެ އެގްރިމެންޓަށް އިތުރު ބަދަލެއް ގެނެސްފައިނުވާތީ އަދި ބިޑް ތައްޔާރުކުރުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުންވެސް ޙަރަކާތްތެރިވެފައިވާތީ އެމް.އޭ.ސީ.އެލްއަކީވެސް މި ޕްރޮޖެކްޓްގެ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްކަން މި ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި ބޯޑު ބަދަލުކުރުމަށްފަހު ބޯޑު ރިޒޮލިއުޝަން ފާސްކުރިނަމަވެސް އެ ރިޒޮލިއުޝަން ފާސްކޮށްފައިވަނީ އިވެލުއޭޝަން ކޮމެޓީން ނިންމާފައިވާ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރަން ކަމުގައިވާތީއާއި، އިވެލުއޭޝަނުގައި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާން ނެތުމާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބޯޑު ރިޒޮލިއުޝަން ފާސްކުރުމަކީ ކޮރަޕްޝަންގެ ޢަމަލެއްކަމުގައި ބެލެވޭނެ ކަމަކަށް މިކޮމިޝަނަކުން ނުދެކެމެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމެއް ހިންގާފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައެއް ނުވެއެވެ.
9. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރ ކޮންސޯޓިއަމްއަށް ކުއްޔަށް ދިނުމުން ދައުލަތަށް ވަނީ ފައިދާކަމުގައި ނިންމާފައިވާއިރު އެކަމާ ގުޅޭގޮތުން މިކޮމިޝަނުން ހެދި ހިސާބު ހެދުމުގައި ބޭނުންކޮށްފައިވަނީ ރަނގަޅު ފޯމިއުލާއެއް ކަމާމެދު ސުވާލު އުފެދޭ ކަމަށާއި، އެމް.އޭ.ސީ.އެލް.ގެ ފައިދާގެ ހިސާބުތައް ހަދާފައިވަނީ އެއަރޕޯޓްގެ ރޭޓްތައް ބޮޑުކުރުމުގެ ކުރިންހުރި ރޭޓްތަކަށް ބަލައިގެން ކަމަށާއި، އެ ހިސާބުގެ ތެރޭގައި އެއަރޕޯޓްގެ ހޭންޑްލިންގ ފީއާއި ޑިއުޓީފްރީ ހިންގުމުގެ ކަންކަން އޭގައި ނުހިމެނޭ ކަމަށާއި، ޖީ.އެމް.އާރ ކޮންސޯޓިއަމްގެ ފައިދާގެ ހިސާބު ހަދާފައިވަނީ އެއަރޕޯޓްގެ އަގުތައް ބޮޑުކޮށްފައިވާ ހިސާބުތަކަށް ބަލައިގެން ކަމަށާއި، އަދި އެފަރާތުން ހޭންޑްލިންގ ފީއާއި ޑިއުޓީފްރީ ފަދަ ވިޔަފާރިތައް ކޮށްގެން ލިބޭނޭކަމަށް އަންދާޒާ ކޮށްފައިވާ ހިސާބުތަކަށްވެސް ބެލިގެންކަމަށާއި، މި ކޮމިޝަނުގެ ރިޕޯޓްގައިވާ މާލީ ހިސާބުތައް ހަދާފައިވަނީ މުޅި އެގްރީމެންޓްގެ ސިނޭރިއޯ ބަލައިގެން ނޫންކަމަށާއި، އެއަރޕޯޓްގައިވާ ދައުލަތުގެ ފައިދާހުރި ހުރިހާ ވިޔަފާރިތައް ކަމަށްވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގއާއި އެއަރޕޯޓް ސާފުކުރުމާއި ކާރގޯއާއި ޑިޕާޗަރ ކޮންޓްރޯލާއި ގްރައުންޑް ހޭންޑްލިންގއާއި ލައުންޖްތަކުގެ ވިޔަފާރިތައް ޖީ.އެމް.އާރ ކޮންސޯޓިއަމްއަށް ބަދަލުކުރުމުން ޖުމުލަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވާނެކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށާއި، މިކަންކަމަށް އެއްވެސް ވަރަކަށް ރިޕޯޓްގައި ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، ރިޕޯޓްގައިވާ މާލީ ހިސާބުތައް ހަދާފައިވަނީ އެމް.އޭ.ސީ.އެލްއަށް ލިބޭނޭ އެއްޗަކަށް ބަލައިގެން ކަމުގައިވާއިރު އެއްބަސްވުމުގެ ދަށުން އެމް.އޭ.ސީ.އެލްގެ ހުރިހާ އެސެޓެއް އެކުގައި ދޫކޮށްލުމުން ލިބޭ ގެއްލުން ހިސާބުކޮށްފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، މިކޮމިޝަނުން އެ ހިސާބުތައް ހަދާފައިވާނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒް ކުރަން ނިންމި އިރު (2008، 2009 އަދި 2010) ގެ ޙާލަތަށް ބަލާފައެވެ. މި ހިސާބު ހެދުމުގައި އާމްދަނީގެ ގޮތުގައި ބަލާފައިވާނީ ޖެޓްފިއުލް ވިއްކައިގެން ބޮލަކަށް 61 ޑޮލަރު ލިބޭނެކަމަށާއި، އަދި އެހެނިހެން ހުރިހާ ޚިދުމަތްތަކުން (އޭގެ ތެރޭގައި އެއަރޕޯޓްގެ ހޭންޑްލިންގ ފީއާއި ޑިއުޓީފްރީ ހިންގައިގެން ލިބޭ ފައިސާވެސް ހިމެނޭ) ބޮލަކަށް 41 ޑޮލަރު ލިބޭނެކަމަށެވެ. ޖީ.އެމް.އާރް ކޮންސޯޓިއަމްގެ ހިސާބު ހެދުމުގައިވެސް ބޭނުންކޮށްފައިވާނީ ހަމަ މި ޢަދަދުތަކެވެ. އެގޮތަށް ބަލައިގެން ހިސާބުކުރުމުން، އެމް.އޭ.ސީ.އެލް އަށް ފައިދާގެ ގޮތުގައި ލިބޭ ޖުމްލަ އަދަދަށްވުރެ ޖީ.އެމް.އާރު ކޮންސޯޓިއަމްއިން އެ މުއްދަތުގައި ދައުލަތަށް ލިބޭ އަދަދު އިތުރުވާނެކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެ ހިސާބުތަކުގެ ތަފްޞީލް މިކޮމިޝަނުގެ ތަޙްޤީޤް ރިޕޯޓުގެ 5.25 ގައިވާ ތާވަލްތަކުން އެނގޭނެއެވެ. މި ކޮމިޝަންގެ ހިސާބު ހެދުމުގައި ރިޢާޔަތްކޮށްފައިވާނީ އެއަރޕޯޓް ޕްރައިވެޓައިޒްކުރަން ސަރުކާރުން ނިންމިއިރު ލިބެންހުރި މަޢުލޫމާތަށެވެ. މި ޚަބަރުގެ 2 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާފަދައިން، ފަހުން އެގްރިމެންޓަށް ގެނައި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ވަމުން ދިޔަ ގެއްލުމުގެ ބަދަލު ހޯދުމަށް މިހާރުވެސް ވާނީ އެއް މަސައްލައެއްގައި ދަޢުވާކޮށްފައެވެ. އަނެއް މައްސަލަ މިހާރުވެސް މި ކޮމިޝަނުން މިގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
10. އެމް.އޭ.ސީ.އެލް ގެ ސްޓޮކްގައި ހުރި މުދާ ދޫކޮށްލުމުން ލިބޭ ގެއްލުމަށް މި ކޮމިޝަނުގެ ރިޕޯޓްގައި ބަލާފައިނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، ޖީ.އެމް.އާރް ކޮންސޯޓިއަމްއާއި ދިވެހިސަރުކާރާއި އެމް.އޭ.ސީއެލްއާ ދެމެދު ކުރެވުނު އެގްރިމެންޓްގައި ސޮއިކުރެވުނުއިރު އެއަރޕޯޓްގައި ހުރި ތެލުގެ ސްޓޮކް ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ވަނީ އަގުކުރުމަށްފަހު ގަނެފައި ކަމަށާއި، މިތަކެތި ގަނެފައިވަނީ ބެލެންސް ޝީޓްގައި ދައްކާ އަދަދު ނުވަތަ ކޯސްޓް ޕްރައިސްގައި ކަމަށާއި، މިގޮތުން އެވަގުތު އެއަރޕޯޓްސް ކޮމްޕެނީގެ ބެލުމުގެ ދަށުގައި ހުރި 10 (ދިހައެއް) މިލިއަން ޑޮލަރުގެ ތެޔޮ ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ގަނެފައިވާ ކަމަށާއި، އަދި މީގެ އިތުރުން އެވަގުތު ޓްރާންސިޓްގައިހުރި 6 (ހައެއް) މިލިއަން ޑޮލަރުގެ ތެޔޮވެސް ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ކޯސްޓް ޕްރައިސްގައި ގަނެފައިވާކަމަށް ތަޙްޤީޤު ރިޕޯޓްގެ 6.13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާނެއެވެ.
11. އެއްބަސްވުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި އެއަރޕޯޓްގައި ހިންގާ ދިވެހިންގެ އަމިއްލަ ވިޔަފާރިތަކަށާއި ދިވެހިންގެ ވަޒީފާތަކަށް ލިބުނު ގެއްލުންތަކަށާއި، ޖީ.އެމް.އާރ ކޮންސޯޓިއަމްއަށް ދޫކޮށްލަން ނިންމާފައިވާ އައު ވިޔަފާރިތަކުގެ ސަބަބުން ލިބޭނެ ގެއްލުންތަކަށާއި، ހުޅުލެއާއި ހުޅުމާލޭ ސަރަޙައްދުގައި އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރިތަކަށް ލިބޭނޭ ގެއްލުންތަކަށް މި ކޮމިޝަނުގެ ރިޕޯޓްގައި ރިޢާޔަތްކޮށްފައި ނުވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާ ކަންތައްތައް ޖީ.އެމް.އާރް ކޮންސޯޓިއަމްއިން އެއަރޕޯޓްގައި ހިންގަން ފެށުމުން ހުޅުވިގެންދާނެ ވަޒީފާގެ ފުރުޞަތުތަކަށާއި އެގޮތުން އިތުރުވެގެންދާނެ އާމްދަނީއަށާއި ލިބޭނެ ފައިދާތަކަށްވެސް ރިޢާޔަތްކޮށްފައެއް ނުވާނެއެވެ. އެގޮތަށް ލިބޭނެކަމަށް ލަފާކުރެވޭ ގެއްލުމާއި ފައިދާއަށް ރިޢާޔަތްކުރަން ވެއްޖެނަމަ މާލެއިން ނުވަތަ އެހެންވެސް ރަށަކުން ވިޔަފާރިއެއް ކުރުމަށް ބިމެއް ކުއްޔަށް ދޭއިރު ދޭންވާނީ އެ ބިމުގައި ކުރާ ވިޔަފާރީގެ ސަބަބުން މާލޭގެ ނުވަތަ އެރަށެއްގެ އެހެން ވިޔަފާރިތަކަށް ވާނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ބެލުމަށްފަހުގައެވެ. މީގެ އިތުރުން އެމް.އޭ.ސީ.އެލްއިން ކުރަމުން ދިޔަ ބައެއް ވިޔަފާރިތައް ޖީ.އެމް.އާރު ކޮންސޯޓިއަމްއިން ހިންގައިގެން ކޮންސެޝަންފީ ދެއްކުމުންވެސް އެގްރިމެންޓް ދެމިއޮތް ފުރަތަމަ އަހަރު އެމް.އޭ.ސީ.އެލްއިން އަމިއްލައަށް އެ ވިޔަފާރިތައް ކުރުމުން ލިބުނު ފައިދާއަށްވުރެ ބޮޑު ފައިދާއެއް އެމް.އޭ.ސީ.އެލްއަށް ލިބިފައިވާކަން އެފަރާތުގެ 2010 ވަނަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމެންޓްތަކުން އެނގެއެވެ.
12. ޖީ.އެމް.އާރ ކޮންސޯޓިއަމްއިން ދައުލަތަށް އަޕްފްރަންޓް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ 78 މިލިއަން ޑޮލަރަކީ ޑައިރެކްޓް އެގްރީމެންޓްގެ ދަށުން ޖީ.އެމް.އާރ ކޮންސޯޓިއަމްއަށް ދޫކުރެވުނު ލޯނުތަކުގެ ބައެއް ކަމުގައި އެކްސިސް ބޭންކުން ސަރުކާރަށް އަންގާފައިވާ ކަމަށާއި، ނަމަވެސް މިފައިސާއަކީ ޑައިރެކްޓް އެގްރީމެންޓް ބޭނުންކޮށްގެން ހޯދާފައިވާ ފައިސާއެއް ނޫންކަމަށް މިކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ބަޔާންކުރައްވާފައިވާއިރު، ޖީ.އެމް.އާރް ކޮންސޯޓިއަމްއިން އަޕްފްރަންޓްކޮށް ދެއްކި 78 މިލިއަން ޑޮލަރުގެ ތެރެއިން 3.7 މިލިއަން ޑޮލަރު ދައްކާފައިވަނީ ޖީ.އެމް.އާރް ކޮންސޯޓިއަމްއާއި އެމް.އޭ.ސީ.އެލްއާއި ދިވެހިސަރުކާރުން ކޮންސެޝަން އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިންކަން ފާހަގަކުރެވެއެވެ. އަދި އިނިޝަލް ކޮންސެޝަން ފީގެ ބާކީ ބައި ދިވެހި ސަރުކާރަށް ދައްކާފައިވަނީ ޑައިރެކްޓް އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިންކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން، އެފައިސާއަކީ ކޮންސެޝަން އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން ޖީ.އެމް.އާރް ކޮންސޯޓިއަމްއިން ހޯދާފައިވާ ފައިސާއެއްކަން އެނގެއެވެ. އަދި އެފައިސާ ދެއްކިއިރު ޑައިރެކްޓް އެގްރިމެންޓްގައިވެސް ސޮއިކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
13. މިކޮމިޝަނުން ޤަބޫލްކުރާ ގޮތުގައި ސަރުކާރެއްގެ ޕޮލިސީއަށް ފާޑުކިއުމުގެ ބަދަލުގައި މި ކޮމިޝަންގެ ޒިންމާއަކީ ޕޮލިސީ އިމްޕްލިމެންޓް ކުރާއިރު އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވޭތޯ ބެލުމެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ކަންތައް ތަޙްޤީޤުކޮށްފައިވާނީވެސް މި ދެންނެވި އަސާސްގެ މައްޗަށް ބަލައިގެންނެވެ.
މި ބަޔާންކުރެވުނު މަޢުލޫމާތުތަކަކީ މިކޮމިޝަންގެ ތަޙުޤީޤު ރިޕޯޓްގައި ވަރަށް ތަފްޞީލްކޮށް އަލިއަޅުވާލާފައިވާ މަޢުލޫމާތު ތަކަކަށްވާއިރު ސަރުކާރުގެ ތަފާތު އިދާރާތަކަށް ނިސްބަތްވާ ބޭބޭފުޅުން މިކޮމިޝަންގެ ތަޙުޤީޤު ރިޕޯޓްގައިވާ މަޢުލޫމާތުތައް އޮޅޭގޮތަށް ވާހަކަދައްކަވަމުން ގެންދަވާތީ އެކަމާ މި ކޮމިޝަނުން ހިތާމަކުރާ ވާހަކަ މިފުރުޞަތުގައި ފާހަގަކުރަމެވެ.