މ.ނައިންހައުސް، ޒުންނަވާރު ސަލީމު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޞައްޙަނޫން ސެޓްފިކެޓްތަކެއް ހުށަހަޅާފައިވަނިކޮށް ބަލަންވާވަރަށް ނުބަލައި، ޞައްޙަނޫން ބެޗްލަރ އޮފް ލޯ ސެޓްފިކެޓެއް އޭނާއަށް އެކްރެޑިޓް ކޮށްދީފައިވާކަމަށް ބުނާ މައްސަލަ

25 Jul 2013

މ.ނައިންހައުސް، ޒުންނަވާރު ސަލީމު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗެލަރ އޮފް ލޯ ސެޓްފިކެޓް ބަލަންވާވަރަށް ނުބަލާ ސައްޙަނޫން ސެޓްފިކެޓެއް އެކްރެޑިޓްކޮށް ދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން މިހާތަނަށް ތަޙްޤީޤުކުރިކުރުމުގައި، ތިރީގައި މިދަންނަވާކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1. މ.ނައިންހައުސް، ޒުންނަވާރު ސަލީމު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެކްރެޑިޓް ކުރުމަށް ހުށަހެޅި ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ސައްޙަ ސެޓްފިކެޓެއް ނޫން ކަމަށް އެސެޓްފިކެޓް އިޝޫކޮށްފައިވާކަމަށް ބުނާ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންއާއި، ޒުންނަވާރު ސަލީމު ކިޔެވި ކަމަށް ބުނާ މެލޭޝިއާގެ ސްޓެމްފާޑު ކޮލެޖުން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވެއެވެ.

2. އަދި ޒުންނަވާރު ސަލީމު ދުވަހަކުވެސް ސްޓެމްފާޑު ކޮލެޖުގައި ރަޖިސްޓަރ ވެފައިނުވާކަމަށް އެކޮލެޖުން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވާއިރު، ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންގެ ނަމުގައި އިޝޫކޮށްފައިވާ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓަކީ ފޯޖު ޑޮކިއުމެންޓްތަކެއް ކަމަށް އެޔުނިވަރސިޓީން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވާކަމާއި، އަދި ޒުންނަވާރު ސަލީމުގެ ރިކޯޑެއް އެފަރާތުގެ ޑާޓާބޭސްގައި ނެތްކަމަށާއި، ދުވަހަކުވެސް އެޔުނިވަރސިޓީގައި އޭނާ ކިޔަވާފައި ނުވާކަމަށް އެޔުނިވަރސިޓީން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވެއެވެ.

3. ޒުންނަވާރު ސަލީމު ކިޔެވިކަމަށް ބުނާ ކޯހަކީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ސްޓެމްފާޑު ކޮލެޖުގައި އޮފަރ ކުރާ ކޯހެއްވެސް ނޫންކަމަށް އެޔުނިވަރސިޓީން މަޢުލޫމާތު ދީފައިވާއިރު، ޒުންނަވާރު ސަލީމު ބެޗްލާރ އޮފް ލޯ ސެޓްފިކެޓް ޙާޞިލް ކުރުމަށްޓަކައި، މެލޭޝިޔާގައި ދެއަހަރު ވަންދެން ހުރިކަމަށް ތަޙްޤީޤުގައި އޭނާ ބުނާއިރުއާއި، ޓްރާންސްކްރިޕްޓްގައިވެސް ފުލްޓައިމްކޮށް 2005 އަދި 2006 ވަނަ އަހަރު ކިޔެވިކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖެއިން ބޭރަށް ޒުންނަވާރު ސަލީމު އެދުވަސްވަރު ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް މިކޮމިޝަނުން ބެލިބެލުމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރެކޯޑު ތަކުން ދައްކާގޮތުގައި 2005 ވަނަ އަހަރު ޒުންނަވާރު ސަލީމު ރާއްޖެއިން ބޭރަށް ދަތުރެއްކޮށްފައިވަނީ 06 ދުވަހަށް ކަމާއި 2006 ވަނަ އަހަރު އޭނާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ 04ފަހަރެއްގެ މަތިން 25 ދުވަހަށްކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާތީ، ޓްރާންސްކްރިޕްޓްގައިވާ ތާރީޚްތަކާއި ޒުންނަވާރު ސަލީމު ރާއްޖެއިން ބޭރުގައި ހޭދަކޮށްފައިވާ ތާރީޚްތަކާ ދިމާނުވާކަން ފާހަގަކުރެވެއެވެ.

4. ޒުންނަވާރު ސަލީމަށް އެއްއަހަރު ދުވަހުގެ އެގްޒެމްޕްޝަނެއް ދީފައިވާ ކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ، މެލޭޝިޔާގެ ސްޓެމްފާޑު ކޮލެޖުން ދޫކޮށްފައިވާކަމަށް ބުނާ އެގްޒެމްޕްޝަނާ ގުޅޭ ލިޔުމަކީވެސް ސައްޙަ ލިޔުމެއް ނޫންކަމަށް އެކޮލުޖުން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އެލިޔުމުގައިވާ ޒުންނަވާރު ސަލީމުގެ ޕާސްޕޯޓު ނަންބަރަކީ 04 ޑިސެމްބަރ 1999 ގައި އިޝޫކޮށް 04 ޑިސެމްބަރ 2004 އަށް މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްގެ ނަންބަރު ކަމަށްވާއިރު، އެލިޔުމުގައި ޒުންނަވާރު ސަލީމު އެކޮލެޖަށް އެންރޯލްވިކަމަށް ބަޔާންކޮށްފައިވަނީ ސެޕްޓެމްބަރަ 2005ގައި ކަމަށް ފާހަގަކުރެވިފައިވެއެވެ.

5. ޒުންނަވާރު ސަލީމު، ސެޓްފިކެޓް އެކްރެޑިޓް ކުރުމަށް ހުށަހެޅި އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކަކީވެސް ސައްޙަ ސެޓްފިކެޓް ތަކެއް ނޫން ކަމަށް އެސެޓްފިކެޓްތައް އިޝޫކުރިކަމަށް ބުނާ މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީ ކޮލެޖުން ތަޙްޤީޤަށް މަޢުލޫމާތު ދީފައިވާއިރު، ޒުންނަވާރު ސަލީމު ދުވަހަކުވެސް އެކޮލެޖުގައި ކިޔަވާފައިނުވާކަމަށާއި، އެކޮލެޖުން އޯލެވެލް އޮފަރ ނުވެސް ކުރާ ކަމަށް މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީ ކޮލެޖުން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ. އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓާއެކު އެޓޭޗްކޮށްފައިވާ އޭލެވެލް އަދި އޯލެވެލް ފުރިހަމަ ކުރިކަމުގެ ލިޔުމުގައިވާ ޕާސްޕޯޓް ނަންބަރުތަކުގެ، ޕާސްޕޯޓްތައް އިޝޫކުރި ތާރީޚްތަކާއި، އިސްވެ ބަޔާންކުރެވުނު އޯލެވެލް އަދި އޭލެވެލް ފުރިހަމަ ކުރިކަމުގެ ލިޔުންތައް އިޝޫކޮށްފައިވާ ތާރީޚްތަކާ ދިމާނުވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރާއިރު ޒުންނަވާރު ސަލީމު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅައިގެން އެކްރެޑިޓްކޮށްފައިވާ ބެޗްލާރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖު ސެޓްފިކެޓެއްކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި ބެޗްލާރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކަކީވެސް ފޯޖު ކޮށްފައިވާ ލިޔުންތަކެއްކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ފޯޖް ސެޓްފިކެޓްތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ ފޮނުވިފައެވެ.

އަދި ޒުންނަވާރު ސަލީމް، ބެޗްލާރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ އޯލެވެލް، އޭލެވެލް، އަދި ބެޗްލަރ އޮފް ލޯ ސެޓްފިކެޓަކީ ފޯޖު ސެޓްފިކެޓްތަކެއް ކަމަށްވާތީ، އެއޮތޯރިޓީން އޭނާއަށް އެކްރެޑިޓް ކޮށްދެއްވާފައިވާ ބެޗްލާރ އޮފް ލޯ ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ވަނީ ދެންނެވިފައެވެ.

ހަމައެހެންމެ، އެޓަރނީޖެނެރަލްގެ އޮފީހުން އޭނާއަށް ދޫކުރައްވާފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަކީ ޞައްޙަ ނޫން ސެޓްފިކެޓެއްގެ މައްޗަށް ބިނާކޮށް ދޫކުރެވިފައިވާ ހުއްދައަކަށްވާތީ، އެހުއްދަ ބާޠިލްކޮށްދެއްވައި މިކަމާގުޅިގެން އެފަރާތުން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެޓަރނީޖެނެރަލްގެ އޮފީހުގައި ވަނީ ދެންނެވިފައެވެ.

އަދި ހަމައެހެންމެ، ވިލާ ކޮލެޖުން ޒުންނަވާރު ސަލީމް އަށް ދެއްވާފައިވާ މާސްޓަރ ޕްރޮގްރާމްގެ ޕްލޭސްމަންޓް އަކީ ޞައްޙަ ނޫން ސެޓްފިކެޓެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕްލޭސްމަންޓެއްކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އެކަން ވިލާ ކޮލެޖްގެ މަޢުލޫމާތަށްޓަކައި ވަނީ ދެންނެވިފައެވެ.

މ.ނައިސްހައުސް، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓް އެކްރެޑިޓް ކުރުމުގައި އެއްވެސްފަރާތަކުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިނގާފައިވޭތޯ ބެލުމަށްޓަކައި މިކޮމިޝަނުން މިގެންދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×