ކުރިން ބަނދެ ރަޖިސްޓްރީކޮށްފައިވާ ދޯންޏެއް މުޅިން އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާތީ، ބ.ތުޅާދޫ، ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު އާއި ކެންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ (ކުރީގެ ކުޑަ ކަތީބު) ޝަހީދާ އާދަމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

31 Jul 2013

ބ.ތުޅާދޫ/ ރަންހަދާގޭ، އަޙްމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ “ކޯން 1” ދޯންޏަކީ ކުރިން ބަނދެ ރަޖިސްޓްރީކޮށްފައިވާ ދޯންޏެއް ކަމަށާއި، ނަމަވެސް، އެދޯނި އަޙްމަދު ޝިފާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވަނީ މުޅިން އާދޯންޏެއްގެ ނަމުގައި މާވަޑިމީހާގެ ސެޓްފިކެޓާވެސް އެކުގައި ކަމަށާއި، ދޯނީގެ މާވަޑިމީހާގެ ސެޓްފިކެޓަކީ ދޯނި ބަނުމަށްފަހު ހަދާ ސެޓްފިކެޓެއް ނަމަވެސް އެދޯނީގެ މާވަޑިމީހާގެ ސެޓްފިކެޓް ހަދާފައިވަނީ އަލަށް ބަނދެފައިވާ ދޯންޏަކަށްނޫން ކަމަށާއި، އެދޯނީގެ މާވަޑި ސެޓްފިކެޓަކީ ބ.ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު އަމިއްލައަށް ހަދައިގެން އުޅޭ ސެޓްފިކެޓެއް ކަމަށާއި، މިއީ އޭނާ އިސްކޮށް ހުރެގެން ގަސްތުގައި ސަރުކާރަށް އަސްލު ދޯނިން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭތީ އެފައިސާ ސަރުކާރަށް ނުދެއްކުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޯންޏެއް ބަނީކަމަށް ހަދައި ކޮށްފައިވާ ޢަމަލެއް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަހުޤީޤުކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

1. ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދަކީ މުޅިން އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްކަން، އެ އުޅަނދުގެ ރަޖިސްޓްރީއިން އެނގޭކަމާއި، އެ އުޅަނދު މުޅިން އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް އަސާސެއްގެ ގޮތުގައި ބަލާފައިވަނީ، އެ އުޅަނދު ރަޖިސްޓްރީކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، އުޅަނދު ބަނުމަށް ހުއްދަ ދީފައިވާ މާވަޑިމީހާ ދީފައިވާ “މާވަޑިޔާދޭ ސެޓްފިކެޓް” ކަމާއި، ނަމަވެސް “ކޯން-1” ކިޔާ އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ “މާވަޑިޔާދޭ ސެޓްފިކެޓް” އަކީ މުޅިން އަލަށް ބަނދެފައިވާ އުޅަނދަކަށް ދޫކޮށްފައިވާ ސެޓްފިކެޓެއް ނޫންކަން އެ ސެޓްފިކެޓް ދޫކުރި ފަރާތުގެ އިޢުތިރާފުން އެނގޭކަމާއި، އެ ސެޓްފިކެޓް، އުޅަނދު ރަޖިސްޓްރީކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ބަލައިގަންނަ ސެޓްފިކެޓްއަކަށް ވެފައިވަނީ، އެ ސެޓްފިކެޓްގައި ދީފައިވާ މަޢުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ޗެކްކޮށް، އެ އިދާރާއެއްގެ ސްޓޭމްޕް ޖެހުމުންކަމާއި، ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދު ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ހުށަހަޅާފައިވާ ފޯމާއެކު ހުށަހަޅާފައިވާ “މާވަޑިޔާ ދޭ ސެޓްފިކެޓް” ގައި ހުރި މަޢުލޫމާތުތައް ޗެކްކޮށްފައިވަނީ ބ. ތުޅާދޫ ކައުންސިލްގެ އިދާރާއިންކަމާއި، އަދި އެ ސެޓްފިކެޓްގައި ބ. ތުޅާދޫ ކައުންސިލްގެ އިދާރާގެ ސްޓޭމްޕް ޖަހާފައިވާކަމާއި، ސެޓްފިކެޓްގައި ހުރި މަޢުލޫމާތު ޗެކްކުރި ފަރާތެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ، ބ. ތުޅާދޫ ކައުންސިލްގެ ރައީސް ބ.ތުޅާދޫ، ދިލްކުސާގެ، އަޙްމަދު ރަޝީދު ކަމާއި، އެހެންކަމުން ޢަހުމަދު ރަޝީދުގެ މިޢަމަލަކީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަށް މި މައްސަލައިގެ ތަހުޤީޤަށް ފާހަގަކުރެވޭތީ، މިއީ ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާގޮތުގެމަތިން، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ބ.ތުޅާދޫ، ދިލްކުސާގެ، އަޙްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދަކީ ބ.ކެންދޫ އަމިއްލަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ފަށަން” ނަމަކަށް ކިޔާ އުޅަނދެއްކަމާއި، އެފަރާތް ނިޔާވުމުން، ތަރިކައިން އެ އުޅަނދު ލިބުނު ފަރާތުން ވަނީ އެ އުޅަނދު އެހެން 02ފަރާތަކަށް ވިއްކާފައިކަމާއި، އުޅަނދު ވިއްކުމަށްފަހު، އެ އުޅަނދުގެ ރަޖިސްޓްރީ އުޅަނދު ގަތް ފަރާތުގެ ނަމަށް ބަދަލުކޮށްފައިނުވާކަމާއި، އުޅަނދު ވިއްކިތާ އެތަށް ދުވަހެއް ފަހުން، 17 ފެބްރުއަރީ 2011 ގައި އެ އުޅަނދުގެ ރަޖިސްޓްރީ ވަނީ ބާޠިލްކޮށްފައިކަމާއި، އެ އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމުގައި ޓްރާންސްޕޯރޓް އޮތޯރިޓީން އަސާސަކަށް ބަލާފައިވަނީ، “ފަށަން” ދޯންޏަކީ 22 ނޮވެމްބަރ 2008 އިން ފެށިގެން ބައުވެ ހަލާކުވުމުގެ ސަބުން ނުދުއްވިގެން އުވާލާފައިވާ ދޯންޏެއްކަމަށް ބަޔާންކޮށް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ އޮފީހުން 08 ޑިސެމްބަރ 2010 ގައި ދޫކޮށްފައިވާ ލިޔުންކަމާއި، އެ ލިޔުމުގައި ސޮއިކޮށްފައިވަނީ، ކެންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ (ކުރީގެ ކުޑަ ކަތީބު) ޝަހީދާ އާދަމް، ބީޗްވިލާ/ބ.ކެންދޫ ކަމާއި، އެ ލިޔުން ދޫކުރުމުގެ ކުރިން، “ފަށަން” ދޯންޏަކީ ބައުވެ ހަލާކުވުމުގެ ސަބަބުން ނުދުއްވޭފަދަ ޙާލަތެއްގައި އޮތް ދޯންޏެއްތޯ ބަލާފައިނުވާކަން ޝަހީދާ އާދަމްގެ އިޢުތިރާފުން އެނގޭކަމާއި، އަދި ޝަހީދާ އާދަމް ސޮއިކޮށް ލިޔުން ދޫކުރި އިރު، “ފަށަން” ދޯނި ބ. ކެންދޫގައިވެސް ނުގެންގުޅޭކަމާއި، އެ ދޯނި އޭރު ގެންގުޅެނީ ބ. ތުޅާދޫގައިކަން ޝަހީދާ އާދަމްއަށް އެނގިފައިވާކަމަށް މި މައްސަލައިގެ ތަހުޤީޤުގައި ޝަހީދާ އާދަމް ބުނެފައިވާތީ، ޝަހީދާ އާދަމްގެ މިޢަމަލަކީ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވޭރީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާގޮތުގެމަތިން، މިއީ ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ބ.ކެންދޫ، ބީޗްވިލާ، ޝަހީދާ އާދަމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

3. ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދަކީ މުޅިން އަލަށް ބަނދެފައިވާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކަށް ދޮގު މަޢުލޫމާތުދީ، މަކަރާއި ޙީލަތް ހަދާފައިވާކަން މި މައްސަލައިގެ ތަހުޤީޤަށް ފާހަގަކުރެވިފައިވާތީއާއި، އަދި ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދު ރަޖިސްޓްރީކުރުމުގެ ގޮތުން ކޮށްފައިވާ ހުރިހާ ކަމެއްވެސް ކޮށްފައި އެވަނީ، ބ. ތުޅާދޫ /ކުދިލުނބޯއާގެ، އިބްރާހީމް ރަޝީދުކަމަށް މިމައްސަލައިގެ ތަހުޤީޤުގައި އޭނާ ބުނެފައިވާތީ، ބ.ތުޅާދޫ /ރަންހަދާގެ، އަޙުމަދު ޝިފާޢު އާއި، ބ.ތުޅާދޫ / ކުދިލުނބޯއާގެ، އިބްރާހީމް ރަޝީދު، މަކަރާއި ޙީލަތް ހަދާފައިވާ މައްސަލަ ތަހުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ވަނީ ފޮނުވިފައެވެ.

4. ބ. ތުޅާދޫ، ރަންހަދާގެ އަޙުމަދު ޝިފާޢުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ކޯން-1” ކިޔާ އުޅަނދަކީ އެހެން ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، “ފަށަން” ނަމަކަށް ކިޔާ އުޅަނދެއްކަމާއި، އެފަރާތް ނިޔާވުމުން، ތަރިކައިން އެ އުޅަނދު ލިބިފައިވާ ފަރާތުން އެ އުޅަނދު ވަނީ އެހެން ދެފަރާތަކަށް ވިއްކާފައިކަމާއި، އުޅަނދު ވިއްކުމަށްފަހު، އެ އުޅަނދުގެ ރަޖިސްޓްރީ އުޅަނދު ގަތް ފަރާތުގެ ނަމަށް ބަދަލުކޮށްފައިނުވާކަމާއި، އުޅަނދު ވިއްކިތާ އެތަށް ދުވަހެއް ފަހުން، 17 ފެބްރުއަރީ 2011 ގައި އެ އުޅަނދުގެ ރަޖިސްޓްރީ ވަނީ ބާޠިލްކޮށްފައިކަމާއި، ރަޖިސްޓްރީ ބާޠިލްކުރި ސަބަބަކީ “ބައުވުން” ކަން، ރަޖިސްޓްރީ ބާޠިލްކުރި ލިޔުމުން އެނގޭތީ، ރަޖިސްޓްރީ ނަންބަރު: “ފަށަން” ނަމަކަށް ކިޔާ އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމުގައި، ތަރިކައިން އެ އުޅަނދު ލިބިފައިވާ ބ.ކެންދޫ /ފިނިފެންމާގެ، މުޙައްމަދު ޢަބްދުﷲ ސަރުކާރުގެ ކަމާބެހޭ މުޢައްސަސާތަކަށް ދޮގު މަޢުލޫމާތުދީ، މަކަރާއި ޙީލަތް ހަދާފައިވާކަން މި މައްސަލައިގެ ތަހުޤީޤުން އެނގޭތީ، ބ.ކެންދޫ /ފިނިފެންމާގެ، މުޙައްމަދު ޢަބްދުﷲ މަކަރާއި ޙީލަތް ހަދާފައިވާ މައްސަލަ ތަހުޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×