ސްޕްރީމް ކޯޓުގެ ފަޑިޔާރު ޢަލީ ޙަމީދު މުޙައްމަދު އާ ޙަވާލުކޮށްފައިވާ، ސްޕްރީމް ކޯޓުން ބިލްދައްކާގޮތަށް އެކޯޓުގެ ނަމުގައި ނަގާފައިވާ ސިމްކާޑުން އެހެން ނަންބަރުތަކަށް ފައިސާ ޓްރާންސްފަރކޮށްފައިވާތީ، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

05 Aug 2013

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަމުގައި ނަގާފައިވާ މޮބައިލް ނަންބަރުން އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށާއި އެގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ބޭނުންކުރުމަށް ޙަވާލުކޮށްފައިވާ މޮބައިލް ނަންބަރުން ޑިސެމްބަރ 2010 އިން އޭޕްރީލް 2011 އާ ދެމެދު އެހެން ނަންބަރުތަކަށް 2,223.00 (ދެހާސް ދުއިސައްތަ ތޭވީސް) ރުފިޔާ ޓްރާންސްފަރކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބިލު ދައްކާގޮތަށް އެކޯޓުގެ ނަމުގައި މޮބައިލް ސިމްކާޑު އެކޯޓުގެ ފަނޑިޔާރުންނާ ޙަވާލުކޮށްފައިވާކަމާއި، އެގޮތުން އެކޯޓުގެ އެހެން ފަނޑިޔާރުންނެކޭ އެއްފަދައިން އެކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދާ ސިމް ކާޑެއް ޙަވާލުކޮށްފައިވާކަމާއި، އެ ނަންބަރުގެ ބިލު ދައްކަނީ ސުޕްރީމް ކޯޓުންކަން އެކޯޓުގެ ލިޔުންތަކުން އެނގޭކަމާއި، އެ ނަންބަރުން ދިރާގު ޕްރިޕެއިޑް ދެ ނަންބަރަކަށް ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން އެނަންބަރުގެ ބިލުތަކުން އެނގޭކަމާއި، ޓްރާންސްފަރ ކޮށްފައިވާ ފައިސާ އަނބުރާ ސުޕްރީމް ކޯޓަށް ޢަލީ ޙަމީދު މުޙައްމަދު ދައްކާފައިވާކަން ކޯޓުގެ ލިޔުންތަކުންނާއި ޢަލީ ޙަމީދުގެ ބަހުން އެނގޭކަމާއި، ޢަލީ ޙަމީދު މުޙައްމަދާ ސުޕްރީމް ކޯޓުން ޙަވާލުކޮށްފައިވާ އެކޯޓުގެ ނަމުގައި ނަގާފައިވާ ސިމަކީ އޮފީހުން ބޭރުގައި ހުންނައިރު ބޭނުންކުރުމަށްޓަކައި ފެސިލިޓީއެއްގެ ގޮތުން ސުޕްރީމް ކޯޓުން ބިލް ދައްކާގޮތަށް ޙަވާލުކޮށްފައިވާ ސިމެއްކަމަށާއި، އެ ނަންބަރުން އެހެން ދެ ނަންބަރަކަށް ޓްރާންސްފަރ ކޮށްފައިވާ ފައިސާ އަކީ ޢަލީ ޙަމީދު މުޙައްމަދުގެ ދެ ކުއްޖެއްގެ މޯބައިލް ފޯނު ނަންބަރަށް ޓްރާންސްފަރކޮށްފައިވާ ފައިސާކަމަށް ޢަލީ ޙަމީދު މުޙައްމަދު މިކޮމިޝަނުގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، އަދި އެފައިސާ އަނބުރާ ސުޕްރީމް ކޯޓާ ޙަވާލުކޮށްފައިވާކަމަށް ޢަލީ ޙަމީދު މުޙައްމަދު މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ޢަލީ ޙަމީދު މުޙައްމަދު އެފައިސާ އަނބުރާ ސުޕްރީމް ކޯޓަށް ދައްކަން ފަށާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފޯނު ބިލުތަކެއްގެ މައްސަލަ މިކޮމިޝަނަށް ހުށަހެޅިފައިވާކަމުގެ ޚަބަރުތަކެއް މީޑިއާގައި ފެތުރެންފެށުމާ ގުޅިގެންކަން ތަޙުޤީޤަށް ފާހަގަކުރެވޭތީއާއި، ސުޕްރީމް ކޯޓުން ބިލު ދައްކާގޮތަށް އެކޯޓުގެ ނަމުގައި ނަގާފައިވާ ސިމުން އެހެން ނަންބަރުތަކަށް ފައިސާ ޓްރާންސްފަރ ކުރުމަކީ، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށްޓަކައި ބޭނުންކުރުންކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު، ސ.ހުޅުދޫ /ގާޑަން، ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×