އަމިއްލަ މަސްލަޙަތު އޮތް ކުންފުންޏެއްގެ އުޅަނދެއްގެ ނަމުގައި ދަތުރުކުރިކަމަށް ހަދައި ބިލް ހުށަހަޅައިގެން، އޮޅުވާލައިގެން ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، ކުރީގެ ފުވައްމުލަކު އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ މުޙައްމަދު އަނީސް ޙުސައިންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

06 Aug 2013

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބޭއްވި ވޯޓުލުމުގައި ޏ.ފުވައްމުލަކަށް ދިޔަ އިލެކްޝަން އޮފިޝަލް ދަތުރުކުރީ ފުވައްމުލަކު އަތޮޅު އޮފީހުގެ ޒިންމާދާރުވެރިޔާ މުޙައްމަދު އަނީސް ޙުސައިންގެ މަސްލަޙަތު އޮންނަ ކުންފުންޏެއްގެ ވެހިކަލެއްގައި ކަމަށް ހަދައި، ބިލް ހުށަހަޅައިގެން، އެ އޮފީހުގެ ޒިންމާދާރުވެރިޔާ އެ ބިލަށް ފައިސާ ނަގާފައިވާ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މި ކޮމިޝާނުން ތަޙްޤީޤްކޮށް ބެލުމަށްފަހު ނިންމިގޮތް ތިރީގައި އެވަނީއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބޭއްވި ވޯޓުލުމުގައި ޏ.ފުވައްމުލަކަށް ދިޔަ އިލެކްޝަންސް އޮފިޝަލް ކުރި ދަތުރުތަކުގެ ޚަރަދުކަމަށްބުނެ ފުވައްމުލަކު އަތޮޅުއޮފީހުން އެޓާރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ތްރީ އޭ އެންޑް އެޗް ޕްރައިވެޓް ލިމިޓެޑް ގެ ބިލްގައި 04 ދަތުރުކުރިކަމަށް ލިޔެ ފައިސާ ނަގާފައިވާއިރު، އިލެކްޝަންސް އޮފިޝަލެއްގެ ޙައިޞިއްޔަތުން މާލެއިން ފުވައްމުލަކަށް ދިޔަ ފަރާތް އެދުވަހު ކުރީ ޖުމްލަ 04 ދަތުރުކަން ކަމާއި، އެދުވަހު އަތޮޅުއޮފީހުގެ ވޭނުގައި އިލެކްޝަންސް އޮފިޝަލް ގޮވައިގެން ދަތުރުކުރިކަން މިކޮމިޝަންގެ ތަޙްޤީޤަށް މިމައްސަލައާ ގުޅިގެން ބަޔާންދިން ފަރާތްތަކުގެ ބަޔާންތަކުން އެނގޭތީއާއި، އިލެކްޝަންސްގެ އޮފިޝަލް ދަތުރުކުރުމަށް އަތޮޅުއޮފީހުގެ ވޭން ބޭނުންކުރީ ބަނދަރުން އަތޮޅުގެއަށް ދިއުމަށްކަމަށާއި، އޭގެ ފަހުން ކުރި 03 ދަތުރު ކޮށްފައިވަނީ އަމިއްލަ ފަރާތެއްގެ ގެ ކާރުގައި ކަމަށް އިލެކްޝަންގެ ކަންތަކާ ފުވައްމުލަކު އަތޮޅުއޮފީހުގެ ފަރާތުން ޙަވާލުވެގެން ހުރި އެ އޮފީހުގެ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ މުޙައްމަދު އަނީސް ޙުސައިން ބުނެފައިވާތީ، ތްރީ އޭ އެންޑް އެޗް ޕްރައިވެޓް ލިމިޓެޑް ގެ ވެހިކަލެއްގައި އިލެކްޝަންސްގެ އޮފިޝަލް ގޮވައިގެން 04 ދަތުރު ނުކުރާކަން ކަނޑައެޅިގެން އެނގޭތީއާއި، އިލެކްޝަންސްގެ އޮފިޝަލް ދަތުރުކުރީ އެއޮފިޝަލްގެ ގާތް ރަޙްމަތްތެރި އަމިއްލަ ފަރާތަކަށް ގުޅައިގެން ހަމަޖެއްސި ކާރެއްގައި ކަމަށް މުޙައްމަދު އަނީސް ބުނެފައިވީނަމަވެސް، ޖުޑީޝަލް ސާރވިސް ކޮމިޝަނަށް މެމްބަރަކު އިންތިޚާބު ކުރުމަށް މާލެއިން ޏ.ފުވައްމުލަކަށް ދިޔަ އޮފިޝަލް ގޮވައިގެން ތްރީ އޭ އެންޑް އެޗް ޕްރައިވެޓް ލިމިޓެޑް ގެ ވެހިކަލެއްގައި ދަތުރު ކުރިކަން އެނގިފައިނުވާ ކަމަށާއި، އެއޮފިޝަލް ގޮވައިގެން ދަތުރުކުރިކަމަށް ބުނާ އަމިއްލަ ފަރާތުގެ ނަމުގައި ސޮއިކޮށް ތްރީ އޭ އެންޑް އެޗް ޕްރައިވެޓް ލިމިޓެޑްއިން ފުވައްމުލަކު އަތޮޅުއޮފީހަށް ހުށަހަޅާފައިވާ ބިލްގައިވާ ސޮޔަކީ އެފަރާތުގެ ސޮއި ނޫންކަމަށް އެފަރާތުން ބުނެފައި ވާތީއާއި، ތްރީ އޭ އެންޑް އެޗް ޕްރައިވެޓް ލިމިޓެޑް އަކީ މުޙައްމަދު އަނީސް ޙުސައިން އާއި އޭނާގެ އަނބިމީހާ އަދި ފުވައްމުލަކު އަތޮޅުއޮފީހުގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރ ގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުނީގެ ވެހިކަލެއްގައި ދަތުރުކުރިކަމަށް ހަދައި ފައިސާ ނަގާފައިވަނީ އޮޅުވާލުމުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީ، މިކަމުގައި ފުވައްމުލަކު އަތޮޅުއޮފީހުގެ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ މުޙައްމަދު އަނީސް ޙުސައިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ އަމިއްލަ މަސްލަޙަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޏ. ފުވައްމުލައް /މާވޭދެ، މުޙައްމަދު އަނީސް ޙުސައިންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×