ނ.މާފަރު ސްކޫލްގެ ބިމުގެ ސަރަޙައްދު ކުޑަވުމުގެ ސަބަބުން ސްކޫލްގެ ގޯތި ބޮޑުކުރުމަށް ހުށަހެޅުމުން ނ.މާފަރު އޮފީހުގެ ފަރާތުން ސްކޫލްގެ އިރުން އޮތް ސަރަޙައްދުން ގޯތި އިތުރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އިތުރުކުރި ގޯތީގައި ހުރި ރުއްގަހުގެ ބަދަލު ފައިސާ އޭގެ ވެރިފަރާތްތަކާ ޙަވާލުކޮށް އެރުއްގަސްތައް ނީލަން ކިޔުމަށްފަހު ލިބުނު ފައިސާ ސްކޫލުން އޮފީހާ ޙަވާލުކޮށްފައި ނުވާކަމަށާއި، ސްކޫލުން އޮފީހަށް ފޮނުވި ސިޓީގައި އެފައިސާއަށް ވީގޮތް ނޭނގޭކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅި މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
ނ.މާފަރު ސްކޫލަށް 2006 ވަނަ އަހަރު އިތުރުކުރި ބައިގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދިނުމަށްފަހު އެތަކެތި ނީލަން ކިޔުމުން ލިބުނު ޖުމްލަ 10,840.00 (ދިހަހާސް އަށްސަތޭކަ ސާޅީސް) ރުފިޔާ ރަސީދުން ބަލައިގެންފައިވާކަން އެނގެން އޮތުމާއި، އެ ފައިސާ ބަލައިގަތް ފަރާތްތަކުން އެފައިސާ ނ.މާފަރު ސްކޫލްގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެގެންހުރި ނ.މާފަރު “ހަވާނާ” އަޙްމަދު ނަބީލާ ޙަވާލުކުރިކަމަށް އަޙްމަދު ނަބީލް މިކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވުމާއި، އަދި އެފައިސާ ތިޖޫރީއަށް ނުލާކަމަށްވެސް އަޙްމަދު ނަބީލް ބުނެފައިވުމާއި، އެފައިސާއިން ސްކޫލްގެ ބިލްތަކަށް ޚަރަދުކޮށްފައިވާނެކަމަށް އަޙްމަދު ނަބީލް ބުނެފައިވިޔަސް އެފައިސާ ޚަރަދުކުރީ ކޮންބިލް ތަކަކަށްތޯއާއި އެ ފައިސާ ޚަރަދުކުރުމާ ބެހޭ ލިޔެކިޔުންތައް ދެއްކުމަށް މިކޮމިޝަނުން އެދުމުން އެފައިސާ ޚަރަދުކުރެވުނީ ކޮންކަންތައްތަކަށްކަން މިހާރު ހަނދާންނެތްކަމަށް ބުނެފައިވުމާއި، އަދި މިކޮމިޝަނުން ބެލިބެލުމުންވެސް އެފައިސާ ޚަރަދުކޮށްފައިވާކަމުގެ ލިޔުންތައް ނ.މާފަރު ސްކޫލުން ފެނިފައިނުވުމާއި، އަދި އެފައިސާ ތިޖޫރީއަށް ވައްދާފައިނުވާކަން ލިޔެކިޔުމުން އެނގެން އޮތުމާއި، އަދި ރުއްގަސް ނީލަންކިޔައިގެން ގާތްގަނޑަކަށް 11,000.00 (އެގާރަހާސް) ރުފިޔާ ލިބުނުކަމަށް އަޙްމަދު ނަބީލްވެސް ބުނެފައިވުމާއެކު، ނ.މާފަރު ސްކޫލަށް 2006 ވަނަ އަހަރު އިތުރުކުރި ބައިގައި ހުރި ރުއްގަސް ނީލަން ކިޔައިގެން ލިބިފައިވާކަމަށް ލިޔުންތަކުން އެނގެން އޮތް 10,840.00 (ދިހަހާސް އަށްސަތޭކަ ސާޅީސް) ރުފިޔާ އަކީނ.މާފަރު “ހަވާނާ” އަޙްމަދު ނަބީލް ބޭނުންކޮށްފައިވާ އަދި އަޙްމަދު ނަބީލް ޒިންމާވާންޖެހޭ ފައިސާއެއްކަން ތަޙުޤީޤަށް ފާހަގަކުރެވެއެވެ. އަދި މިއީ އަޙްމަދު ނަބީލް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ނ.މާފަރު “ހަވާނާ” އަޙްމަދު ނަބީލްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު ނަބީލް ޒިންމާވާންޖެހޭ 10,840.00 (ދިހަހާސް އަށްސަތޭކަ ސާޅީސް) ރުފިޔާ އޭނާގެ އަތުން ދައުލަތަށް ހޯދުމުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.