މިމައްސަލައާއި ގުޅިގެން މަޖީދިއްޔާ ސްކޫލުގެ ލިޔުންތައް ބެލިބެލުމުން 2010ވަނަ އަހަރުގެ މަޖީދިއްޔާ ސްކޫލުގެ އަތްމަތީފޮތް ލިޔުމުގެ މަސައްކަތަށް މުޙައްމަދު ވަޙީދު ނަޖީބް އިތުރުގަޑީގެ ފައިސާ ނަގާފައިވާކަން މަޖީދިއްޔާ ސްކޫލުގެ ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ.
މަޖީދިއްޔާ ސްކޫލުގެ 2010ވަނަ އަހަރުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އަތްމަތީފޮތް ”މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ގަވާއިދު 2010” ތައްޔާރުކުރުމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ އިސްމާޢީލް ޙަވާލުކުރީ މަޖީދިއްޔާ ސްކޫލުގެ ލީޑީންގ ޓީޗަރ މުޙައްމަދު ވަޙީދު ނަޖީބާ ކަމާއި، ނަމަވެސް އެމަސައްކަތް މުޙައްމަދު ވަޙީދު ނަޖީބު ކުރުވާފައިވަނީ އޭނާގެ ދަރިއެއްކަމަށްވާ މެހެނާޒް ވަޙީދުއާ ހަވާލުކޮށްގެން ކަމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.22 ވަނަ މާއްދާ ގައި އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން އެމުވައްޒަފު އަދާ ކުރާ މަސައްކަތް ފިޔަވާ އޮފީހުގެ އެހެން މަސައްކަތެއް ކުރުވިޔަސް އެމަސައްކަތަކީ ބޭރު މީހަކު ލައްވާ އަގަށްކުރުވި މަސައްކަތެއްގެ ގޮތުގައި އަގެއްދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ، އެމަސައްކަތަށް އެއްވެސް އުޖޫރައެއް ލިބޭނެ ކަމަކަށް ހީނުކުރާ ކަމަށާއި، އަދި ދަރިފުޅުގާތުގައިވެސް އަތްމަތީ ފޮތް ޓައިޕްކޮށް ލޭއައުޓް ހެދުމުގެ މަސައްކަތަށް އެއްވެސް ފައިސާއެއް ލިބޭނެކަމަކަށް ނުބުނާ ކަމަށާއި، އެމަސައްކަތް ނިމުމުން ކުރިމަސައްކަތަށް ދަރިފުޅަށް ކޮންމެވެސް އަގެއް ދޭންވާނެކަމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ އިސްމާޢީލް ގާތުގައި ބުނިކަމަށާއި، ދަރިފުޅު ގާތުގައި އޭނާއަށް ފެންނަ އަގެއް ޖެހުމަށްފަހު ބިލް މަޖީދިއްޔާ ސްކޫލަށް ހުށަހެޅުމަށް ބުނިކަމަށް މުޙައްމަދު ވަޙީދު ނަޖީބު އިއުތިރާފްވެފައިވެފައިވާތީއާއި އެމަސައްކަތަށް މުޙައްމަދު ވަޙީދު ނަޖީބުގެ ދަރިފުޅު ހުށަހަޅާފައިވާ ބިލުގައި 01 ފޮތް ލިޔެ ޓައިޕްކޮށް ތައްޔާރުކޮށް އެކުލަވާލުން ކަމަށް ބަޔާންކޮށްފައިވާއިރު، 03 ފޮތް ނިމިފައި ކަމަށް ލިޔެ މުޙައްމަދު ވަޙީދު ނަޖީބު ސޮއިކޮށްފައިވާތީއާއި، މަޖީދިއްޔާ ސްކޫލުގެ 2010ވަނަ އަހަރުގެ ދަރިވަރުންނާ ބެލެނިވެރިންގެ އަތްމަތީ ފޮތުގެ މަސައްކަތަކީ 1,000 (އެއްހާސް) ރުފިޔާއިން މަތީގެ މަސައްކަތަކަށްވެފައި، މާލިއްޔަތު ގަވާއިދުގެ 8.14 ވަނަ މާއްދާގައި ބުނާފަދައިން ތަފާތު ތިންފަރާތުން އަގުބަލާފައިނުވާތީއާއި، މާލިއްޔަތު ގަވާއިދުގެ 8.22 ގައި ބުނާފަދައިން މަސައްކަތުގެ އެއްބަސްވުމެއް ހަދާފައި ނުވާތީއާއި، އެމަސައްކަތަށް ތައްޔާރު ކުރި ރިކުއެސްޓު ފޯމުގައި އެދުނު ފަރާތެއްގެ ގޮތުގައި މުޙައްމަދު ވަޙީދު ނަޖީބު ސޮއިކޮށްފައިވަނީ އޭނާގެ ދަރިފުޅު ހުށަހެޅި މަސައްކަތުގެ ބިލް މަޖީދިއްޔާ ސްކޫލަށް ހުށަހެޅިތާ 02 ދުވަސް ފަހުން ކަމަށްވާތީ، މިކަމަކީ މުޙައްމަދު ވަޙީދު ނަޖީބު އޭނާގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ދަރިފުޅަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ދަފްތަރު ނަންބަރ 3361 /މާލެ، މުޙައްމަދު ވަޙީދު ނަޖީބުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
އަދި މަޖީދިއްޔާ ސްކޫލުގެ 2010ވަނަ އަހަރުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އަތްމަތީފޮތް ”މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ގަވާއިދު 2010” ތައްޔާރުކުރުމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ އިސްމާޢީލް ޙަވާލުކުރީ މަޖީދިއްޔާ ސްކޫލުގެ ލީޑީންގ ޓީޗަރ މުޙައްމަދު ވަޙީދު ނަޖީބާ ކަމަށްވެފައި، މިކަމަށް އެދެފަރާތުގެ ބަޔާނުގައި އެއްބަސްވާތީއާއި، އެމަސައްކަތް މުޙައްމަދު ވަޙީދު ނަޖީބު ކުރުވާފައިވަނީ އޭނާގެ ދަރިފުޅާ ހަވާލުކޮށްގެން ކަމަށްވެފައި، މާލިއްޔަތު ގަވާއިދުގެ 8.14 ވަނަ މާއްދާގައި ބުނާފަދައިން ތަފާތު ތިންފަރާތުން އަގުބަލާފައިނުވާއިރު، އެމަސައްކަތަށް ތައްޔާރުކުރި “ރިކުއެސްޓް ފޯމް” އާއި “ޕާޗޭސް އޯޑަރ ފޯމް”ގައި ހުއްދަދިން ފަރާތުގެ ސޮއިކޮށްފައިވަނީ ޢަބްދުﷲ އިސްމާޢީލް ކަމަށްވާތީއާއި، އިސްވެ ދެންނެވުނު ދެފޯމުގައި ޢަބްދުﷲ އިސްމާޢީލް ސޮއިކޮށްފައިވަނީ އެމަސައްކަތަށް ހުށަހެޅި ބިލް މަޖީދިއްޔާ އަށް ސްކޫލަށް އެންޓްރީވިތާ 02 ދުވަސްފަހުން ކަމަށްވާތީއާއި، މިކަމަކީ ޢަބްދުﷲ އިސްމާޢީލް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، މ.ޢަޞުރުމާގެ، ޢަބްދުﷲ އިސްމާޢީލް މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.